ބޮޑު ސަޕްލިމެންޓްރީ ބަޖެޓުން ފެންނަނީ ބޮޑު ފެއިލިއާއެއް

ސަރުކާރުން މިދިޔަ އަހަރު ވެސް ފަސް ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ނެގި އެވެ. މި އަހަރު ހަ ބިލިއަންގެ ބަޖެޓެއް ހޯދަން މިވަނީ އެދިފަ އެވެ. މި ފެންނަނީ ސިޔާސަތުތަކުގެ ދޯހަޅިކަމުން މުޅި ސިސްޓަމް ބޮއްސުންލައިގެން ދާތަނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މާލީކަންކަން ރަނގަޅަށް ގެންދެވިފައެއް ނުވޭ

މި އަހަރަށް ފާސްކޮށް ދިން ބަޖެޓު މާކުރީ ހުސް ކޮށްލައިފި އެވެ. އެ ހުސްކޮށްލައި އިތުރު ބަޖެޓަކަށް ސަރުކާރުން އަނެއްކާ ވެސް މަޖިލީހުގައި އެވަނީ އެދިފަ އެވެ. އިތުރަށް އެދުނީ ސަޕްލިމެންޓްރީ ބަޖެޓެއް ދިނުމަށެވެ. ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކައާ ހަމައިން، މިދިޔަ އަހަރު ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅި ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ކަންބޮޑުވުން ފާޅު ކުރައްވައި ދެއްކެވި ވާހަކަފުޅެއް ހަނދާން ވެއެވެ. 

ރައީސް ނަޝީދު އެ ދުވަހުގެ ކަންބޮޑުވުން އައިސްފައިވަނީ ހަމަ މި ދަނޑިވަޅަށެވެ. އާ ބަޖެޓެއް ބޯމަތިވެފައި ވަނިކޮށެވެ. އެ ދުވަހު ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެ މަސް ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ވާނެ ކަމަށް އެމަނިކުފާނަށް އަންދާޒާއެއް ނުކުރެވެ އެވެ. އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް ހަމަ ސަޕްލިމެންޓްރީ ބަޖެޓެއް ނަގައިގެން ސަރުކާރުން ބޭނުން ކުރި އެވެ. އަދި އޭގެ ކުރީ އަހަރާއި އެއަށްވު ކުރިން އައި އަހަރުގެ މި ތާރިހުގައި ވެސް އިތުރު ބަޖެޓެއް ބޭނުން ވެގެން ހޯދި އެވެ. އެހެންވެ މި ސަރުކާރު ފާހަގަވެފައި މިވަނީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި ކޮންމެ އަހަރު ދޭ ބަޖެޓު އަހަރު ނުނިމެނީސް ހުސްކޮށްލައި އަލުން ބަޖެޓަށް އެދުމުގެ ރެކޯޑެއް އޮތް ސަރުކާރަކަށެވެ.

ބަޖެޓުތައް ހަދަނީ ފަސް އަހަރުގެ ވެރިކަމެއްގެ މެނިފެސްޓޯއަށް ސިޔާސަތު ކުރަހައިގެނެވެ. އެ ބަހާލައިގެން ކޮންމެ އަހަރަށް ބޭނުންވާ ބަޖެޓު ހޯދަނީ އެވެ. އެކަމަކު ކޮންމެ އަހަރެއް ނިމުމުގެ ކުރިން ބަޖެޓު ހުސްކޮށްލުމުން އެނގެނީ ސިޔާސަތުތަކުގައި ބޮޑު މައްސަލައެއް އުޅޭ ކަމެވެ. މިއީ ސިޔާސަތުތައް ބޮޑުތަނުން ފެއިލްވެ މާލީ ސިޔާސަތު ފޫގޮސް ފައިވާކަމުގެ ހެއްކެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ 

މިދިޔަ އަހަރު ފަސް ބިލިއަން މި އަހަރު ހަ ބިލިއަން އިތުރަށް ހޯދަން އެދުމުން ފެންނަނީ އެކަމެވެ. މާ މޮޅު އިގްތިސޯދީ މާހިރަކު ވިދާޅު ނުވިޔަސް ބަޖެޓު ތަޅާ ހުސްކޮށްލިތަން އެންމެންނަށް އެބަފެނެ އެވެ. މިކަން އެންމެނަށް ވެސް އެނގެ އެވެ. 

ބޮޑު ބަޖެޓު ހުސްކޮށްލި ގޮތާމެދު ސުވާލެއް؟

މި އަހަރަށް ސަރުކާރުން އެދިގެން މަޖިލީހުން ފާސް ކޮށްދިނީ 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓުގައި ހަރަދު ކުރަން 32 ބިލިއަން ރުފިޔާ ދީފައި ވެއެވެ. ނަމަވެސް އަހަރު ނިމުނުއިރު ދިން ބަޖެޓަށްވުރެ އިތުރަށް ހަރަދުވެސް އޮތީ ކޮށްފަ އެވެ. 

ފިނޭންސުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ނެތް އެކިއެކި މަޝްރޫއު ތަކަށް 73 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ. އަދި މި އަހަރަކީ ކެމްޕޭން އަހަރަށް ވުމުން ބަޖެޓުން ހަރަދު ކުރީކީ ވަކިގޮތެއް ބަލައިގެނެއްވެސް ނޫނެވެ. މިއީ ރާއްޖޭގައި އަލަށް ހިނގާކަމަށް ނުވި ނަމަވެސް މިކަމުގައި ވެސް މިފަހަރު ސަރުކާރު އޮތީ މާ މަތީގަ އެވެ. 

އިންތިހާބު ބޯމަތިވުމުން ވައުދު ފުއްދަން ކުރު ގަޅުވާލައިގެން ފެށި މަސައްކަތުގެ ދަށުން ބިން ހިއްކުމަށް ވެސް ކުރިން އަންދާޒާ ނުކުރާ ހަރަދުތަކެއް ކޮށްފި އެވެ. ކުރިން ބިން ހިއްކަން ޕްލޭން ކުރި ރަށްތަކުގެ ލިސްޓު ދިގުވެގެން ގޮސް މި މަސައްކަތް ކުރަން އޮންނަ ކުންފުންޏަށް އޮބި ނޯން ހިސާބަށް ދުއްވާލި އެވެ. މީގެ އިތުރުން މުސާރަ ބޮޑު ކުރުން ވެސް މި އަހަރަށް ބާއްވައިގެން އެންމެ ފަހު ވަގުތު ފުލުފުލުގައި މުސާރަ ތަކަށް ބޮޑު ބަދަލު ތަކެއް ގެނެސްފައި ވެއެވެ. 

މުސާރަ ބޮޑު ކުރުމުގެ ކުރީގައި މުދަލުގެ އަގު ބޮޑުވާނެ ހުރިހާ ގޯހެއް ސަރުކާރު ހެދި އެވެ. ކޮތަޅުން 2ރ. ގެ ޓެކުހެއް ނެގި އެވެ. ޑޮލަރުގެ އަގު މަތި ކުރަން އެންމެ ބޮޑު ބާރެއް އެޅިގެންދާ ފައިސާ ޗާޕު ކުރުން ކޮވިޑަށްފަހު ވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއަކީ މުސާރަތައް ބޮޑު ކުރި ނަމަވެސް އޭގެން ލިބެން ޖެހޭ ފައިދާއެއް މުސާރައިގެ އަހުލުވެރިންނަށް ކުރިތަނެއް ނުފެނެ އެވެ. 

މި ގޯސްތަކުގެ އިތުރުން 2021 / 2022 ގެ ބަޖެޓުގައި ވެސް ހަރަދު ކުޑަ ކުރަން ކުރަން ބުނި އެއްވެސް ކަމެއް ނުކުރެވުނެވެ. އާމްދަނީ އިތުރު ކުރަން ބުނި އެއްވެސް ކަމެއް ނުވެ އެވެ. ހަމައެކަނި އިންކަމް ޓެކްސް އިތުރު ކުރުމާއި ޖީއެސްޓީ / ޓީޖީއެސްޓީގެ ރޭޓު މަތި ކުރުން ނޫން ކަމެއް ފަސް އަހަރުގެ ތެރޭގައި ވެސް ނުވިއެވެ. އެކަންކަން ވެސް ވެފައި ވަނީ  އިގްތިސޯދަށް ބޮޑު ލޮޅުމެއް އައި ކަމަށެވެ. އިންކަމް ޓެކްސް އިތުރު ކުރި ނަމަވެސް ޓެކްސް ނިޒާމު ވަށައެއް ނުޖެހުނެވެ. 

މަޓާޓޯގެ ދިރާސާ އިން ދެއްކި ގޮތުގައި ސަރުކާރުން ޓޫރިޒަމް ޖީއެސްޓީ، ޓީޖީއެސްޓީ މަތި ކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ރާއްޖޭގެ ވާދަވެރިންނާ ވާދަ ކުރަން ރާއްޖެއަށް ހުރި ފުރުސަތު ތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރުން ބޮޑެވެ. އަނެއްކާ ރާއްޖޭގެ އެންމެ ދިރޭ އާމްދަނީ ވަންނަ މައި ދިރާށި ވީއައިއޭ ފަސް އަހަރުވީއިރު ވެސް ނުހުޅުވުމުގެ ނަތީޖާއަކީ ޓޫރިޒަމްގައި ބުރަކި ޖެހިފައި އޮތުމެވެ. 

ސިޔާސަތު ފެއިލްވި މަންޒަރު ކުރުކޮށް

  •  މުސާރަ ބޮޑު ކުރުމުގެ ކުރިން އިންފްލޭޝަން މަތިވާ ސިޔާސަތުތައް އެކްޓިވޭޓްކުރި
  •  ހަރަދު ކުޑަ ކުރަން ބުނި އެއްވެސް ކަމެއް ނުކުރެވި ހަރަދު އިތުރުވި
  •  އާމްދަނީ އިތުރު ކުރަން ކުރެވުނު އެއްވެސް ކަމެއް ނެތް
  •  ދަރަނި މަތި ކުރުން ނޫން ކަމެއް ނުކުރެވުނު

މި ހުރިހާކަމެއްގެ ނަތީޖާއަކީ ބަޖެޓަށް ޕްރެޝަރު ބޮޑުވެގެން ގޮސް ފަސް އަހަރުގެ އެންމެ ފަހު އަހަރު ވެސް މާސިންގާހާ ސަޕްލިމެންޓްރީ ބަޖެޓަކަށް އެދޭ ހިސާބަށް ކަންކަން ދިއުމެވެ. 

މިހާރުގެ ހާލަތުން މި އަހަރުގެ ބަޖެޓުވެސް މިވަނީ 50 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުން މިހާރު އިތުރަށް އެދިފައިވާ 6,509.3 ބިލިއަން ރުފިޔާ މި އަހަރުގެ 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު ކުރުމުންނެވެ. މި އިތުރު ކުރުމާއެކު ބަޖެޓުގެ ޖުމްލަ ނަމްބަރު މި އަހަރު 49,350.1 ބިލިއަން ރުފިޔާ ތްގަނޑަކަށް 50 ބިލިއަން ރުފިޔާއަށް އިތުރުވެގެން ގޮސްފައިވެ އެވެ. އަންނަ އަހަރަށް ވެސް މިހާރު ދައްކަނީ ހަމަ 50 ބިލިއަންގެ ބަޖެޓެކެވެ. އެހެންވެ ޖައްސަ ޖައްސައިގެން ދެ އަހަރު ދައުލަތުގެ ބަޖެޓު މިވަނީ ބައި ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ

  •  ރިކަރަންޓް ހަރަދު - ތިން ބިލިއަން
  •  ސަޕްސިޑީއަށް - 1.8 ބިލިއަން
  •  އާސަންދަ- 1.2 ބިލިއަން
  •  ކެޕިޓަލް ހަރަދު- 3.2 ބިލިއަން
  •  ޕީއެސްއައިޕީ- 1.2 ބިލިއަން

މި އަހަރުގެ ހަރަދުތައް ފޫވެއްޓިގެން ދިޔައިރު ސަރުކާރުން ހޯދަން އެދިފައިވާ އަދަދުތަކުން އެނގެނީ މި އަހަރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ބަޖެޓު ސްޕީޗުގެ 50 ޕަސެންޓު ވެސް ކާމިޔާބު ނުވިކަމެވެ. ކެޕިޓަލް ހަރަދު ކުޑައެއް ނުވި އެވެ. ފައިސާ ތަޅައި ބޭލީ އެވެ. އާސަންދަ ރިފޯމެއް ނުވި އެވެ. ޑޮލަރުގެ އަގު ކުޑަ ކުރުމުގެ ސިޔާސަތުތައް ތަންފީޒެއް ނުކުރެވުނެވެ. އާމްދަނީ އިތުރެއް ނުކުރެވުނެވެ. އެއްކަމެއް ވެސް ނުވި އެވެ. އެންމެފަހުން ފަހު އަހަރު އަނެއްކާވެސް ރެކޯޑް ސަޕްލިމެންޓްރީ ބަޖެޓެއް ހޯދަން މިވަނީ ސަރުކާރަށް އެދެން ޖެހިފަ އެވެ. 

ކޮމެންޓް

1
450
ތްޤާ
1 year ago

ރާއްޖޭގެ ހަޔާތުގައި އައި އެންމެ ދެރަވަރު ގެ ފަސްއަހަރު. ވީ އެއްވެސް ކަމެއްނެތް ދަރަނި ބޮޑުވުން ނޫން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.