އިންޑިއާ ސަރުކާރުގެ ބޭންކުން ދެކޭ ގޮތުގައި ރާއްޖޭގެ އާ ރައީސާއި އިންޑިއާއާ މެދު ފިސާރި ރަނގަޅު ގުޅުމެއް އޮންނާނެ އެވެ. އެކަމާ ހާހެއް ނުވެ އެވެ.
ރާއްޖޭގައި މިހާރު ނިމޭންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެން ގިނަ މަޝްރޫއުތަކެއް ކުރިއަށް ހިނގަހިނގާ އެބަހުއްޓެވެ.
ނަމަވެސް އާ ރައީސް / އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި މަގާމުގެ ހުވާ ކުރައްވާ ރިޔާސީ ދައުރެއް، ޕީޕީއެމް / ޕީއެންސީގެ ސަރުކާރު ފައްޓަވާއިރު ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ ރާއްޖޭގައި ހިންގާ، އިންޑިއާއިން ފައިނޭންސް ދޭ މަޝްރޫއުތަކުގެ ކުރިމަގާ މެދުގަ އެވެ. ރިޔާސީ އިންތިހާބަށް ފަހު އެ ސުވާލު ރާއްޖެ އާއި އިންޑިއާގެ މީޑިއާގައި އަބަދު ވެސް އޮވެއެވެ.
އެހެން އޮތް ނަމަވެސް ދިވެހިރާއްޖޭގެ އާ ރައީސް މުއިއްޒުގެ ޒައާމަތާއެކު ވެސް ޕްރޮޖްކެޓްތަކާ ގުޅޭ ކަންކަމުގައި އިންޑިއާގެ ގައުމީ ބޭންކް، އިންޑިއަން އެގްޒިމްގެ ކުޑަވެސް ނުތަނަވަސް ކަމެއް އަދި ވަހުމެއް ވެސް ނެތް މޭރުމަކުން އެ ބޭންކުން ވާހަކަ ދައްކަ އެވެ.
އިންޑިއާގެ ނޫހަކަށް ވާހަކަފުޅު ދައްކަވަމުން އިންޑިއަން އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އެން ރާމޭޝް ވިދާޅުވީ ދިވެހިރާއްޖެ ހިންގަން އާ ޒައާމަތަށާއި އާ އާވެރިޔަކަށް / ރައީސް މުއިއްޒު ވަޑައިގެންނެވި ނަމަވެސް އެ ބޭންކުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެއާ ހިލާފަށް އެ ބޭންކް ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ހަމަ ހަގީގަތުގައި ވެސް [ވެރިކަން ބަދަލުވިޔަސް] ހާލަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ." ރަމޭޝް ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި [އާ ރައީސް ޑރ. މުއިއްޒުގެ] ނިންމެވުންތައް ވަރަށް ބުއްދިވެރި ވާނެ އަދި އެ ގައުމުގެ ތަރައްގީއަށް ތާއީދު ކުރުމުގައި ތިބޭނެ. މިހާރު ވެސް އޮތް ގޮތަށް އެ ސަޕޯޓް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ތިބޭނީ... އެހެންވީމާ މިވަގުތު އަޅުގަނޑު ފާހަގަ ކުރާނެ ވަކި ކަންބޮޑުވުމެއް ނެތް،"
ރައީސް ސޯލިހު ވެރިކަމުގައި "އިންޑިއާ-ފަސްޓް" ޕޮލިސީ އެއް ގެންގުޅުއްވި އިރު، އެ ސިޔާސަތާއެކު ރާއްޖޭގައި އިންފްރާސްޓްރަކްޗާގެ ގިނަ މަޝްރޫއުތެއް އިންޑިއާގެ ހަރުދުގައި ވަނީ ފަށާފަ އެެވެ.
އަނެއްކޮޅުން "އިންޑިއާ އައުޓް" ކެމްޕޭނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރާއްޖޭގެ އާ ރައީސް، މުއްޒަކީ "ޗައިނާ ޕްރޯ" ލީޑަރެއްގެ ގޮތުގައި ސިފަ ކުރާއިރު އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް ރާއްޖޭގައި އެއްވެސް ވަރަކަށް އޮތުމާ އެ މަނިކުފާނު އަބަދުމެ ދެކޮޅު ހައްދަވަ އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުގެ ބޭންކުން ދެކޭ ގޮތުގައި ރާއްޖޭގެ އާ ރައީސާއި އިންޑިއާއާ މެދު ފިސާރި ރަނގަޅު ގުޅުމެއް އޮންނާނެ އެވެ. އެކަމާ ހާހެއް ނުވެ އެވެ.