"އަޅުގަނޑަށް ގަބޫލު ކުރެވެނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ކަމަށް ވަންޏާ ދެވަނަ ދައުރެއް ވެސް ރައްޔިތުން ދެއްވާނޭ،"
ރިޔާސީ ފުރަތަމަ ދައުރަށް ފަަހު ދެވަނަ ދައުރެއް ހޯއްދެވޭނެ ގޮތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ ދެއްވައިފި އެވެ. މުއިއްޒު އެ މައުލޫގައި ވާހަކަފުޅު ދެއްކެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރަތެއް ޕީއެންސީގެ ޗެއާ ޕާސަން އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ މިއަދު ދެއްވާފައި ވެސް ވަނިކޮށެވެ.
ރާއްޖޭގެ ވެރިކަން މި ފަހުން ކުރެއްވި ހުރިހާ ބޭފުޅުން ވަނީ ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް އިންތިހާބުގައި ވާދަ ކުރައްވާފަ އެވެ. ނަމަވެސް ކާމިޔާބު ކުރެއްވޭ ގޮތެއް ނުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވުމުގައި ވަރަށް ގިނަ ސަބަބުތަކެއް މެދުވެރި ވެއެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ރިޔާސީ ދައުރު ފަށައިގަންނަ ހިސާބުން ފެށިގެން ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށް ދިނުމުގައި އެއް އަމާޒެއްގައި ހިފަހައްޓައި ނުލެވުމެވެ. ހާރިޖީ ގުޅުންތައް ވަރުގަދަ ކޮށް ގައުމުތަކާއި އޮންނަ ގުޅުން ދަމަހައްޓާ މިސާލުން ގައުމުގައި ވެސް އެފަދަ ހަމަޖެހުމެއް ބާއްވަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނާއި ގުޅިގެެން ސަރުކާރު ހިންގަން ޖެހޭ. ރައްޔިތުން ގާތުން ސަރުކާރު ހިންގަން ޖެހޭނީ. ރައްޔިތުން އެދޭ ކަންކަން ހާސިލުވާކަން ރައްޔިތުންނަށް އިހުސާސްވާ ގޮތް ހަދައިދޭން ޖެހޭނެ. އެގޮތަށް އަޅުގަނޑު ގަސްތު ކުރަނީ އިރާދަ ކުރެއްވިއްޔާ ކުރިއަށްދާން،"
މުއިއްޒު ވިދާޅވީ އެމަނިކުފާނު އިންތިހާބަށް ނިކުންނެވީ ވެސް އެ އަމާޒު އޮވެގެނެވެ. އަދި ވެސް ހުންނެވީ އެ ގޮތުގައެވެ. ދައުރު ފުރިހަމަ ކުރައްވާނީ ވެސް އެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ ޑޭ ވަން އިން -- [ފުރަތަމަ ދުވަހުން] ފެށިގެން ހިންގާނީ،"
މުއިއްޒު ވިދާޅުވީ ރިޔާސީ ދައުރުގެ ވަކި ހިސާބަކުން ރައްޔިތުން ދޫކޮށްލައިފިނަމަ އެ ބޭފުޅަކަށް ރައްޔިތުން އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. މި ފަހަރު އިންތިހާބުން ފެނުނީ އެ މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ. ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކުރައްވައިފިނަމަ ދެވަނަ ދައުރެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ކަމަށް ވަންޏާ ދެވަނަ ދައުރެއް ވެސް ރައްޔިތުން ދޭނޭ،"
މުއިއްޒު ވިދާޅުވީ އިންތިހާބެއްގައި ނަތީޖާ ނެރުމުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުންް ވަކި ޕާޓީއަކަށް ވެރިކަން ކޮށް ދިނުމުގެ ބަދަލުގައި މުޅި ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ގާއިމު ކުރަން ޖެހެއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމް / ޕީއެންސީގެ ޓިކެޓްގައެވެ. އެމަނިކުފާނަށް އެ ފުރުސަތު ލިބިވަޑައިގަތީ އެ ދެ ޕާޓީގެ ލީޑަރު / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުންނެވެ. ޖަލުގައި ހުންނެވި ނަމަވެސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ރަނިންމޭޓެއް އިހްތިޔާރު ކުރައްވާ އިލެކްޝަނަށް ފޯމް ހުށައެޅުއްވި އެވެ. ކޮމިޝަނުން ފޯމް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ވަޑައިގެން ވެސް އެ ހައްގު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ މުއިއްޒުގެ އެންމެ ބޮޑު ވައުދުފުޅެކެވެ. ޕީޕީއެމް / ޕީއެންސީގެ މެންބަރުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުފުޅެވެ. އެމަނިކުފާނު މިނިވަން ވެވަޑައިގަތުމަށް ފަހު 2028 ގެ ރިޔާސީ ކެމްޕެއިން ފައްޓަވާނެ ކަމަށް ބެލެވެއެވެ. އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާ މުއިއްޒަށް ދެވަނަ ދައުރެއް ދެއްވުމަކީ އަދި ފެންނަ މަންޒަރުން މުޅީން ނާދިރު ކަމެކެވެ.
އެހެން ކަމުން މުއިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ކުރިއަށް އޮތް ކޮންމެ ދުވަހަކީ އެ ސުވާލުގެ ޖަވާބު ލިބުމަށް އެކި ވާހަކަތައް ހާމަވެގެން ދާނެ ދުވަހެކެވެ.