މުޅި ރާއްޖެއަށް މި ހަފުތާތެރޭގައި އެއްކޮށް ވިއްސާރަ ކުރި ނަމަވެސް އެއްވެސް ރަށަކަށް އުދަ އަރާނެ ކަމަށް މެޓުން ލަފާ ކޮށްފައެއް ނުވެއެވެ.
މި ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ހަފުތާއެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މި" ނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އާންމު މޫސުން ރަނގަޅު ކަމަށް ދެއްކި ނަމަވެސް އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް ވެދާ ފޯކާސްޓްތަކުން ދައްކާ ކަމަށެވެ. -- ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
"މި ހަފުތާ އެކީހެން [މޫސުން] މިކަހަލަ ގޮތަކަށް ދާނީ، ދެން އަންނަ ހުކުރު ދުވަހު އުޑުމަތި ކުޑަކޮށް ވެސް އަލިވާން ފަށާނީ،" އެ އޮފިޝަލް ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ މޫސުމަށް ބަލާއިރު ވެސް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގއ. އަތޮޅާއި ގދ. އަށް ކެރީގެ އަސަރު ކުރާނެ އެވެ. އަދި ހއ. އިން ފެށިގެން ލ. އަތޮޅުގެ ބައެއް ރަށްރަށަށް ގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ދެކުނަށް ވައި ޖެހޭނީ ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުހެ ބާރުމިނުގަ އެވެ. އެހެން ސަރައްދުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެ ސަރަހައްދުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.
މުޅި ރާއްޖެއަށް މި ހަފުތާތެރޭގައި އެއްކޮށް ވިއްސާރަ ކުރި ނަމަވެސް އެއްވެސް ރަށަކަށް އުދަ އަރާނެ ކަމަށް މެޓުން ލަފާ ކޮށްފައެއް ނުވެއެވެ.