ދާދި ފަހުން ރާއްޖޭގައި ބަންގާޅު ފިރިހެނެކާއެކު ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ބޮޑު މައްސަލައެއް ފެންމަތި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޝަރީއަތް ހިންގާފައި ވެއެވެ.
މިދިއަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ މިންވަރު ފުލުހުންގެ އިދާރާއިން ހާމަ ކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން "މި" ނޫހަށް ދިން ފެކްޓް ޝީޓެއްގައިވާ ގޮތުން 2013 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މިދިއަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހާ ހަމައަށް އެއްޖިންސުން ގުޅުން ހިނގައިގެން 114 މައްސަލަ އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުން ފިރިހެނުންނާއެކު ގުޅުން ހިންގި 106 މައްސަލަ އަކާއި އަންހެނުންނާއި އަންހެނުން އެކުވެގެން ޖިންސީ ގުޅުން ހިނގި އަށް މައްސަލައެކެވެ. އެ ފެކްޓް ޝީޓްގައިވާ ގޮތުން، އެ ނުވަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޕޯޓް ކުރި އެއްޖިންސުޖން ގުޅުން ހިންގި މައްސަލަތަކުގެ ތެރެއިން ކޭސްއެއްގެ ގޮތުގައި ތަހުގީގެއް ކޮށްފައި ވަނީ 74 މައްސަލައެއްގެ މައްޗަށެވެ. އަދި އޭގެ ތެރެއިން ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 18 މައްސަލައެކެވެ.
ޖޫން 2022 ގައި ރާއްޖޭގައި ބަންގާޅު ފިރިހެނެކާއެކު ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ބޮޑު މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެ މައްސަލަ ވެފައި ވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަން ފަޅާ އެރި މައްސަލައަށެވެ.
އެ މައްސަލާގައި ހިމެނޭ ބަންގާޅުގެ އެމްޑީ އަލަމްގީރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ދައުވާތަކެއް ސާބިތުކޮށްފައި ވެއެވެ. އަދި އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވަކިވަކި ޝަރީއަތްތައް ވެސް ހިންގާފައި ވެއެވެ. އޭގެ ބައެއް މީހުންނަށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މިނިވަން ވެސް ވެފަ އެވެ. އަދި ބައެއް މީހުން ވަނީ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.