ވިނަރެހުގެ 123 އެޕާޓްމަންޓްގެ މުއާމަލާތް ޑެޑްލޮކަކަށް

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް ފްލެޓް ޓަވަރުތަކަކީ ހިޔާ މަޝްރޫއުގެ ބައެކެވެ.

ވިނަރެސް ފްލެޓުތައް : ބާކީވި އެޕާޓްމަންޓްތައް ވިއްކުމުގެ މުއާމަލާތް ވަނީ ހުއްޓިފައި

ހުޅުމާލޭގެ ހިޔާއަވަށުގެ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީވި އެޕާޓްމަންޓްތައް ވިއްކަން އާބަންކޯއިން އަލުން ހުޅުވާލަން ނިންމި ނަމަވެސް މި ސަރުކާރުގައި ދެން އެ މުއާމަލާތް ކުރިޔަށް ގެންދެވޭނެ ގޮތް ނުވެ އެ އެ ޕާޓްމަންޓްތަކުގެ މުއާމަލާތް ޑެޑްޑޮލަކަށް ހިނގައްޖެ އެވެ. 

ސަބަބު މެދުވެރިގެން ވިނަރެސް ޓަވަރުތަކުގެ ފްލެޓްތަކުން ނުވިކި ބާކީވެފައި ހުރީ 123 ފްލެޓެވެ. އެއަށް ޝައުގުވެރިގެން އެތައް ހާއްސަ ބަޔަކު ތިބިކަން މި މަހުގެ ފަސްވަނަ ދުވަހު ފުރުސަތު ހުޅުވާލުމުން ވަނީ ހާމަވެފަ އެވެ. 

ވިނަަރެސް ފްލެޓް ޓަވަރުތަކުން ބާކީވި އެޕާޓްމަންޓްތައް ވިއްކާ މުއާމަލާތަކަށް ނޮވެމްބަރު 5 ގައި ޕޯޓަލް ހުޅުވާލުވުމުން ބައި ގަޑި އިރު ތެރޭ ހުރިހާ ފްލެޓެއް ވިކި ހުސްވި ކަމަށް އާބަންކޯއިން ބުންޏެވެ. އެ ހުޅުވާލުމުގައި ނުވަ ފަރާތަކުން ވަގުތުން ފައިސާ ދައްކަން އެދުނެވެ. އެހެން މީހުނަކީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން ފްލެޓު ބުކްކުރި މީހުނެވެ. 

ނަމަވެސް އެ ދުވަހު ވަރަށް ގިނަ ބަޔަކު ކަން ބޮޑުވުން ފާޅުކޮށް ތުހުމަތުތައް ކުރަމުން ދިޔައީ އާބަންކޯ އިން ދުރާލައި ޕޯޓަލްގެ ތެރެއިން ވަކި ބަޔަކަށް ފެލްޓްތައް ވިއްކީ ކަމަށެވެ. އެ ތުހުމަތުތައް އައީ ފްލެޓްތައް ވިއްކަން އެޕްލޮކޭޝަން ފޯމު ހުށަހަޅަން ހުޅުވާލި ވަގުތު ޕޯޓަލްއަށް ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ކުރާނެ ފުރުސަތު ލިބުމުނެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާތީ ވިނަރެސް އެޕާޓްމެންޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލަން އާބޯކޯއިން ނިންމީ އެވެ. 

އެގޮތަށް ނިންމުމުން ވެސް ގިނަ ބަޔަކު ކުރީ ތުހުމަތެވެ. އެއްބައި މީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ހިމެނޭ ގޮތުން އެ ކުންފުނީގެ ބައެއް ވެރިންނަށް ޕޯޓަލަށް ނުވަދެވި، އެޕްލިކޭޝަން ލެވޭ ގޮތް ނުވެގެން ކެންސަލްކޮށްފައި އަލުން ހުޅުވާލަނީ ކަމަށެވެ. 

އާބަންކޯގެ ޕޯޓަލްއަށް ދިމާވި މައްސަލަޔާ ގުޅިގެން ބައެއް މީހުންނަކަށް ނުވަދެވުނެވެ. އަދި ވަދެވުނު ބައެއް މީހުނަށް އެތައް އިރެއްވީ އިރު ވެސް ސަބްމިޓެއް ނުކުރެވުނެވެ. ޕޯޓަލްއަށް މައްސަލަ ދިމާވީ އެޕާޓްމެންޓްތަކަށް 1،000 ގިނަ މީހުން ހުށަހަޅާފައި ވަނިކޮށެވެ.

އަބަންކޯއިން ބުނެފައި ވަނީ "... ދެންނެވުނު ޓެކްނިކަލް މައްސަލަތަށް ހައްލު ކުރުމަށް ފަހު ވިނަރެޝް މަޝްރޫއުއިން އެޕާޓްމެންޓް ބައްލަވައި ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއް މި ކޯރަޕޭޝަނުން އިއުލާނު ކުރާނެ ކަމުގައި ދަންނަވަން،" ކަމަށެވެ. 

އަރައިރުން ބޮޑުވެ އާބަންކޯގެ ބޯޑު ދެބައިވެފައި

އަބާންކޯގެ އެތެރެއިން ވެރިންނާ ހަމައިން "މި" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި 123 އެޕާޓްމަންޓްގެ މުއާމާލާތަށް ޕޯޓަލް އެ ދުވަހުގެ 10:00 ޖެހި އިރި ހުުޅުވާލުމުން އެއް ފަހަރާ 6000 އަށްވުރެ ގިނަ ޑިވައިސް އިން ވަންނަ ދިމާ ކުރުމުން މައްސަލަތަކާ ކުރިމަތި ވިއެވެ. އަދި ހަމަ އެވަގުތު އީފާސްގެ އިސޫއެއް ވެސް ކުރިމަތިވެ ގިނަ ބަކަށް ފުރުސަތު ގެއްލުނެވެ. 

އާބަންކޯއިން މި މައުލޫމާތު ބޭރު ކޮށްލައިދިން އެތާނގެ ވެރިޔަކު ވިދާޅުވީ މިހާރު އޮތް ޕްރޮސެސް ކެންސަލް ކުރަން މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ. އަދި އާބަންކޯގެ ލީގަލް ޓީމުން ވެސް ލަފައެއް ދީފައި ވަނީ ކެންސަލް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކެންސަލް ކޮށްފައި އަލުން ހުޅުވާލުމުގެ ޕްރޮސެސްއަކަށް ދާނަމަ ބޯޑުން ފާސް ކިުރަން ޖެހޭނެ ކަމަށެވެ. -- ކުރިއަށް ގެންދިޔަ ޕްރޮސެސް އޮތީ ހުއްޓުވާފަ އެވެ. އާ ޕްރޮސެސްއެއް ކުރިޔަށް ގެންދެވެނެ ހާލަތެއް ނެތެވެ. 

"އަލުން ހުޅުވާލަނީ އެޕްލައި ކުރާ މީހުންގެ ތެރެއިން ގުރު ނަގައިގެން އެޕާޓްމަން ވިއްކަން، އެ ޕްރޮސެސް ހިންގަން ބޯޑަށް ފޮނުވީމާ މިހާރުވެފައި އޮތް ގޮތަކީ ޑެޑްލޮކަކަށް ދިޔައީ... ބޯޑް ހުއްޓުނީ ... ބޯޑު އޮތީ ހުއްޓިފައި އެކަމަކު ބޯޑު ހުއްޓިފައި އޮތީއަކީ ސަރުކާ ބަދަލުވާ މަރުހަލާއާ ގުޅުމެއް އޮވެގެނެއް ނޫން. ބޯޑު ހުއްޓިފައި އޮތީ އެ މީހުން އެމީހުންގެ [ބޯޑު މެންބަރުން] ތެރޭގައި ހުރި އަރައިރުންތަކާ ހެދި ބޯޑު ދެބައި ވެގެން، ކޯރަމް ހަމް ނުކުރުމާއި އެފަދަ ބައިވަރު ކަންކަން ހުރެގެން."

އާބަންކޯގެ ބޯޑް

  • 1.މުހައްމަދު ޖައިސް އިބްރާހިމް - ޗެއާމަން
  • 2.އަހުމްދު އާތިފު - މެނޭޖިން ޑިރެކްޓަރު / ބޯޑްމެންބަރު
  • 3.ޝާތިރު އަބްދުއް ރަހްމާން
  • 4.ހަސަން މުނީރު
  • 5.އިބްރާހިމް އަފްރާތު
  • 6.އަބްދުﷲ ރަމީޒް
  • 7.މުހައްމަދު ޖަލާލް
  • 8.އަބްދުﷲ މިއާދު
  • 9.އާމިނަތު ސުވައިޒާ ނައީމް

އަލުން ހުޅުވާލަނީ އެޕްލައި ކުރާ މީހުންގެ ތެރެއިން ގުރު ނަގައިގެން އެޕާޓްމަން ވިއްކަން، އެ ޕްރޮސެސް ހިންގަން ބޯޑަށް ފޮނުވީމާ މިހާރުވެފައި އޮތް ގޮތަކީ ޑެޑްލޮކަކަށް ދިޔައީ... ބޯޑް ހުއްޓުނީ،

އާބަންކޯގެ އިސް ވެރިއެއް

 އޭނާ ވިދާޅުވި ގޮތުގައި ބޯޑެއް ނުބޭއްވޭނެ އެވެ. އަދިވ މި 123 އެޕާޓްމަންޓް ނަގުލުވާނީ ނޮވެންބަރު 17 އިގައި ފަށާ އާ ސަރުކާރުން ގެންނަ ބޯޑެއްގެ ތެރެއަށެވެ. ބޯޑު ޖަލްސާއެއް ބޭއްވޭނީ ވެސް އެ ހިސާބުންނެވެ. -- އެނގިފައިވާ ގޮތުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ދެން ވަޑައިގަންވާނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާ، ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

"އެހެން ނޫނީ ބޯޑު ބާވާން ޖެހޭނީ މައްސަލަ ހައްލު ކޮށްގެން... އެ ބޯޑުގައި އެބަތިބި އަލަށް އަންނަ ސަރުކާރުގެ ކޮޅަށް ގޮސް ތިއްބެވި ބޭފުޅުން ވެސް އެހެންވީމަ މި އޮތް ދުވަސްކޮޅުގައި އެކަން ވާނެ ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.  

ވިނަރެސްގެ 10 ޓަވަރު

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް ފްލެޓް ޓަވަރުތަކަކީ ހިޔާ މަޝްރޫއުގެ ބައެކެވެ. ވިނަރެސްގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓުމަންޓުތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.  ވިނަރެސް ފްލެޓު ލިބޭ 288 ފަރާތަކާއެކު އެގްރީމެންޓްގައި މިހާތަނަށް ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ އެޕާޓުމެންޓެއްގެ އަގަކީ 2.5-3 މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ކޮމެންޓް

2
450
ޥާންވާ
9 months ago

މަތީ ބޭފުޅުން ބޭނުންވި މީހުނަށް ބުކް ނުކުރެވުނީމަ ހެދިގޮތެއް. ގެއްލުނީ 123 އާއިލާއެއްގެ ޙައްގު

ފަރިއްޓޭ
10 months ago

ރަނގަޅަށް ތިހެދީ. ލާސްޓ މިނެޓް ގަ އަގުހެޔޮކޮއްލާފަ ބޯޑް މެމްބަރުންނާއި އާއިލާ މީހުންނާ ރައްޓެހިން ކުރީބައި ނަގައި ނިންމާފަ އާންމުންންނަށް އޮޅުވާލަން ޕޯޓަލް ބިޒީއޭ އޭއްޗެކެ މީއްޗެކޭ ކިއީ . އަހަރުމެން ނަށް ނޭގެނީކީ ނޫން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.