އެ ހިިޔާލު ގެންނެވީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވެއްދި ބިލުގެ ބަހުސްގައި މިއަދު އެވެ.
ރައްޔިތުންގެ މަޖިލީހުގައި މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުން ތަމްސީލް ކުރެވޭ ގޮތެއް ނޯންނަ ކަމަށާއި އެ މީހުނަށް ވެސް ވަކި ދާއިރާތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާގެ އެ ހިިޔާލު ގެންނެވީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވެއްދި ބިލުގެ ބަހުސްގައި މިއަދު އެވެ.
މާލޭ ދަފްތަރުގައި ޖައްސާފައިވާ މީހުން، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ނުވާ ކަމަށް އިޝާރާތްކޮށް އަލީ ހުސައިން ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ދޫކުރި އިރު އެ ސްކީމަށް ދަފުތަރު މީހުން ޝަރުތު ހަމައެއް ނުވެ އެވެ. ނަމަވެސް އިންތިހާބުތަކުގައި އެ މީހުން މާލޭގެ މީހުންގެ ގޮތުގައި ތަމްސީލުވާ ކަމަށެވެ.
"ދަފްތަރުގައި މި ތިބި މީހުނަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހަކު ހޮވަން ކޮންމެ ދާއިރާއަކަށް ވެސް ފުޓުނި އަޅާލާ ގޮތަށް އަޅައިލަން ތިބޭ ބަޔެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގައި ދަފްތަރު މީހުން ތަމްސީލު ވާން ޖެހެ އެވެ. ގާނޫނަށް އެއްވެސް ބަދަލެއް ނުގެނެސް ވެސް އެ މީހުންނަށް މަޖިލީހުން ގޮނޑިތަކެއް އިލެކްޝަނަށް ކަނޑައެޅި ދާނެ އެވެ. އަދި އެއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.