މާލެ އަތޮޅު ކާށިދޫގައި 1800 އަށް ވުރެ ގިނަ މީހުން އުޅޭ އިރު މާލެ އަތޮޅު ދިއްފުއްޓަކީ ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ އެ ދެރަށަށެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ވޭތުވެ ދިޔަ 24 ގަޑިއިރު މާލެ އަތޮޅު ކާށިދޫއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖޮކަލް ސާވިސް އިން ބުނީ މިދިއަ 24 ގަޑިއިރު ކާށިދޫއަށް 139 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި މާލެ އަތޮޅު ދިއްފުއްޓަށް ވެސް މިދިއަ 24 ގަޑިއިރުގެ ތެރޭގައި 97.8 މިލިމީޓަރުގެ ވާރޭ ވެފައިވާ ކަމަށެވެ.
މާލެ އަތޮޅު ކާށިދޫގައި 1800 އަށް ވުރެ ގިނަ މީހުން އުޅޭ އިރު މާލެ އަތޮޅު ދިއްފުއްޓަކީ ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ އެ ދެރަށަށެވެ.
ކާށިދޫ އާއި ދިއްފުއްޓަށް ބޯކޮށް ވާރެވެހިފައިވާއިރު ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކަށް ވެސް މި ދުވަސްވަރު މޫސުން ވަރަށް ގޯހެވެ. އެ ސަރަހައްދުތަކަށް މީޓިއޮރިލޮޖީން އެކި ފަހަރު މަތީން ވައިޓް އެލާޓްތައް ވެސް ދަނީ ނެރެމުންނެވެ. އަދި މިއަދުވެސް ރާއްޖޭގެ މެދު އަތޮޅުތަކަށާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކަނޑު ދަތުރުފަތުރަށް އަރާ ފަރާތްތައް މޫސުމަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ވެސް މީޓިއޮރިލޮޖިކަލް ސާވިސް އިން އެދިފައި ވެއެވެ.