ބަޖެޓްގެ ފޫކަހާލަނީ ؛ ބާކީ މި އަހަރަށް އޮތީ ތިން ބިލިއަން

މި އަހަރަށް ދިން ދައުލަތުގެ ބަޖެޓުގެ 68 ޕަސެންޓް މިހާތަނަށް ހަރަދު ކޮށްފައި ވަނީ ރިކަރަންޓް ހޭދަ އަށެވެ. އެންމެ ބޮޑު ހޭދައެއްކުރީ މުސާރަ ދޭށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު : ބޮޑު ހަރަދެއް ކުރަނީ ރިކަރަންޓް ހޭދައަށް -- ފިނޭންސް

މި އަހަރު ނިމެން ދެން ބާކީ އޮތީ މި މަހުގަ ބާކީ އޮތް ދުވަސްކޮޅަކާއި ޑިސެމްބަރު މަހެވެ. މުޅި އަހަރު ނިމުމަކަށް ދާއިރު މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓް އެއްކޮށް ދަނީ ހުސްވަމުންނެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އެދަނީ ބަޖެޓް ފޫކަހާލައި އެންމެ ފަހު އެތިކޮޅު ހަރަދު ކުރާށެވެ. ތެލީގެ ފުލުގައި ހުންނަ ބަތްކޮޅު އުނދުޅިން ކަހާލާ ގޮތަށް ކަހާލަން މި އަހަރަށް ބާކީ އޮތީ ތިން ބިލިއަނެއްހާ ރުފިޔާ އެވެ. 

ފިނޭންސުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މި އަހަރު ހަރަދު ކުރަން ދިން 40,718.3 ބިލިއަންގެ ބަޖެޓުން މިހާތަނަށް 37,641.2 ބިލިއަން ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރުގެ ތެރޭން ރިކަރަންޓް ހަރަދަށްކޮށްފައިވަނީ 68 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދުގެ ޕަސެންޓޭޖަކީ 32 ޕަސެންޓެވެ. 

ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް

  •  މުސާރައާއި ޕެންޝަނަށް : 2022 - 9.2 ބިލިއަން | 2023 : 9.7 ބިލިއަން
  •  އެޑްމިން ހަރަދުތަށް : 2022 - 13.9 ބިލިއަން | 2023 : 15.4 ބިލިއަން
  •  ލޮސް އަދި ރައިޓް އޯފް : 2022 - 44 މިލިއަން | 2023 : 373.9 މިލިއަން
  •  ޖުމްލަ ހަރަދު : 2022 - 31,6 ބިލިއަން | 2023 : 37,6 ބިލިއަން
  •  ރިކަރަންޓް ހޭދަ : 2022 - 23.2 ބިލިއަން | 2023 : 25.7 ބިލިއަން
  •  ޖުމްލަ ކެޕިޓަލް ހަރަދު : 2022 - 8.3 ބިލިއަން | 2023 : 12 ބިލިއަން

ބަޖެޓުގެ 68 ޕަސެންޓް ރިކަރަންޓް ހޭދައަށް

މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ހަރަދުތަށް ހުރި ގޮތަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތާ ބަލާނަމަ ބޮޑުތަނުން ވަނީ މަތިވެފަ އެވެ. މިގޮތުން އެންމެ ބޮޑަށް މަތިވެފައި ވަނީ ހަރަދުގެ ބައިގައި ހިމެނޭ ރިކަރަންޓް ހޭދަ އެވެ. ރިކަރަންޓް ހޭދައަށް މި އަހަރުގެ ބަޖެޓުގެ 68 ޕަސެންޓް ހޭދަވެފައި ވެއެވެ. މިދިޔަ އަހަރު 23,2 ބިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މި އަހަރު މި އަދަދު ވަނީ 25,5 ބިލިއަނަށް އުފުލިފަ އެވެ.  

ކެޕިޓަލް ހަރަދުގެ ބައިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އިންފްރާސްޓްރަކްޗާ އެސެޓްތަކަށެވެ. އެ ބަޔަކަށް މި އަހަރު 6,1 ބިލިއަން ހަރަދުވެފައި ވާއިރު މިދިޔަ އަހަރު މި އަދަދު ހުރީ 4,6 ބިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން ސަރުކާރުގެ އިމާރާތްތަކަށް ކުރި ހަރަދު ވެސް ވަނީ ބޮޑުތަނުން އުފުލިގެން ގޮސްފަ އެވެ. މި އަހަރު މި ހަރަދު 3.3 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މި ހަރަދުތަށް ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. 

މި އަހަރުގެ ބަޖެޓް ހުސްވުމަށް ދާއިރު މި އަހަރަށް އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ސަރުކާރުން ހޯދާފައިވެ އެވެ. އަދި އަންނަ އަހަރަށް ސަރުކާރުން ވަނީ 49.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސް ކުރަން މަޖިލީހަށް ފޮނުވާފަ އެވެ. 

ބަޖެޓްގެ ފަސް މަންޒަރު - މި އަހަރަށް ފާސް ކޮށް ދީފަ ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާ ކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓްގައި ޑެފެސިޓް ނުވަތަ ބަޖެޓް ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 8.6 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.