އަންހެނަކު ފިހާރައަކަށް ވަދެ ބިދޭސީ ސޭޓުގެ ކަރުގައި ވަޅި އަޅައިފި

މި ހާދިސާއަށް ފަހު ފުލުހުން ވަނީ އެ އަންހެން މީހާ ހޯދައި ހައްޔަރަށް ގެންގޮސްފަ އެވެ. އަދި މި މައްސަ ފުލުހުންގެ ހިދުމަތު ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.

އަންހެން މީހާ ސޭޓްގެ ކަރުގައި ވަޅި އަޅަނީ އެ ހަމަލަގައި ބިދޭސީ މީހާ ޒަހަމްވެފައި

ވީޑިއޯއިން ފެންނަ ގޮތުގައި ފިހާރައަށް ވަދެގެން އަންނަ އަންހެން މީހާ ހުރީ ރީތިކޮށް ހެދުން އަޅައިގެންނެވެ. އޭނާ ވަދެގެން ދިޔައިރު ނުރައްކާތެރި ހަމަލައެއް ދީފާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ 

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ވެސް މިހާރު ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މިނެޓެއްހާއިރު ފަހުން މުޅި މަންޒަރު ބަދަލުވެ އެވެ. އެ ވީޑިއޯއިން ފެންނަނީ އަަންހެން މީހާ ކުއްލި ހަރަކާތަކުން ވަޅި ނަގައި ސޭޓަށް ވަޅީން ހަމަލާދޭ ތަނެވެ. ވަޅީގެ ހަމަލާ އެރީ ކައުންޓަރުގައި އިން ބިދޭސީ ސޭޓުގެ ކަރުގެ އަރިމައްޗަށެވެ. 

މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީމަގުގައި ހުންނަ "ޑްރީމް މޮބައިލް ޕްލަސް" ފިހާރާގައި މި ހާދިސާ ހިނގި ގޮތް އެނގޭ މީހަކު "މި" ނޫހަށް ކިޔައިދިން ގޮތުގައި މިއަދު ހެނދު ފިހާރަ ހުޅުވިތާ މާގިނަ އިރެއް ނުވެ އެ ފިހާރައަށް ވަތް އެ "ކަސްޓަމަރު"  ހޯދީ ފޯނެއް ގަންނަން ބޭނުންވާ ފޯނުގެ މައުލޫމާތެވެ. 

"ބިދޭސީ ސޭޓު ކައިރީ އެހީ ފޯނެއްގެ މައުލޫމާތު. މައުލޫމާތު ސާފުކޮށްފަ އިރުކޮޅަކުން ވަޅިން ހަމަލާ ދިނީ،" ނަން ނެޖުހުމަށް އެދި އޭނާ ކިޔައިދިނެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހަކާ ހުރީ އިނގިރޭސި ފިލްމްތަކުގައި އުޅޭ ތަރިން އަޅާ ޒާތުގެ ފުރިހަމަ ހެދުމެއްގަ އެވެ. ހަމަލާދިން ވަޅި އޮތީ ހެދުމުގެ ތެރޭގައި ފޮރުވާފަ އެވެ. ހަމަލާ ދިން އަންހެން މީހާގެ އުމުރަކީ 29 އަހަރެވެ. އޭނާ އެ ފިހާރައަށް ވަންއިރު ކަނާތުގެ އިނގިލިތައް ފޮރުވާ ޒާތުގެ އަންގިއެއް ލައްވާފައި އެވެ. އޭނާގެ ވައަތުގައި ނާޑުވާއެއް ޒާތުގެ އެއްޗެއް އޮތްތަން ވީޑިއޯއިން ފެނެ އެވެ. 

ފިހާރައަށް ވަން ގޮތަށް ފޯނެއް ބަލާލަން އޭނާ އެދެ އެވެ. އަދި ކައުންޓަރުގައި އިން ސޭޓު ފޯނުތައް ލާފައިވާ ވަތްގަނޑުން ފޯނެއް ނަގަ އެވެ. އޭގެ ފަހުން ފެންނަނީ އެ އަންހެން މީހާ އެ ފޯނު ބަލާލާފައި ކައުންޓަރު މައްޗަށް އެއްލާލައި ތަނެވެ. ފޯނު އެއްލާލުމުން ސޭޓު ފޯނު ފޮހެލަ އެވެ. އޭގެ އިރުކޮޅެއް ފަހުން ފުރަގަސް ދީ ދާން އުޅޭހެން ހީވެ އެވެ. 

އެކަމަކު އޭނާ ފުރަގަސް ދިނީ އެނބުރި ދާކަށެއް ނޫނެވެ. ފުރަގަސް ދިނުމަށްފަހު ހެދުމުގެ ތެރޭގައި އޮތް ވަޅިން ހަމަލާދެ އެވެ. "މި" ނޫހަށް ލިބިފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ބިދޭސީ ސޭޓުގެ ވަޅި އެޅިފައިވަނީ ކަރުގެ އަރިމަތީގަ އެވެ. ވައިނޮޅި ބުރި ނުވީ ކިރިޔާ އެވެ. 

އަންހެން މީހާ ވަނީ ހައްޔަރުކޮށްފައި

މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން 29 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. މި މައްސަލަ ބަލައި ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.