އުދަބާނީގެ ފުރަތަމަ ފިލްމަކީ ރާއްޖޭގައި އެންމެ ގިނަ ރަށްރަށުގައި މި ފަހުން ދެއްކި ފިލްމެވެ. އެންމެ ބޮޑު އާމްދަނީ އެއް ވެސް ހޯދި އެއް ފިލްމެވެ.
އަންނަ އަހަރު ސްކްރީނަށް ގެންނަން ހަމަޖައްސާފައިވާ "އުދަބާނީ-2" ގެ އެޑިޓިން މަަސައްކަތް ފަށައިފި އެވެ.
ކުޅަދާނަ އެކްޓަރު ހާމިދު އަލީ ޕްރޮޑިއުސް ކުރާ އުދަބާނީގެ ފުރަތަމަ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ދިވެހި މުއްދަރިސް މުހައްމަދު ގާސިމް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އުދަބާނީގެ ދެވަނަ ބައި ސްކްރީން ކުރާނެ ދުވަހަށް ގިނަ ބެލުންތެރީން ދަނީ އިންތިޒާރު ކުރަމުންނެވެ.
ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް "މި" ނޫހަށް ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ފިލްމުގެ އެޑިޓިން މަސައްކަތެވެ. ރ އަތޮޅު މާކުރަތު ގައި ޝޫޓްކޮށްފައިވާ ފިލްމުގެ އެޑިޓިން މަސައްކަތް ކުރާނީ ކުޅަދާނަ އެޑިޓަރު އަލީ މުސްތަފާ (ސެމީ) އެވެ. އެޑިޓިން އިން ގައުމީ އެވޯޑް ވެސް ހޯދާފައިވާ ސެމީގެ އެޑިޓިންއާ އެކު ފިލްމުން ބޮޑު ތަފާތެއް ފެނިގެން ދާނެ ކަމަށް އަމްޖޭ އުންމީދު ކުރެއެވެ.
އުދަބާނީގެ ފުރަތަމަ ފިލްމަކީ ރާއްޖޭގައި އެންމެ ގިނަ ރަށްރަށުގައި މި ފަހުން ދެއްކި ފިލްމެވެ. އެންމެ ބޮޑު އާމްދަނީ އެއް ވެސް ހޯދި އެއް ފިލްމެވެ.
އަމްޖޭ ބުނި ގޮތުގައި "އުދަބާނީ-1" ވުރެ "އުދަބާނީ-2" ހުރިހާ ގޮތަކުން ވެސް މޮޅު ފިލްމަކަށް ހެދުމަށް މަސައްކަތް ކުރާނެ އެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އަމްޖޭ އަށް އެބަ އޮތެވެ. ބެލުންތެެރީންނަށް ދޭ ޔަގީން ކަމަކީ އެ ފިލްމު ގިނަ ގޮތްގޮތުން ތަފާތުވާނެ ކަަމެވެ.
"މިހާރު ދެން މާބޮޑު ތަފްސީލެއް ނުދެވުނަސް ފިލްމު ބަލާލީމަ އެކަންް އިހުސާސް ވާނެ. ބެލުންތެރީން މާޔޫސްކޮށް ނުލާނަން އިރާދަކުރެއްވިއްޔާ،"
އުދަބާނީގެ ފުރަތަމަ ފިލްްމު ނިމިގެން ދަނީ ސުވާލު އުފެދޭ އެތަކެއް ކަމެއްގެ ތެރޭންނެވެ. އަމްޖޭ ބުނި ގޮތުގައި ދެވަނަ ބައި ފުރަތަމަ ބަޔާ ވަރަށް ފުރިހަމަކޮށް ގުޅުވާލާފައިވާނެ އެވެ.
އަންނަ އަހަރުގެ ސެޕްޓެންބަރު ގައި ފިލްމު އަޅުވަން ނިންމާ މިހާރު ވަނީ އޮލިމްޕަސްވެސް ބުކް ކޮށްފައެވެ. ހާމިދުއާ އަމްޖޭގެ އުންމީދަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުރުމަށް ފަހު މި ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެސް ދިނުމެވެ. އެހެން ކަމުން ފިލްމުގެ ހުރިހާ މަސައްކަތެއް ކުރުވަނީ ދާއިރާގެ އެންމެ ތަޖުރިބާކާރު މީހުން ބޭނުން ކޮށްގެނެވެ.
ކެމެރާމަނަކީ ކޮކޯ ހަަސަން ހަލީމެވެ. އެޑިޓިން މަސައްކަތް ކުރަނީ އަލީ މުސްތަފާ (ސެމީ) އެވެ. ބެކް މިއުޒިކު އަޅާނީ މަދީހު އެވެ. ސައުންޑް އިންޖިނިއަރިން އަކީ ފައި އެވެ. މިއީ ފިލްމީ ދާއިރާގައި މި މަަސައްކަތުގައި އެންމެ ކާމިޔާބު މީހުންނެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އަހްމަދު އީސާ (އާނަންދު) އާއި އާމިނަތު ސުހާ އާއި ހާމިދު އަލީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި އަލީ ޝަމީލް އާއި މަރްޔަމް ހަލީމްހެ އިތުރުން މަރިޔަަމް ޝަކީލާ އެވެ.
ފިލްމުގައި ހިމެނޭނީ މުޅީން ވެސް އަމިއްލަ ރާގުގެ ލަވައެވެ.
"މިއީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް،" އެޑިޓިންގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަން ސްޓޫޑިއޯގައި ހުރެ މި ނޫހާ ފޯނުން ވާހަކަ ދައްކަމުން އަމްޖޭ ބުންޏެވެ.
އިންތިޒާރު ކުރަން