ރައްޔިތުންގެ ގޭގަ އަޣުލަބިއްޔަތުގެ އިތުބާރު ނެތް ދެބެންގެ ބާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އަންނަ އިރު ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ ސްޕީކަރެއްގެ ގޮތުގައި އިންނަވައި އެމްޑީޕީ ލަދު ގަންނަވާން ނިޔަތް ގަނެގެން އުޅުއްވުމަކީ މާނަހުރި ކަމެއް ނޫނެވެ.

ކުރެހުމަށް ބަދަލު އަންނަމުންދާ ދިވެހިރާއްޖޭގެ ސިޔާސީ ޗާޓުގެ ތެރޭ ރައީސް މުހައްމަދު ނަޝީދަކީ މޮޔައެއް ކަމަށް ހީކުރާނީ ސިޔާސީ މަސައްކަތުގައި އުމުރަށް ވެސް ގަމާރެކެވެ. ނަޝީދުގެ ސިޔާސީ ގާބިލު ކަމާއި ރޭވުންތެރިކަން އަންޑައެސްޓިމޭޓެއް ނުކުރެވޭނެ އެވެ. އެކަމަކު މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ތާއީދު ކޮށްގެން ތިބޭނީ މި ހަގީގަތް ގަބޫލު ކުރަން ބޭނުން ނުވާނެ މީހުނެވެ. 

އެމްޑީޕީގެ ބައިބައިވެގެން އެ ދިޔައީ ޕީޕީއެމް ދެބައި ވުމުގެ ރެޕްލިކާ އެއް ގޮތަށް، ވެރިކަމުގެ ބާރާ ހެދި އާއިލާތެރޭން ތަޅައިގަނެ އަދާވާތްތެރި ކަމަށް ބަދަލު ވެގެނެވެ. -- ލޭގެ އަދާވާތްތެރި ކަމަކީ ބޮޑު ނުރައްކަލެކެވެ.

ދެ ފެކްޝަން އުފެދި ވެރިކަމާއި ޕާޓީ ބާރުތައް "ދަމައިގަތީ" ރައީސް ސޯލިހެވެ. ނަޝީދަށް "ވަޅިޔާ ދަނޑާ މަރިޔަނބާ" ވެސް ގެއްލުނީ އެވެ. ކުރަން ޖެހި ވަޑައިގަތް ދަތުރަކީ އެމްޑީޕީގެ ރައީސް ކަމާއި ރީނދޫ ގަމީހާއި ޓައީތައް ދޫކޮށްލައްވައި ވަފާތެރިން ހަދައިދިން "ދަ ޑިމޮކްރެޓްސް" އާ ގުޅި ވަޑައިގަތުމެވެ.

މިިދިއަ ރިޔާސީ އިންތިހާބުގައި "އެއް ތަށިމަތީ ޒުވާނުން" ކޮޅެއްގެ ސިޔާސީ މުސްތަގުބަލު ކުރަހައި ދެއްވުމުގެ ސިޔާސީ ލޭބަލެއްގައި ރައީސް ނަޝީދު ހެއްދެވީ ސިޔާސީ ޓެސްޓެކެވެ. އެއިން ރަނގަޅު ރިޕޯޓް ކާޑެއް ލިބި ވަޑައިގެން ރާއްޖޭގެ ސިޔާސީ ޗާޓުގެ ކުރެހުން ބަދަލު ކޮށްލެއްވި އެވެ. 

ބަޔަކު ރުހުނަސް ނުރުހުނަސް ޑިމޮކްރެޓްސް އާއެކު މިހާރު ސިޔާސީ "ރަށްގުޑުން" އަންނަން ފަށާފައި ވެއެވެ. ސިޔާސީ ކަންކަން، އެއްކޮށް، ސިޔާސީ ކަންކަން ރޫޅައި "ސިޔާސީ ޒަލްޒަލާ" ގެންނަން ފަށާފައި ވެއެވެ. 

ހާލަތަށް ނަޝީދު ގެންނަ ހިނދުކޮޅެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ހަޔާތުން ބޮޑު ބަޔަކީ އެންމެ މަތީ ދަރަޖައިގެ ޑިކްޓޭޓަރެއްގެ ގޮތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ސިފަ ކޮށްދެއްވުމުގެ ރޭދުވާ ތަކެވެ. ހަމަ އެހެން މިހާރު މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސް، އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ގެ އަމަލުތައް ސިފަ ކުރާނަމަ އެއީ އެންމެ މަތީ ދަރަޖައިގެ ޑިކްޓޭރުންނަށް ނުވާނެ ގޮތެއް ކޮބައި ހެއްޔެވެ؟  

އެކަމަކު އެއީ ހާލަތަކަށް ނަޝީދު ގެންނަ ސިޔާސީ ހިނދުކޮޅެކެވެ؛ ވެރިކަމާ ގުޅޭ ސިޔާސީ ބޭނުމެއް ހާސިލު ކުރެއްވުމަށް ރައީސް ނަޝީދު ކިތަންމެ ދުރަކަށް ވެސް ވަޑައިގެންފާނެ އެވެ. ފަހުގެ ދުވަހަކު ރައީސް ސޯލިހު "ރައީސް ނަޝީދަށް ކުރިންވެސް އިތުބާރެއް ނުކުރެވެޔޭ" ވިދާޅުވީ ސަބަބެއް އޮވެގެނެވެ. އެއަށްވުރެ ބޮޑަށް، އެއަށްވުރެ ގާތުން ނަޝީދު އެނގި ވަޑައިގަންނަވާނެ އިންސާނަކު ނުހުންނާނެ އެވެ. ރައީސް ސޯލިހަށް މާކުރިން ވެސް ވެރިކަމާ ހެދި "ކަރުގައި ހިފާނެ" ކަން އެނގި ވަޑައިގަންނަވާތީ އޭގެ ކުރިޔަށް އެ ހުންނެވީ ނަޝީދުގެ ކަރުގައި ހިއްޕަވާ ބާރު ކޮށްލައްވައިގެނެވެ. 

މިހާރު ނުކުންނަނީ ކަރަށް ބާރު ވުމުން ނުކުންނަ ކުކުރުމެކެވެ؛ 

ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެވެ - އެއަކީ ރައްޔިތުންގެ ގެ އެވެ. ގާނޫނު ހެދުމުގެ ބާރު / ރައްޔިތުގެ މަޖިިލީހުގެ ބާރަކީ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ކޮއްކޯފުޅުގެ އާއިލީ ގެއެއް ނޫނެވެ. 

ރައްޔިތުން މަޖިލީހުގެ 49 މެންބަރުންގެ އަޣުލަބިއްޔަތުން އިތުބާރެއް ނެތޭ "ރިޔާސަތުން ފައިބައި ވަޑައިގެން މައްޗަންގޮޅީ މަދަށް ވަޑައިގަންނަވަހަރޭ" ބުނީމާ ބަދަވިކަން ނުދައްކަވާ ދެން ވަޑައިގަންނަވަންވީ އެވެ. މަޖިލީހުގެ ރިޔާސަތަކީ އެކެއްގެ ވެސް ތަރިކަ މުދަލެއް ނޫނެވެ. އެއީ ރައްޔިތުންގެ ގެ އެވެ.

އެހައި ބޮޑު އަދަދަކުން މެންބަރުން، އިތުބާރެއް ނެތޭ ބުނެ މައްސަލައެއް ހުށަހަޅައި، އެކަމަށް ދެވުނު 14 ދުވަހުގެ ނޯޓިސް ހަމަވެ މައްސަލަ އެޖެންޑާ ކުރުމުން އެ މަސައްކަތް ކުރާން މަޖިލީހަށް ފުރުސަތު ދޭންވީ އެވެ. އެހެން ވާން ދާތަން ދެކެން ގަބޫލުފުޅު ނޫނިއްޔާ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީމާ އެވީ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައި، އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާ ހާލަތެއްގައި އިސްތިއުފާ ދެއްވި އިރު ކޮންމެހެން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފައިވާ ތަނެއްގައި ގަދަކަމުން ހުންނެވުމުގެ މާނައެއް ނެތެވެ. 

އަޣުލަބިއްޔަތުން ހުށަހެޅި، މައްސަލައިން އާ މައްސަލައެއް އުފަންވެ މަޖިލިސް ޑެޑްލޮކަކަށް ގޮސް ކުރިޔަށް ދެވޭނެ މަގު ބަންދު ވުމުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާވެސް އަދި އެ މަޖިލީހުގެ އަމީން އާންމު، ފާތުމަތު ނިއުޝާ އާއި އޭނާއާއެކު ސާމިލުވާ މުޅި މަޖިލީހުގެ އިދާރާއިން ފުރަތަމަ ބަލަން ޖެހޭނީ ރައްޔިތުގެ މަޖިލީހުގެ ގަވައިދުގައި އެކަމަށް އޮތް ފަރުވާއަކަށެވެ. ގަވައިދުގައި އޮތް ފަރުވާއިން ރައްޔިތުންގެ ގޭގެ މަސައްކަތް ހިނގައިގަންނާނެ ގޮތަކީ ކޮބައިތޯ އެވެ؟ 

ނަމަވެސް ނަޝީދަށް އަމާޒުވާ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހު ކަންތައް ކުރި "ނުބައި ނުލަފާ" ގޮތް ބަލައިބަލާށެވެ؛މައްސަލައަށް ފަރުވާ ހޯދައި ދޭން އުޅުމުގެ ބަދަލުގައި މަޖިލީހުގެ އިދާރާއިން ދެއްކީ އަޣުލަބިއްޔަަތަށް ތަބާ ނުވާނެ، އަދި މަޖިލިސް ކުރިޔަށް ނުގެންދާން ބޭނުން ވާނެ ހުރިހާ ގޮތެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވައިދާއި އުސޫލުތަކާއި މަޖިލީހުގެ އަޣުލަބިއްޔަތަށް ތަން ނުދީ އަދި އަޣުލަބިއްޔަތު ވެސް ނެތް މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރައްވާ ދެބެއިންގެ ފަޅިއަށް އަރާން ޖެހޭނީ ކޮންމެވެސް ނުކަޝިޔާރު ކަމެއް / ނުރަނގަޅު ނުފޫޒެއް އޭގެ ފަހަތުގައި އޮވެގެން ނޫން ދެން އެހެން ކަމެއް ހެއްޔެވެ؟

ރައްޔިތުންގެ ގޭގައި ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް މަންދޫބުން "ކަސްތޮޅު އަޅުވައި އަނދަގޮނޑިއަށް ލާފައި" ބައިތިބުމަކީ، ރައްޔިތުންގެ ގޭގެ ރައީސްގެ ކޮއްކޯފުޅު މަޖިލީހުގެ އިދާރާއަށް ފޮނުވަލާ މެޑިކަލް ސެޓްފިކެޓަކަށް ބިނާވެފައި އޮންނަ ކަމަށް ވުމަކީ ސީދާ "ފެމިލީ ޑިކްޓޭޓަރުޝިޕެ" އް ރައްޔިތުންގެ ގޭގެ ރިޔާސަތުގައި އުފައްދާއި ފައްކާ ކޮށްފައި އޮތުމެވެ.

ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލަ ހުށަހެޅުމުގެ ޖާގަ ގާނޫނު އަސާސީ އާއި ރައްޔިތުން މަޖިލީހުގެ އޮންނަނީ ވަރަށް ބޮޑަށް ތަނަވަސް ކޮށްދީފަ އެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކާ ދޭތެރޭގައި އިތުބާރު ނެތް ކަމަށް ވާނަމަ އޭރެއްގައި މެޖޯރިޓީ އޮންނަ ބަޔަކު އެކަން ކުރާނެ އެވެ. 

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މަސައްކަތް ކުރާ ތަނަކަށް ވުމުން ސިޔާސީ ގޮތުން އިތުބާރު ނޯންނަ ފަހަރާއި އިތުބާރު އޮންނަ ހިނދުކޮޅު ކޮޅު އާދެ އެވެ. އިތުބާރު ނެތިއްޔާ އެ މީހަކާ ދޭތެރޭގައި އަމަލު ކުރާން އޮންނަ ގޮތް މަޖިލީހުގައި ހިންގާން ޖާގަ ހަދައިދީފައި އޮވެ އެވެ. އެކަން ނުކުރެވޭނެ ގޮތެއް، އަދި އެއާ ގުޅުވައި މަޖިލީސް ނުހިނގާނެ ގޮތެއް ދައްކަން މަޖިލީހުގެ އިދާރާއިން ދިމާ ކޮށްގެނެއް ނުވާނެ އެވެ. އެއާ އިދިކޮޅު ނަމަ އެއީ ނުބައިކަން ދެއްކުމެވެ. 

މި މައްސަލާގައި މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާއަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، އެޕްލައި ނުވާނަމަ ގާނޫނު އަސާސީގެ ތިން ވަނަ ބާބު ހުއްޓުމަކަށް ގެނައުމުގެ ޖާގަ ހުޅުވެ އެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރި ވެއްޖެ ހާލަތެއްގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ އާންމު އުސޫލެއް ގަވާއިދުގެ 44 ވަނަ މާއްދާ، އިން މަޖްލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ގައި ބުނާ މަގާމުން ވަކި ކުރުމުގެ ޖަލްސާއަށް އެޕްލައި ވެއެވެ. މިވަރު އަމީން އާންމަށާއި ކައުންސެލް ޖަނަރެލަށް އެނގިވަޑައި ނުގެނެއް ނުތިއްބަވާނެ އެވެ. އެއީ ކަންކަން ނުދަންނަ ރޯނުއެދުރު ބޭފުޅުންކޮޅެއް ނޫނެވެ. 

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، މަޖްލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާއަކަށް އެޕްލައި ނުވާ ކަމަށް ދެކޭ ނަމަ އެއީ ގާނޫނު އަސާސީގެ ތިން ވަނަ ބާބު ހުއްޓުމަކަށް ގެނައުމުގެ ޖާގަ ހުޅުވުމުގެ އިތުރަށް މިހާރު އޮތް ހާލަތުގައި ދައުލަތުގެ ގާނޫނު ހަދާ ބާރު "ހިސޯރަކަށް ގެންދަން" މަޖިލީހުގެ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، ނައިބު ރައީސް އީވާއަށް އެ ހުއްދަ ދީ، އަޣުލބިއްޔަތުގެ ބާރު ނިގުޅައި ގަތީ ކަމަށް ވާނެ އެވެ.

އަދި މިހާރު އޮތް ހާލަތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބާރު ކަނޑުވާލުމެވެ. އީވާގެ ސަލާމް ވިދާޅުވުން މި ހާލަތު އިތުރު ދުވަސްތަކަކަށް ދެމިގެން ދާން ވެއްޖެ ނަމަ ދިވެހިރާއްޖެ ދުސްތޫރީ އޮއިގަނޑެއްގެ ތެރެއަށް ދަމައިގަންނާނެ އެވެ.  

އެހެންވީމަ އަޣުލަބިއްޔަތު ތެދުވެ މަޖިލީހަށް ވައްދާފައިވާ ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައަށް އެ މަޖިލީހުގެ ތަރުތީބުގެ ތެރެއިން ފުރުސަތު ދޭން ޖެހޭނެ އެވެ. އެ މަޅީގައި ނުބެދޭނެންޏާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވާހެން "އިސްތިއުފާ ދީފައި ގެއަށް ކަނޑާލާ" ށެވެ. އޭރަށް އެ ހަޑީން ރީއްޗަށް ތާހިރު ވެވުނީ އެވެ.

ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ:

  •  ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ
  •  ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާ
  •  ފަސް މެންބަރުން ކަނޑައަޅަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭ
  •  އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ
  •  ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން
  •  މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް
  •  އެ މެންބަރުން ކަނޑައަޅާފައި ނުވާ ނަމަ އަދި ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދޭނަމަ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅެއް

މި ފަދަ ހާދިސާއެއް މީގެ ކުރީން ދެ ފަހަރަކު ދިމާވެފައި ވެއެވެ. އެއް ފަހަރަކު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހިމްގެ މައްސަލަކެވެ. އެމްޑީޕީން އައްބާސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އިރު، ބަގުޑި ބައްދައިގެން ހުންނެވެން ވެސް އޮތެވެ. އެކަމަކު ހަޑިއެއް ނުހާވާ އިސްތިއުފާ ދެއްވާފައި ވަޑައިގަތީ އެވެ. އޭގެ ފަހުން "ތައްޓު މައްޗަށް ކަންނެލި އުކާލާ" ގޮތަށް ސިފައިން ލައްވާ މަޖިލިސް މެންބަރު އުކައިލި އަމުރު ނެރުއްވެވި އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި، ވާން ދައްކަ ދައްކާފައި ޖެހި ވަޑައިގަތީ އިސްތިއުފާ ދެއްވާށެވެ. ނަޝީދު ވެސް އިސްތިއުފާ ދެއްވީމާ އެ ނިމުނީ އެވެ.

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އަންނަ އިރު ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ ސްޕީކަރެއްގެ ގޮތުގައި އިންނަވައި އެމްޑީޕީ ލަދު ގަންނަވާން ނިޔަތް ގަނެގެން އުޅުއްވުމަކީ މާނަ ހުރި ކަމެއް ނޫނެވެ.

ދެ ތިން މަހުގެ އުމުރަކުން ޑިމޮކްރެޓްސް ހޯދި ކާމިޔާބާއި އެމްޑީޕީގެ ގޮތް ދޫނުކުރުމާއި އެ ޕާޓީގެ ތަރުތީބު ގެއްލިފައި އޮތުމުން އަދިވެސް ރައީސް ނަޝީދުގެ ސިޔާސީ މުސްތަގުބަލު ވަރަށް ރޯޝަނެވެ. ޑިމޮކްރެޓުން ނުކުމެ ދިވެހި ރާއްޖެއަށް ބޮޑު ބަދަލެއް ގެންނަން ދާ ތަން ފެނެ އެވެ. 

ހުރިހާ ލޮލެއްވެސް ބަލަނީ މި ރާއްޖޭގައި ހިނގާ ސިޔާސީ ކަން ކަމުގައި ނަޝީދުގެ ސިޔާސީ އާ ދަތުރު ބައްޓަންކުރާނެ ގޮތަކަށެވެ. މިހައިރު މަގާމެއްގެ ދަހިވެތި ކަމުގައި ގަދަބަދަވި ކަން ދައްކައި އަޣުލަބިއްޔަތާ ދެކޮޅަށް ކުރައްވާ މަސައްކަތުގެ ސަބަބުން "މަންޑޭލާ" ގެ ރީތި ނަމުން "މުގާބޭ" ހުތުރު ނަން ލިބޭން ދާއިރު ތިޔަށްވުރެ ވަކީން ގަމާރީ ކާކު ހެއްޔެވެ؟ 

ކޮމެންޓް

1
450
މަންނު
1 year ago

ވަރަށް ރީތި ފުރިހަމަ ލިޔުމެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.