މި ސަރުކާރުން ފެށި ސަފާރީ ބަނދަރުގެ ވެލި މިހާރު ހުރިކަމެއް ނޭނގެ

މި ސަރުކާރުން ބަނދަރެއް ހަދަން ދިޔަނެރު ހިއްކަން ފެށީ ރިޔާސީ އިންތިހާބުގެ ތެރޭގައި މިދިޔަ އަހަރުގެ 19 ގަ އެވެ.

އިންތިހާބީ ރައީސަށް މަރުހަބާ ކިޔަން ބޭއްވި ހަފުލާގައި އިއްސެ ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އެއްވެސް ސަރުކާރަކުން ސަފާރީ އުޅަނދުފަހަަރަށް "އަމާން ބަނދަރެއް" ހޯދައި ނުދެވުނު ކަމަށާ މިހާރު މިއޮތް ސަރުކާރުން ފެށި ބަނދަރުގެ މަސައްކަތް މިހާރު އޮތް ހިސާބު ސަފާރީ އުޅަނދު ފަހަރު ތަމްސީލް ކުރާ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަށް ނޭނގޭ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ. 

ސަފާރީ ބަނދަރެއް ހަދަން ކަމަށް ބުނެ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މާލެ އަތޮޅު ދިޔަރަނެރު ފަޅުގައި ވެލިބަސްތާ ޖަހައި މަސައްކަތް ކުރަމުން ދާ ފޮޓޯއެއް ބޯޓިން އެސޯސިއޭޝަނުން އާއްމު ކުރި އެވެ. 

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވަން މާލޭގެ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި އެ ޖަމިއްޔާގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ބަނދަރެއް ހަދަން ފެށި ކަމަށެވެ. އެކަމަކު މިހާރު އެތާނގައި ވެލި ހުރިކަމެއް ނޭނގޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެއްވެސް ސަރުކާރަކަށް ސަފާރީ އުޅަނދުފަހަރަށް އަމާން ބަނދަރެއް ހޯދައިދެވިފައި ނެތް ކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ސަފާރީ ބަނދަރެއް ހަދަން ހިއްކަން ފެށި ދިރަނެރު ފަޅު

"ޓޫރިޒަމް އުފެދުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ސަފާރީ އުޅަނދު ދުއްވަން ފަށައިފި. އަޅުގަނޑު ހަމަ ދެރަވޭ އިންޑަސްޓްރީގެ ބޭފުޅުން އެބަތިއްބެވި ބައިވަރު ބޯޓު ހައްދަވައިގެން ތިއްބެވި ބޭފުޅުން،" ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ވަގުތު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިއްސެ ވިދާޅުވި އެވެ. 

އުންމީދަކީ އާ ސަރުކާރު - އިއްސެގެ މިހާރުގެ އުންމީދަކީ ރައީސް މުއިއްޒުގެ އާ ސަރުކާރުން ސަފާރީ އުޅަނދު ފަހަރަށް ބަނދަރެއް ހަދައި ދިނުމެވެ.

"އަދި ރާއްޖޭގެ އެކި ތަންތަނުގައި ވެސް މިފަދަ އަމާން ބަނދަރުތައް އެޅޭނެ ކަމަށް އުންމީދަކީ،" އިއްސެ ވިދާޅުވި އެވެ. 

މަހުޖަނުންގެ އުޅަނދު ހިލޭ ރާއްޖޭގައި - އިއްސެ ވިދާޅުވި ގޮތުގައި ބޭރުގެ މަހުޖަނުންގެ އުޅަނދުތަށް ރާއްޖެ އައިސް "ހިލޭ" ތިބެ އެވެ. އެއީ ވެގެންވާނެ ގޮތެއް ނޫނެވެ. 

"މި އެއްޗިހި [މަހުޖަނުންގެ އުޅަނދު ފަހަރު] ން ޓެކުހެއް ނުދައްކާ. ޓެކްސް އެއްގޮތަކަށް ވެސް ނުދައްކަ. މި ކޮންސާންސް ރެއިޒް ކުރީމަ އެބޭފުޅުން ބުނަނީ ޖެފް ބެޒޮސް އައީމަ ރާއްޖެ މަޝްހޫރުވެއޭ. އެހެންވީމަ ޓެކްސް ނުދެއްކިޔަސް އޯކޭއޭ! އަޅުގަނޑުމެން އެ ކަންކަމާ ދެކޮޅު، ދިވެހިރާއްޖޭގެ މީހާ ޓެކްސް ދައްކަންޏާ. ބޭރު މީހާ ބޯޓު ބާއްވައިގެން ވިޔަފާރި ކުރާނަމަ ޓެކްސް ދައްކަން ޖެހޭނެ،" އިއްސެ ވިދާޅުވި އެވެ. 

އިއްސެ މިސާލެއްގެ ގޮތުގައި ޖެއްސެވީ މި ސަރުކާރުން ފައްޓަވަމުން މަސައްކަތްކޮށް ބޮޑު ފެއިލިއަރަކަށްވި "ކޮޗިން ފެރީ" ގައި އިންޑިއާއިން ގެނެސް ކަރާ ވިއްކުމާއި މި އުޅަނދުތަކުން ޓޫރިސްޓުން ގެނެސް ހިދުމަތް ދިނުމާ އެވެ.  

"ވަރަށް އަގުބޮޑެތި މީހުން މި އަންނަނީ. އެ އަގުބޮޑު މީހުން މައްސަލައެއް ނުޖައްސާނެ. ދިވެހިން ޓެކްސް ދައްކާ... އެހެންވެ އަޅުގަނޑުމެންގެ ކަނޑުގަ ދަތުރު ކުރާނަމަ ޓެކްސް ދައްކަން ޖެހޭނެ،" އިއްސެ ވިދާޅުވި އެވެ. 

ސަފާރީ އިންޑަސްޓްރީ - ރާއްޖޭގައި 163 އަށްވުރެ ގިނަ ސަފާރީގައި 3،181 އެނދު ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މި އުޅަނދުތަކަށް ބަނދަރެއް ނޯވެ އެވެ. ހުޅުމާލެ ބަނދަރުގައި ކުރިން ސަފާރީތަށް ހުރިނަމަވެސް އެތަނުން ގޯތިދޭން ހިއްކުމުން މިހާރު މިއުޅަނދު ފަހަރު ވަންނާނެ ބަނދަރެއް ނެތެވެ. އެހެން ބައެއް އުޅަނދު ފަހަރު މާލެ އަތޮޅުގެ އެކި ރަށްރަށާއި ކުޑަގިރި ބަނދަރުގަ އެވެ.

ކޮމެންޓް

1
450
ހަސަން
1 year ago

ނިމިދާ ސަރުކާރަށް ކޮންކަމެއްބާ ކުރެވުނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.