ދައުރު ނިމޭތީ، ބަޖެޓަށް މެންބަރުންގެ ޝައުގުވެރިކަމެއް ނެތް

އަންނަ އަހަރުގެ ބަޖެޓުގެ ގިނަ މަސައްކަތްތަކެއް ކުރަން މިހާރު އޮތް މަޖިލީސް މެންބަރުންނަށް ޖެހެ އެވެ. ނަމަވެސް ގިނަ މެންބަރުން ފެންނަނީ ދައުރު ނިމޭތީ އެކަމަށް އޮތް ޝައުގުވެރިކަން ކުޑަކޮށްލާފައިވާ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ޝަރީފާއި ދޮންބިލަތް އަހުމަދު -- ފޮޓޯ: މަޖިލިސް

އެހެން އަހަރުތަކުގައި ކަންވާ ގޮތަކީ މި އެވެ؛ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް އިންތިޒާރު ކުރަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަމާ މެދުގަ އެވެ. އެ މެންބަރު ހިމެނޭ ދާއިތާގެ ރަށްތަކުގައި އަޅާނެ ފުޓްސެލް ދަނޑު ޔަގީން ކުރުމަށެވެ. މެންބަރުގެ ރަށުގެ މަގު ހަދަން ފަށާނެ ތޯ ބެއްލެވުމުގަ އެވެ. މެންބަރު ރަށުގެ މަލްޓިޕާސަޕް ހޯލުގެ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯ ބައްލަވާށެވެ. އެކަމަކު މި އަހަރު އެވާހަކަ ދައްކަން ޖާގައެއް ނުލިބެ އެވެ. 

ބަޖެޓު ހުށަހެޅި ވަގުތާއި މަޖިލީސް ތަޅު އެޅުވުނު ވަގު ދިމާވެ މިވަނީ މެންބަރުގެ އެ ޝައުގުވެރިކަން ނުފެނި އެވެ. މިހާރު އެ ޝައުގުވެރިކަމެއް ނުވެސް ނެތެވެ. ސަބަބަކީ ފަސް އަހަރު ހެސްކިޔާފަ ބަޖެޓުގައި ކުދިކުދި ކަންކަން ބޮޑު އަގުގައި ހިމަނައިގެން ކުރި މަސައްކަތް ނިމުމަކަށް އައީ އެވެ. އެހެންވެ މި އަހަރުގެ ބަޖެޓަށް ހަގީގަތުގައި ގިނަ މެންބަރުންގެ ޝައުގުވެރިކަމެއް މިހާރަކު ނެތެވެ. އެކަމާހުރެ އަންނަ އަހަރުގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ "ފީކަޅާ" ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. 

މި މަހުގެ 17 އިން ފެށިގެން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ކުރީގެ ހައުސިން ވަޒީރު އަދި އެންމެ ފަހުގެ މާލޭގެ މޭޔަރަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެއް އިމްތިހާނަކީ މި ބަޖެޓާއެކު ގައުމު ހިންގަން ފަށަން ކުރަން ޖެހޭނެ މަސައްކަތް ތަކެވެ. އެކަން ކުރުމަަށް މަޖިލީސް މެންބަރުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ އެވެ. 

އެކަމަކު މިހާރު މަޖިލީސް އޮތްގޮތުން މެންބަރުންގެ ޝައުގުވެރިކަން ނެތް ކަމެއް ނުކުރާނެ އެވެ. ގިނަ މެންބަރުން މިހާރު ތިބީ އަންނަ އިންތިހާބަށް ނުނުކުންނަން ނިންމައިގެނެވެ. ހާއްސަކޮށް ބޮޑެތި ސިޓީ ތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު އެ ސިޓީތަކުގެ ރައްޔިތުން ގޮވަމުން ދަނީ މިހާރުގެ މެންބަރުން ނޫން ގޮތެވެ. އެ މެންބަރު އެމީހުން ބޭނުމެއް ނުވެ އެވެ. މިއީވެސް ގިނަ މެންބަރުން ބަޖެޓަށް ޝައުގުވެރިކަން ނެތް ސަބަބެވެ. 

އަނެއް ސަބަބަކީ ފެނަކަ ފަދަ ކުންފުނިތައް މެދުވެރިކޮށް ބައެއް މެންބަރުން ފިސާރި "ލާރި ހަދާލައިގެން" ތިއްބެވުމެވެ. ރަށްރަށުގައި ފެނަކަ ފަދަ ކުންފުނި ތަކުން ކުރި މަސައްކަތްތަކުގެ ފައިލްތައް ހުޅުވެމުން ދާއިރު ފެންނަނީ މެންބަރުންނާއި މެންބަރުންގެ އާއިލީ މަސްލަހަތުން ފޯވެފައި އޮތް މަންޒަރެވެ. ރަށްރަށުގައި ފެނަކައިން ކުރި މަސައްކަތްތަކުގައި ކާން ދިނުމާއި އެހެނިހެން ހިދުމަތްތަށް ދިނުމުގައި އުޅުނީ މުޅީން ވެސް މެންބަރުންގެ އާއިލީ މީހުނެވެ. ރަށްރަށުގައި ނެޓްވޯކް އެޅުމާއި އައުޓްސޯސް ކޮށްގެން ކުރި މަސައްކަތް މުޅިން ވެސް ކުރީ އެ ގޮތަކަށެވެ. މިގޮތަށް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ ފައިލްތަކެއް ފެނަކައިން ދަނީ ހުޅުވެމުންނެވެ. ނަމަވެސް އެކަން ކުރަން ބައެއް މެންބަރުންނަށް އޮތް މަގު ހަނިވެގެން ދިއުމަކީ ވެސް ބަޖެޓަށް ހާއްސަކޮށް ސަރުކާރު މެމްބަރުންގެ ޝައުގުވެރިކަން ގެއްލުނު ސަބަބަކަށްވުން ގާތެވެ. 

މެންބަރުންގެ ޝައުގުވެރިކަން މިކަމުގައި ނުފެނު ނަމަވެސް އަންނަ އަހަރު ވެސް ރާއްޖޭގައި ކުރަން ހުރި މަސައްކަތް މަދެއް ނޫނެވެ. މި ސަރުކާރުން ގިނަ ޕްރޮޖެކްޓްތަށް ނިންމަން ހިފި ނަމަވެސް ގިނަ ކަންކަން ހުރީ ނުނިމި އެވެ. އެހެންވެ އެ ޕްރޮޖެކްޓް އޮތް ގޮތަށް އެކަން ކުރަން ޖެހޭނެ އެވެ. އެ ނިންމަން ޖެހޭނެ އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުޅަހަޅާފަ އެވެ. 

އަންނަ އަހަރު ބަޖެޓުގެ ބައެއް މައުލޫމާތު: މިއީ 95.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް

މި ބަޖެޓުގައި ރައްޔިތުންނަށް ފުރިހަމަ ކޮށްދޭން ޖެހޭ ތަރައްގީގެ މަސައްކަތްތަށް މަދެއް ނޫނެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ނިންމަންޖެހޭ ފެނާއި ނަރުދަމާ / ބަނދަރުގެ މަސައްކަތެއް ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް އަންނަ އަހަރުވެސް އަދި ޖެހިގެން އަންނަ އަހަރުވެސް ކުރަން ޖެހޭ މަސައްކަތްތަށް މަދެއް ނޫނެވެ. އެކަން އެނގެނީ ބަޖެޓުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ބައިންނެވެ. ގޮނޑިން ފައިބަން ޖެހޭތީ މެންބަރުންގެ ޝައުގުވެރިކަން ބަޖެޓަށް ގެއްލުނަސް ކުރަން ހުރި މަސައްކަތްތަށް ގިނަ އެވެ. 

އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް 8.6 ބިލިއަން ރުފިޔާ ހަަރަދު ކުރާނެ އެވެ. މިއީ ބަޖެޓުގެ 17 ޕަސެންޓަށްވުރެ ބޮޑު ބައެކެވެ. މިބައިގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށަން ހިމަނާފައިވާ މަސައްކަތްތަށް ވެސް ހިމެނެ އެވެ. 

އަންނަ އަހަރު 1،700 މަޝްރޫއު

  •  ޕީއެސްއައިޕީގެ ޖުމްލަ ބަޖެޓް 8.6 ބިލިއަން
  •  އަންނަ އަހަރު ޖުމްލަ 1780 މަޝްރޫއު
  •  އަލަށް ފަށާ 317 މަޝްރޫއެއް (ހަރަދު 1.1 ބިލިއަން)
  •  މިހާރު ހިނގަމުންދާ 487 މަޝްރޫއު (ހަރަދު 6.2 ބިލިއަން )
  •  ބަޖެޓުގައި ހިމެނި އަމަލީ މަސައްކަތް ނުފަށާ 813 މަޝްރޫއު (ހަރަދު 1 ބިލިއަން )

އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް އެންމެ ބޮޑު ހޭދައެއް ކުރާނީ ވައިގެ ބަނދަރުތައް ހެދުމަށެވެ. 

އަންނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަށް ބެހިފައިވާ ގޮތް

މި މަހުގެ 17 ގައި ހުވާ ކުރާ އާ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެތެރޭގައި ގިނަ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ވެސް ހިމެނެ އެވެ. މި ބަޖެޓުގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި ވެއެވެ.

ބަޖެޓުގައި މިހުރިހާ މަސައްކަތްތަކެއް ކުރަން އޮތްއިރު ދަރަނީގެ މަސައްކަތްތަކަކީ ވެސް މަޖިލީހުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމެކެވެ. މި ބަޖެޓުގައި ދަރަނީގެ މައްސަލަ އިންތިހާއަށް އޮތްއިރު މިކަމުގައި މަޖިލީހުން މުހިންމު ގިނަ މަސައްކަތަކެއް ކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.