މި ހަތަރު ކުންފުނީގެ ހާލަތު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވީ، މި ކުންފުނިތަކުގެ ހަރަދު މިހާ ބޮޑުވެފައި ވަނީ އިދާރީ ގޮތުން ވެސް ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައި ވާތީ ކަމަށެވެ.
ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ހަތަރު ކުންފުނި ކަމަށްވާ ފެނަކަ، ސްޓެލްކޯ، ވެމްކޯ އަދި އެމްޑަބްލިއުއެސްސީގައި ނުވަ ބިލިއަނުގެ ދަރަނި އެބަ އޮތް ކަމަށް އިންތިގާލީ ކޮމެޓީގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ހާލަތު ވަޒަން ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަދު ވަނީ އެ ހަތަރު ކުންފުނީގެ ހާލަތު އާންމު ކޮށްފަ އެވެ. މި ހަތަރު ކުންފުނީގެ ދަރަނި ބޮއްސުންލާފައި ވާއިރު، މާލީ ހާލަތު ވަރަށް ދެރަ ކަމަށް އިންތިގާލީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ސިފަ ކުރެވޭ ފެނަކައާއި ގުޅިގެން ފިރުޒުލް ވިދާޅުވީ މިތަނުގެ އިދާރީ އަދި މާލީ ކަންކަން އޮތީ ބޮއްސުންލާފައި ކަމަށެވެ. ސަބަބަކީ، އެ ކުންފުނީގެ ޕްރޮކިއުމެންޓް ކަންކަން ހިނގާ ގޮތުންނާއި، ބޮޑެތި އިންޓްރެސްޓްގައި ދަރަނި ނަގާފައި އޮތުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
"2022 ވަނަ އަހަރު އެކުންފުނީގެ ބަޖެޓް ފާސްކޮށްފައިވާއިރު، ޖުމްލަ ބަޖެޓްގެ ތެރެއިން 1.6 ބިލިއަން އެއީ ޑެފިޓިޓް ދަރަނިކަން ފާހަގަކޮށް ފާސްކޮށްފައިވޭ. ހަމައެގޮތަށް 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެއްވިއިރުވެސް 960 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގަ ހިމަނުއްވާފަވޭ ހަމައެކަނި. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ، ޑެފިސިޓްތައް ހިމަނުއްވާފަ ހުރިއިރު އެ ޑެފިސިޓް ފައިނޭންސް ކުރާނީ ކިހިނެއް ކަމެއް ހަރުދަނާ ގޮތެއްގަ ފާހަގަކުރައްވާފައެއް އެބޭފުޅުން ފާހަގަކޮށްފައެއް ނުވޭ،"
ފިރުޒުލް ވިދާޅުވީ އަންނަ އަހަރު ކުންފުނީގެ ދަރަނި އަދާކުރަން 185 މިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށެވެ. ނަމަވެސް، އެ ފައިސާ އެ ކުންފުންޏަށް ނުދެއްކޭނެކަން ފާހަގަ ވެފައިވާ ކަމަށެވެ.
ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯއަކީ މަހުން މަހަށް ފައިދާ ލިބޭ ކުންފުންޏެއް ނަމަވެސް، ކޭޝް ފްލޯ ދަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ:
"އެހެން ނަމަވެސް ކުންފުންޏަށް ދިމާވެފައި ހުރި ޑޮލަރު ލިބުމުގެ ދަތިތަކާ، ކޭސް ފްލޯ ދަށްވުމުގެ ދަތިތަކުގެ ސަބަބުން ކުންފުނިން 2024 ވަނަ އަހަރު އަދާ ކުރަންޖެހިފައި އޮތް 185 މިލިއަން ރުފިޔާ އަދާ ކުރުމަށް ކުންފުންޏަށް ދަތިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،"
އެމްޑަބްލިއުއެސްސީ އިން ފެނާ ނަރުދަމާގެ 28 ޕްރޮޖެކްޓް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް ނިންމުނީ 13 މަޝްރޫއު ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މި މަސައްކަތްތައް އޭގެ ޒާތުގަ ފަރުމާވެފައި ހުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން. މާނައަކީ އެބޭފުޅުން އަމިއްލައަށް ފައިނޭންސް ހޯދައިގެން ކުރިއަށް ގެންގޮސް މަސައްކަތް ފުރިހަމަ ވުމުން ސަރުކާރުން އޭގެ އަގު އަދާ ކުރާ ގޮތަށް. އެހެން ނަމަވެސް މިހާތަނަށް އެ މަސައްކަތުގެ ތެރެއިން ކޮށް ނިންމާ، ބިލު ކޮށްފަވާ އަދަދުތަކުގެ ތެރެއިން ނުލިބި 375 މިލިއަން ރުފިޔާ އެބަހުރި،" ފިރުޒުލް ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ކޭޝް ފްލޯ ވަރަށް ބޮޑަށް ދަށްވެ، ދަރަނި ނަގަން ޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ.
"ވެމްކޯއަށް ވެސް ކޮންމެ އަހަރަކު ވެސް މި ދަރަނި އޮތް އިރު ވެސް ކޮންމެ މަހަކު ކެޕިޓަލް އިންޖެކްޓްގެ ގޮތުގަ ސަރުކާރުން ހަރަދުކުރަން ޖެހޭ މުސާރަ ދިނުމަށާއި އިދާރީ ހަރަދުތައް ހަމަޖެއްސުމަށް. އޭގެ ނަތީޖާއެއްގެ ގޮތުން މިކަންކަން ހުރުމުގެ ސަބަބުން އަހަރުން އަހަރަށް ކުންފުންޏަށް ލިބެމުންދާ ގެއްލުން އިތުރުވަމުންދާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.
މި ހަތަރު ކުންފުނީގެ ހާލަތު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވީ، މި ކުންފުނިތަކުގެ ހަރަދު މިހާ ބޮޑުވެފައި ވަނީ އިދާރީ ގޮތުން ވެސް ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައި ވާތީ ކަމަށެވެ.
"ދެންމެ އަޅުގަނޑު ފާހަގަކުރި ހަތަރު ކުންފުނީގެ ދަރަނީގެ ގޮތުގަ ނުވަ ބިލިއަން ރުފިޔާ ޖުމްލަ ދަރަނީގެ ގޮތުގަ އޮތްކަން. އަދި ހަމަ އެހެންމެ، ކުންފުނީގެ މާލީ އަދި އިދާރީ ހަރުދަނާ ކެމެއް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، އެބޭފުޅުން ބަޖެޓް ފާސްކުރުމާ، ފައިނޭންޝަލް އޮޑިޓްތައް ގެންދަން ޖެހޭ ތަރުތީބުން ގެންދިއުމާ، އަދި ހަމައެހެންމެ ޕްރޮކިއުމެންޓާ އެބޭފުޅުންގެ ސްޓޮކް ބެލެހެއްޓުމާ މުވައްޒަފުންގެ މުސާރައާ، އިދާރީ ކަންކަން ވެސް އެކަށީގެންވާ މިންގަނޑުތަކަކަށް ހިފެހެއްޓިފަ ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެ ހަރަދު އިތުރަށް ބޮޑުވެ، ކުންފުނިތަކުގެ ހާލަތު ގޯސްވުމަށް މެދުވެރިވެފަ ހުރިކަން ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.
މި ތަފްސީލުތައް ހާމަނުކުރެއްވުމަށްފަހު ފިރުޒުލް ވިދާޅުވީ ޔޫޓިލިޓީ ހިދުމަތްތަށް ރަގަޅަށް ފޯރުކޮށްދިނުމުގެ ގޮތުން ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށެވެ. އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަން ފާހަގަކުރެއްވި އެވެ.