ލިޔެކިޔުންތައް ނައްތާލި މައްސަލަ ފުލުހުންގެ ސަމާލުކަމަށް

އޭސީސީން ބުނީ ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި، އެތަކެތި ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނުނުތަކުން ކުށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

އޭސީސީގެ މެމްބަރުން: ލިޔެކިޔުންތައް ނައްތާލި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައި --

ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި ލިޔެކިޔުންތަކަށް އެގޮތް މިގޮތް ހަދައި ފޮރުވައި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ފުލުހުންގެ ސަމާލު ކަމަށް ގެންގޮސްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން 
(އޭސީސީ) އިން ބުނެފި އެވެ.

އާ ސަރުކާރު އައުމުގެ ޓްރާންސިޝަން މަރުހަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރާކަމުގެ އަޑު ފެތުރިފައި ވަނިކޮށް އިއްޔެ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ. 

އެ ވީޑިއޯއިން ފެންނަނީ ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލާ މަންޒަރެވެ.

އޭސީސީން ބުނީ ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި، އެތަކެތި ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނުނުތަކުން ކުށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. 

އެހެންވެ، އެކަން މިހާރު ފުލުހުންގެ ސަމާލުކަމަށް ގެނެސް، އަދި މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގައި އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން އިތުރަށް ބުނެފައި ވަނީ މިގޮތަށް ލިޔެކިޔުންތައް ނައްތާލުމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ވެސް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި، އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި ނަޒާހާތްތެރިކަން އިސްކޮށް، އެކަން ނުކުރުމަށް ވެސް އެދިފައިވެ އެވެ.

އެފްއެސްއެމް މުވައްޒަފަކު އާންމު ކުރި އެ ވީޑިއޯއާ ގުޅިގެން އެކުންފުނިން ބުނެފައި ވަނީ ނައްތާލީ ގިނަ ދުވަސްތަކެއް ވަންދެން ގުދަންކޮށްފައިވާ ބޭނުން ނުކުރާ ލިޔެކިޔުންތަކެއް ކަމަށެވެ. އެކަމަކު ސަރުކާރަށް މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މި ނޫނަސް އެހެން އިދާރާތަކުގައި ވެސް މިފަދަ އަމަލުތައް ކުރަމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.