ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުރުމާއި، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭކަން ފާހަގަކޮށްފައިވެ އެވެ.
ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް ސަރުކާރު ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާ ދިނުމަށް ފާސްކޮށްފި އެވެ.
މި ގަރާރަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ގަރާރެކެވެ. ގަރާރު ފާސްކޮށްފައި ވަނީ ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވެ، އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް ނުލިބޭތީ އެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށާއި، މިކަމާ ގުޅިގެން ގައުމީ ފެންވަރުގައި ދިރާސާއެއް ހެދުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށެވެ.
ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވި މި ރިޕޯޓް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 45 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
މި ގަރާރާ ގުޅިގެން ކޮމެޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ސަރުކާރު ހޮސްޕިޓަލްތަކުން ދަރިމައިނުވާ މީހުންނަށް ބޭނުންވާ ފަރުވާ ލިބެން ޖެހޭ ކަމެވެ. އަދި ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުން ހުރި ސަބަބުތައް ހިމެނޭތޯ ބަލަން ކަމާ ގުޅޭ މުއައްސަސާތަކުން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަން ޖެހޭ ކަމެވެ.
މީކާއިލް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވަނީ ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ވާނެ ކަމަށެވެ.
އެ ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮތަސް، ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމުގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުރުމާއި، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭކަން ފާހަގަކޮށްފައިވެ އެވެ.
ރަނގަޅު ކަމެއް. ހާދަ ހަރަދެއް ހިނގާ ކަމެކޭ އެއި