ރޭގެ ނުރައްކާތެރި އެކްސިޑެންޓް ހިނގީ އަބްދުއްރަޝީދުއާ އޭނާގެ ފިރިހެން ދަރިފުޅު އަލީ ޝަރީފު ރޭގަނޑުގެ މަސްވެރި ކަމަށް ނިކުމެ އުޅުމަށް ފަހު އިހަވަންދުއަށް ދަތުރު ކުރަނިކޮށެވެ.
ހުވަހަންދޫ ކައިރީ ދޯންޏަކާއި ޑިންގީ -- ކުޑަ ލޯންޗެއް -- އެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އިހަވަންދޫ ނަޔާޑޭޒީ، އަަބްދުއްރަޝީދު މުހައްމަދު (68) ވަނީ ނިޔާވެފައެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ޑިންގީ، ދޯނީގައި ޖެހުމާ އެކު އަބްދުއްރަޝީދު ކަނޑަށް ވެއްޓުނެވެ. އޭނާ ކަނޑުން ނެގީ އެކްސިޑެންޓްގެ ހަބަރު ލިބިގެން އިހަވަންދޫ އިން އައި ބައެކެވެ. އޭރު ރަޝީދުގެ ހަށިގަނޑު އޮތީ ފެނުން މަތީގައެވެ. އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ރަޝީދު ވަނީ ނިޔާވެފައެވެ.
ރޭގެ ނުރައްކާތެރި އެކްސިޑެންޓް ހިނގީ އަބްދުއްރަޝީދުއާ އޭނާގެ ފިރިހެން ދަރިފުޅު އަލީ ޝަރީފު ރޭގަނޑުގެ މަސްވެރި ކަމަށް ނިކުމެ އުޅުމަށް ފަހު އިހަވަންދުއަށް ދަތުރު ކުރަނިކޮށެވެ. އިހަަވަންދޫއާ ދާދި ގާތުގައި ވަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ޑިންގީއެއް ދޯނީގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.
އޭރު ދޯނި ދުއްވަން ހުރީ އަބްދުއްރަޝީދެވެ. ޑިންގީއާ ދޯނި ޖެހުމާ އެކު އަބްދުއްރަޝީދު ކަނޑަށް ވެއްޓުނެވެ. ދުވަމުން ދިޔަ ދޯނި ހުއްޓުމެއް ނެތި ކުރިއަށް ދިޔައީ އެކްސިޑެންޓްގައި ދޯނީގެ ހުންގާނު ހަލާކުވުމުންނެވެ.
އެކްސިޑެންޓަށް ފަހު ޑިންގީ ދުއްވާފައި ގޮސް އިހަވަންދޫ ބަނދަރަށް ވަނީ އެވެ. އަދި އަނިޔާވި މީހުން ފަރުވާއަށް ގެންދެވުނެވެ. ކަނޑުމަތީ އެކްސިޑެންޓެއް ހިނގިކަން އިހަވަންދޫ މީހުންނަށް އެނގުނީ އެ ހިސާބުންނެވެ. ނަމަަވެސް އެކްސިޑެންޓްވީ އިހަވަންދޫ ދޯންޏަކާ ޖެެހިގެން ކަމެއް އެ މީހުންނަކަށް ނޭންގެ އެވެ. އެކްސިޑެންޓްވީ ދޯންޏަށް އެހީތެރިވާން އިހަވަންދޫން ބަޔަކު ދިޔައިރު އަބްދުއްރަޝީދުގެ ހަށިގަނޑު އޮތީ ފެނުން މަތީގައެވެ.
އިހަވަންދޫގެ ނޫހަކާއި ވާހަކަ ދައްކަމުން އަލީ ޝަރީފް ބުނި ގޮތުގައި އެކްސިޑެންޓަށްފަހު އެހީއަށް އެދި ގޮވި އަޑު ޑިންގީގައި ތިބި މީހުންނަށް އިވޭނެއެވެ. ނަމަވެސް އެމީހުންގެ ފަރާތުން އެހީތެރި ކަމެއް ނުލިބެއެވެ.
އެ ނޫހުން ބުނި ގޮތުގައި އެހީއަށް އެދި ގޮވި އަޑު ޑިންގީގައި ތިބި މީހުންނަށް އިވުނު ކަމަށް އެ މީހުން ވެސް ބުނެ އެވެ. އެކަމަކު އިހަވަންދޫ ފަޅަށް އަވަހަށް ވަނީ ޑިންގީ ފަޅައިގެން ގޮސް އަޑިއަށް ދާތީ އެވެ. އެ މީހުން ބުނާ ގޮތުން އެކްސިޑެންޓްވީ އިރު ދޯނީގައި އެއްވެސް އަލި ކަމެއް ނެތެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ އެހެން ވެގެނެވެ. އެކްސިޑެންޓް ވީއިރު ޑިންގީ ދަތުރު ކުރަމުން އައީ ހދ. ނެއްލައިދޫން ހއ. ވަނގާރަށެވެ.
ރޭގެ ހާދިސާއާ ގުޅޭ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށް އެނގިފައިވެ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަ އެއް ނުކުރެ އެވެ.
ރޭގެ ހާދިސާ ގައި އަނިޔާވި ބައެއް މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަދިވެސް ފަރުވާ ދެމުން އެބަ ދެ އެވެ.
ދޯނީގައި ހުރި އަބްދުއްރަޝީދުގެ ދަރިފުޅު، އަލީ ޝަރީފަށް މާބޮޑު އަނިޔާ އެއް ލިބިފައެއް ނުވެއެވެ. އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ބާއްވާފައެވެ.