ދިވެހި ރާއްޖެ މިވަނީ ބޮއްސުން ލައިފައެވެ؛ ދީނީ އިލްމުވެރިންގެ އަގު ވައްޓާލައި، "ހަރުކަށި" ކަމުގެ ބެޖު ޖަހައިފި އެވެ. މުޅި ގައުމުގައި އޮތީ ލިވާތު ކުރުމާއި، ޒިނޭ ކުރުމާއި، ރާ ބުއިމާއި، މަސްތުވާ ޑުރަގް ބުއިމާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނި ވެގެން ހަފުލާ ބޭއްވުމާއި، ދެޖިންސު މަސްހުނިވެެގެން މިއުޒިކް ކުޅުމާއި، ނެށުމާއި، ރިބާ ކެއުމާއި، ދޮގު ހެދުމާއި، އިންޓަނެޓުން ފާހިޝް ފިލްމު ބެލުމާއި، ކޮރަޕްޝަނާއި ފަސާދަ ފެތުރުމެވެ. މިއީ މި ކޯލިޝަން ސަރުކާރުން ދެކޭ "މެދުމިނުގެ" ގޮތެވެ. އެއާއި ދެކޮޅަށް ބަހެއް ބުނެފި މީހަކީ ފޭކު ޝެއިހެކެވެ، ނުވަތަ ހަރުކަށި ފިކުރުގެ މީހެކެވެ.
އަޅުގަނޑަކީ މާބޮޑު ގާނޫނީ މީހެއް ނޫނެވެ. އަދި ރާއްޖޭގައި މިއޮންނަ "ރައްޔިތުންގެ މަޖުލިސް" އޭ މިކިޔާ މުއައްސަސާ އަކީ މާ "އިއްޒަތްތެރި" މުއައްސަސާއެއް ކަމަށް ގަބޫލް ކުރާ މީހެއް ވެސް ނޫނެވެ. ސަބަބު ވަރަށް ސާފެވެ. ޕިއޯނު ކަމަށް ކުރިމަތިލާ މީހާގެ ވެސް ކޮންމެ ވެސް ޝަރުތެއް ހުންނާން ޖެހެއެވެ. އެކަމަކު "ރައްޔިތުންގެ މަޖުލިސް" އަށް ކުރިމަތިލާ މީހާގެ (ދިވެހި ރައްޔިތަކަށް ވުން ފިޔަވައި) އެއްވެސް ޝަރުތެއް ހުންނާކަށް ނުޖެހެ އެވެ. އަލިފު އޮންނަނީ ތެދަށް ތޯ ނުވަތަ ބަޅުކޮށްތޯ ނޭގުނަސް ހެވެވެ. މަގާމަށް ހޮވުމާއެކު މަހަކު އެއްލައްކަ ވަރަކަށް ރުފިޔާ ލިބި، ނަމުގެ ކުރިއަށް "އިއްޒަތްތެރި މެމްބަރު" ގެ ލަޤަބު އިތުރުވެއެވެ. އިއްޒަތެއް ނެތަސް، އެންމެން ކުރިމަތީ ބަރަހަނާ ވިއަސް ހެވެވެ. ޝަހާދަތުގެ ދެކަލިމަ ކިޔަން ނޭގުނަސް ހެވެވެ. މަގާމަށް ހޮވުމަށް ފަހު އެންމެ ޖަލްސާ އަކަށް ހާޒިރު ނުވިއަސް ފުލް މުސާރަ ލިބެއެވެ. މިއީ އިއްޒަތެއް ނޫނެވެ. މިއީ ޖަންގަލީގެ ގާނޫނެވެ.
މިދެންނެވި މަޖުލީހުން ހަދަމުންދާ ގާނުނުގެ ތެރެއިން، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ލިބޭ ގޮތަށް ވާހަކަ ދައްކައި އަމަލު ކުރުމަކީ ކުށަކަށް ހަދަން، "އިންޑިއާ އައުޓް" ބިލެއް ވަނީ އެކުލަވާލާފައެވެ. އިންޑިއާ ސިފައިން ރާއްޖެ ފައިބައި ތިބުމަކަށް ގިނަ ދިވެހިން ނޭދެ އެވެ. ޓީޗަރުންނާއި ޑޮކްޓަރުން ފެށިގެން ފާމަސިސްޓުންނާއި ރިސޯޓް މުއައްޒަފުންގެ ގޮތުގައި އެތައް ހާސް އިންޑިއާ މީހުން ރާއްޖޭގައި ތިބި އިރު، މިހާރު މިފެންނަނީ ބަނގްލަދޭޝް މީހުންގެ ބަދަލުގައި ވެއިޓަރުންނާއި، މަސައްކަތު މީހުންނާއި، ސޭލްސް މަނުންނަށް ވެސް އިންޑިއާ މީހުން ގެންނަތަނެވެ. ދުވަސްކޮޅަކުން ދިވެހީންނަށް ވުރެ މި ގައުމުގައި އިންޑިއާ މީހުން ގިނަވެ ދާނެ އެވެ.
މިއީ ރޭވިގެން ކުރާ ކަމަކެވެ. ބްރިޖް އަޅަނީ އެވެ. މަގުތައް ހަދަނީ އެވެ. ގުޅިފަޅު ހަދަނީ އެވެ. ގިރާވަރު ފަޅު ހިއްކަނީ އެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރަނީ އެވެ. މިހުރިހާ މަޝްރޫއެއް ދެނީ އިންޑިއާ ކުންފުނިތަކަށެވެ. އެމަސައްކަތް ކުރުމަށް ގެންނަނީ ހުސް އިންޑިއާ މީހުނެވެ. މިކަމާ ކަންބޮޑުވެެގެން ބަހެއް ބުނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގެއްލުން ދިނުން ކަމަށް ބަލައި، އެއަމަލު ވަކި ކުށަކަށް ހަަދަން މަޖުލީހުން މިހާރު އެވަނީ ފޫގަޅާފަ އެވެ. "އިންޑިއާ އައުޓް" ހުއްޓުވަން ސަރުކާރު މިވަނީ ފޫގަޅާފަ އެވެ.
އިހަކަށް ދުވަހު ސޯޝަލް މީޑިއާ އިން ފެނުނު ޕޯސްޓެއްގައި އޮތީ "ޝްރީ ކާލީ މަތާ" ނަމަކަށް ކިޔާ އިންޑިއާގެ ނުޖޫމީ އިލްމުވެރިއަކު އަތްބެލުމާއި، ފާލުބެލުމުގެ ހިދުމަތް މާލޭގައި ދޭކަމަށް ބުނެ ޖަހާފައި އޮތް އިޝްތިހާރެކެވެ. ސަރުކާރުން ނުވަތަ ފުލުހުން ވެސް އަޅައެއް ނުލައެވެ. މީގެ ދެތިން ދުވަސް ކުރިން އަޑުއިވުނީ ފ. ބިލެއްދޫ ގައި އިންޑިއާގެ ހިންދޫ ތިން ފިރިހެނަކު ހިންދޫ ދީނުގެ ބުދެއް ހަދައިގެން ރަށުތެރޭ ހިނގައި، މޫދުގެ އައްސޭރިއަށް ގޮސް އެ ބުދު ކަނޑަށް ގުރުބާން ކުރިތަނެވެ.
އެރަށު ކައުންސިލަށް އެކަން ރޭކާލީ އެކަން ހިނގި ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އެ އަމަލުގެ ފޮޓޯ ދައުރުވާން ފެށުމުންނެވެ. މިކަން ކުރި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައަސް، މާޒީއަށް ބަލާއިރު އެނގޭ ކަމަކީ، އިންޑިއާ މީހުން ރާއްޖޭގައި ކުޑަކުދިންނާ ބެހުނަސް، ހަތިޔާރު ގެނގުޅުނަސް، ޖާސޫސް ކުރިއަސް، ބުދަށް އަޅުކަން ކުރިއަސް، މިހާރުގެ ދިވެހި ސަރުކާރުން އިންޑިއާ މީހަކު ނަމަ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމެވެ. ރޯމާ ދުވާލު، ރާއްޖޭގެ ރަށް ރަށުގައި ހިންދޫން ބުދަށް އަޅުކަން ކުރިއަސް ދިވެހީންނަށް މިހާރު ބަހެއް ބުނުން މަނާ ކުރަނީ އެވެ. އިންޑިއާ އައުޓް ކިއުމަކީ މިހާރު ޝިރުކުގެ ބަހެއް ބުނަމަށް ވުރެ މި ދިވެހި ރާއްޖޭގައި ބޮޑު ކުށަކަށް ހަދަނީ އެވެ.
ވައިގަދަވެ. އުދަ އަރައި، ބިންހެލުމުގެ އަސަރު ދިވެހި ރާއްޖެއަށް ކުރުމުން އެވާހަކަ ދައްކާނެ އެވެ. ނަމަވެސް ފާހިޝް އަމަލު ގިނަވެ. އެކަން ހުއްޓުވުމަށް މާބޮޑު ކަމެއް މިސަރުކާރުން ނުކުރާ އިރު މުންކަރާތް ނަހީ ކުރަން ހައްގު ބަސް ބުނާ މީހާ ލަނީ ޖަލަށެވެ. އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތާ ދެކޮޅަށް ވާހަކަ ދެއްކި ދީނީ އިލްމުވެރީންލީ ޖަލަށެވެ. އެކަމަކު އަންހެނަކަށް ހެދިގެން، އަންހެންދުޅާ ކޮށް، ބަރަހަނާ ފޮޓޯ ސޯޝަލް މީޑިއާ އަށް ލަމުން ދިޔަ ދިވެހި ފިރިހެނަކު އެކަން ކުރާތާ އެތައް ދުވަހެއް ފަހުން ނަމަކަށް ބަންދުކޮށްލާފައި އެއްދުވަސް ތެރޭ ދޫކޮށްލި އެވެ. އެއީ މުޖުތަމައަށް ގެއްލުމެއް ހުރި މީހެއް ނޫން ކަމަށް ކޯޓުން ނިންމުމުންނެވެ. މުޖުތަމައު އަށް ގެއްލުންވަނީ ދީނީ އިލްމުވެރީން ހައްގު ބަސް ބުނުމުން ކަމަށް ވެއްޖެ އެވެ. މުންކަރާތް ނަހީ ކުރުމުން ކަމަށް ވެއްޖެ އެވެ.
ދީނީ އިލްމުވެރީންނަކީ ކޮބައިކަން ވެސް މިހާރު އޮޅުވާލަން ފަށައިފި އެވެ. މިސްރުގެ އަޒުހަރުން ގާނޫނީ ދާއިރާ ފަދަ ކޮންމެވެސް ދާއިރާ އަކުން ކިޔަވައި ވިދާޅުވި މައުމޫން އަބްދުލް ގައްޔޫމް، ދިވެހި ޓީވީ ޗެނެލަކަށް މިދިޔަ ހަފްތާގައި ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކޮންމެވެސް ތާކުން އަހަރެއްހާ ދުވަހު ކިޔަވައިގެން، ތުނބުޅި ދިގުކޮށްލައި، އަރަބި ވައްތަރު ހެދުމެއް އަޅާލުމުން މިހާރު ދީނީ އިލްމުވެރިއަކަށްވާ ކަމަށެވެ. ޔޯގާ ހަލާލް ކަމަށް ދައުވާ ކުރައްވަމުން މައުމޫން ވަކާލާތު ކުރެއްވީ އެމަނިކުފާނަކީ ދީނީ އިލްވެރިއެއްކަން ދައްކުވައި، އެހެން ގިނަ ޝެއިހުންނަކީ ދީނީ އިލްމުވެރީން ކަމަށް ހެދިގެން އުޅޭ ފޭކުން ކަމަށް ދައްކުވާށެވެ. އެފަދަ ޝެއިހުން ދީނީ އިލްމުިވެރީންނަށް ނުވާނަމަ ދެން ދީނީ އިލްމުވެރީންނަށް ވަނީ ތުނބުޅީގައި ޝޭވިން ކްރީމް އުގުޅައިގެން، ކުޑަކުއްޖެގެ ފަލަމަސްގަނޑުހާ އޮމާން ކޮށް ތުނބުޅި ބާލައިގެން، ޔޯގާ ހަލާލް ކޮށް، އަންހެނުން ބުރުގާ އެޅުން ވާޖިބު ނޫންކަމަށް ބުނާ މީހުން ތޯއެވެ؟ އަޒުހަރުން ބައިތުބާޒީ ކިޔެވިއަސް ނަމުގެ ކުރިއަށް "އަލްއުސްތާޒް" ލާނެ އެވެ. އެއީ އަކީ އަދި ދީނީ ފަތުވާ ދެވޭ ފެންވަރުގެ ޝެއިހަކަށް ވުމެއް ނޫނެވެ.
މައުމޫނަކީ ހަނދުބައްލަވަން، ހަނދު ސާބިތު ކުރައްވަން މޮޅު ބޭފުޅެކެވެ. ނަމަވެސް ރާއްޖެއާއި ދުނިޔޭގެ ގިނަ ދީނީ އިލްމުވެރީންނަށް ގޮންޖައްސަވައި، ތިމަންމަނިކުފާނު ނޫނީ ދީން ދެނެވަޑައިގަންނަވާ ބޭފުޅެއް ނެތްކަމަށް ދައްކުވަން މައުމޫން ކުރައްވާ މަސައްކަތަށް މި "ކޯލިޝަން" ސަރުކާރުން ކިތައްމެ ތާއީދެއް ކުރިއަސް، އަދި އިންޑިއާގެ ހިންދޫން އެކަމަށް ކިތައްމެ ތާއީދެއް ކުރިއަސް ހައްޤާއި ބާތިލް އޮޅުވައެއް ނުލެއެވޭނެ އެވެ. މިއީ އެ ޒަމާނެއް ނޫނެވެ.
އިސްލާމީ މި ގައުމު އިންޑިއާއަށް އަޅުވެތިވެ ނިމޭ އިރު ބަހެއް ވިދާޅުނުވެ، ހަނު ހުންނަވާފައި "ކޯލިޝަން ޕާޓްނަރު" މައުމޫނަށް އެއްޗެއް މި ވިދާޅު ވެވެނީ ބަޔަކު ޔޯގާ ހަރާމޭ ބުނުމުން ޔޯގާ ހަލާލު ކުރެއްވުމަށެވެ. ތިމަން މަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް އަނިޔާ ނުކުރައްވަމޭ ވިދާޅުވި އިރު އަޅުގަނޑު ދެ އަހަރުވަން ދެން ނެރެނެރެ ހުރި އިނގިރޭސި ހަފްތާ މަޖައްލާ، "މަންޑޭ ޓައިމްސް" ހުއްޓުވީ ސީދާ ރައީސް މައުމޫން ހަވީރު ޕްރިންޓާސްގެ ޗެއާމަނަށް ފޮނުއްވި ސީޓިއަކުންނެވެ. މައުމޫނުގެ ސަރުކާރަށް ފާޑުކިޔާތީ އެކަން ހަޖަމު ނުވެގެންނެވެ. އަޅުގަނޑު "މަންޑޭ ޓައިމްސް" ނެރުނުއިރު ދެއިރު ދެދަޅައަށް އިންފޯމޭޝަން މިނިސްޓްރީ އަށް ހާޒިރުކޮށް، ބަޔާން ނަގައި، ފުލުހަށް ގެންގޮސް ފާރަށް ކުރިމަތި ލައްވާފައި ބައިންދައި، ބަޔާން ނަަގައި، އެތައް ފަހަރަކު ކޯޓަށް ގެންގޮސް ބިރު ދެއްކުމަކީ އަނިޔާއެއް ނޫންތޯ އެވެ؟ ތުނބުޅި ބަހައްޓާފަ އަރަބި ހެދުމެއް ލުމުން ދީނީ އިލްމުވެރިއަކަށް ނުވާނަމަ، ތުނބުޅި ބާލާފަ، ފަރަންޖީން ލާކަހަލަ ކޯޓް ފަޓްލޫނެއް ލުމަކީ މައުމޫނުގެ ނަޒަރުގައި ދީނީ އިލްމުވެރިއަކަށް ވުމަށް ކުފޫހަމަކޮށް ދޭ ސިފަތައް ބާވައެވެ؟
ދިވެހި ރާއްޖެ މިވަނީ ބޮއްސުން ލައިފައެވެ؛ ދީނީ އިލްމުވެރިންގެ އަގު ވައްޓާލައި، "ހަރުކަށި" ކަމުގެ ބެޖު ޖަހައިފި އެވެ. މުޅި ގައުމުގައި އޮތީ ލިވާތު ކުރުމާއި، ޒިނޭ ކުރުމާއި، ރާ ބުއިމާއި، މަސްތުވާ ޑުރަގް ބުއިމާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނި ވެގެން ހަފުލާ ބޭއްވުމާއި، ދެޖިންސު މަސްހުނިވެެގެން މިއުޒިކް ކުޅުމާއި، ނެށުމާއި، ރިބާ ކެއުމާއި، ދޮގު ހެދުމާއި، އިންޓަނެޓުން ފާހިޝް ފިލްމު ބެލުމާއި، ކޮރަޕްޝަނާއި ފަސާދަ ފެތުރުމެވެ. މިއީ މި ކޯލިޝަން ސަރުކާރުން ދެކޭ "މެދުމިނުގެ" ގޮތެވެ. އެއާއި ދެކޮޅަށް ބަހެއް ބުނެފި މީހަކީ ފޭކު ޝެއިހެކެވެ، ނުވަތަ ހަރުކަށި ފިކުރުގެ މީހެކެވެ.
ޢިންޑިއާ ހަމަ އައުޓެވެ. މަޖުލިސް ވެސް ކަމަކު ނުދެ އެވެ. މައުމޫން ޕާޓީ އާއި އިމްރާންގެ ޕާޓީ އަކީ ދައުލަތަށް ބަލަދު އަރާފަ އޮތް، ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތް ބޭކާރު ދެޕާޓީ އެވެ. މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އެމްޑީޕީ އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫނާއި، މިނިސްޓަރު އިމްރާން ފަދަ ކޯލިޝަންގެ ބައިވެރިންގެ ކިބައިން ސަލާމަތް ވެވުނު ދުވަހަކުންނެވެ. މި ގައުމަށް ދިމާވެފައިވާ ހުރިހާ ނުބައެއްގެ އަސްލަކީ އެއީ އެވެ.