އަންނަ އަހަރު ބަޖެޓުގެ ހަތަރުބައި ކުޅަ އެއްބައި ހަރަދު ކުރާނީ މުސާރަ ދޭށެވެ. ރިކަަރަންޠް ހަރަދުތަށް މަތިވެގެން ގޮސް ބަޖެޓުގެ 70 ޕަސެންޓް ހާއްސަވާނީ އެކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓަށް ވާނެ ގޮތެއް ކުރިއަކުން ނުވިސްނަ އެވެ. އިގްތިސޯދީ ހާލަތަކަށް އަމުދުން ނުބަލަ އެވެ. ކެމްޕޭންގެ ވައުދު ލިސްޓަށް ލައި "ލޯ މަރާލައިގެން" ތިބެ މުސާރަތަކާ ކުޅެގަތީ އެވެ. އޭގެ ނަތީޖާއަކީ އަންނަ އަހަރަށް ހެދި ބަޖެޓްގެ ފޮތް ފެނުނުއިރު ފެންނާން އޮތް ތަނެވެ. ބަޖެޓް އޮތީ މިގޮތަށެވެ؛ ރިކަރަންޓް ހަރަދު ބޮޑުވެގެން ގޮސް ބަޖެޓުގެ ދިއުޅި ކަނޑައިގެން ގޮސްފައި ވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި 49.5 ބިލިއަން ނުވަތަ ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބަޖެޓުގެ 70 ޕަސެންޓް ހަރަދު ކުރާނީ ރިކަރަންޓް ހަރަދުތަކަށެވެ. މިއީ މިފަހުން ހުށަހެޅި ހުރިހާ ބަޖެޓެއްގެ ވެސް ޓްރެންޑެވެ. ނަމަވެސް މިފަހަރުގެ ބަޖެޓުގައި ރިރަންޓް ހޭދަ ބޮޑުތަނުން މަތިވެގެން ގޮސްފައި މިވަނީ އިންތިހާއަށް ދައުލަތުގެ ހަރަދު ބޮޑުވުމުންނެވެ. ސަރުކާރެއްގެ މެނޭޖް ކުރުން ދަށް ވެގެނެވެ.
މި އަހަރު 28.6 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށް ހަމަޖެއްސި ނަމަވެސް މި ބަޖެޓުން ނުވެގެން ހުށަހެޅި 3.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއެކު ރިކަރަންޓް ހަރަދު 31 ބިލިއަން ރުފިޔާއަށް އިތުރު ވެގެން ގޮސްފައިވެ އެވެ. މި ބަދަލާއެކު މުސާރައަށް ކުރަން ޖެހޭ ހަރަދު އަންނަ އަހަރު 19 ޕަސެންޓް އިތުރުވާނެ އެވެ. ސަބަބަކީ ކެމްޕޭން ތެރޭގައި މުސާރަތަށް ބޮޑު ތަނުން މައްޗަށް ޖައްސާފައި ވުމެވެ. މި ބަދަލާއެކު ބަޖެޓްގެ 70 ޕަސެންޓް މިހާރު ހަރަދުވާނީ ރިކަރަންޓް ހޭދަ އަށެވެ.
އަންނަ އަހަރުގެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ނުވަތަ 35 ބިލިއަން ރުފިޔާ މުސާރަ ދޭން ހަރަދު ކުރަން ޖެހޭނެ އެވެ. މިއީ މި ހިނގާ އަހަރަށްވުރެ 7.5 ޕަސެންޓް މަތީ އަދަދެކެވެ. ވަކިން ބަލާނަމަ އަންނަ އަހަރު މުސާރަ އާއި އިނާޔަތްތައް ދޭން 11.9 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެއީ މުޅި ބަޖެޓުގެ ހަތަރުބައިކުޅަ އެއްބަ އެވެ. މީގެ އިތުރުން އަންނަ އަހަރު ވެސް އިތުރު މުވައްޒަފުންގެ މުސާރަތަށް ބޮޑު ކުރަން ނިންމާފައިވުމުން އިތުރު 500 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.