މުއިއްޒާއެކު ކުރިއަށް ވަޑައިގަންނަވަން ތައްޔާރު ކަމަށް ޝީ ވިދާޅުވެއްޖެ

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ގައުމެއްގެ ސަފީރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތައް ސާފުކޮށް ބަޔާން ކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެ އެވެ.

ޗައިނާގެ ރައީސް ޝީޖިން ޕިން ރާއްޖޭގައި: އެ މަނިކފާނު ރާއްޖެ ވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަމުގައި

ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމާއެކު އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޗައިނާގެ ރައީސް ޝީޖިން ޕިން ވިދާޅު ވެއްޖެ އެވެ. 

ޗައިނާގެ ރައީސް ޝީގެ ތަހުނިއާގެ މެސެޖެއް އިންތިހާބީ ރައީސް މުއިއްޒަށް ފޮނުއްވާފައިވާއިރު ޗައިނާއިން ވަނީ މުއިއްޒު އިންތިހާބުވުމާއެކު އެ ގައުމުގެ މަރުހަބާ މުއިއްޒަށް ރަސްމީކޮށް ދަންނަވާފަ އެވެ. -- ރައީސް ޝީގެ ތަހުނިހޔާގެ މެސެޖެއް ފޮނުއްވެވީ މިއަދު އެވެ. 

އެމަނިކުފާނުގެ މެސެޖްގައި އިންތިހާބީ ރައީސްމުއިއްޒަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހޫނު މަރުހަބާ އަކާއި ތަހުނިޔާއެއް އަދި ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. ދެން ވިދާޅުވެފައި ވަނީ ޗައިނާ އާއި ދިވެހި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ތަރައްގީ ކުރަން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށެވެ.

ޗައިނާއާ ރާއްޖޭގެ ޒަމާންވ ރަހުމަތްތެރިކަމާއި ކޯޕަރޭޓިވް ޕާޓްނާޝިޕް ކުރިއެރުވުމާއެކު ސަގާފީ އެކުވެރިކަން ކުރިއަށް ގެންދިއުމަށް އަމަލީ އެއްބާރުލުން ދެއްވުމުގައި ހުންނަވާނެ ކަމަށައި އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. 

ރާއްޖޭގެ އަށްވަނަ ރައީސަށް ވެވަޑައިގަންނަވާނެ އިންތިހާބީ ރައީސް، މުއިއްޒު، ރާއްޖޭގެ ހައުސިން މިނިސްޓަރުކަން ކުރެއްވެވި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ޗައިނާއާ ވަރަށް ކައިރި އަދި ވަރަށް ބަދަހި ގުޅުމެއް ބޭއްވި ސަރުކާރެކެވެ. އެ ސަރުކާރުގައި ޗައިނާގެ އެހީން ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގި އިރު އެކަންކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ވިލަރެސް ކުރެއްވުމުގެ އިސްވެރިޔާއަކަށް ހުންނެވީ މުއިއްޒެވެ. އަދި ފަހުން ރައީސް ޔާމީންގެ އެންޑޯސްމަންޓާއެކު މާލޭ ސިޓީގެ މޭޔަރު ކަމަށް މުއިއްޒު ވަޑައިގަތުމުން ވެސް ޗައިނާގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް އެހައި ބޮޑަށް ދިނެވެ.

ދުނިޔޭގެ މީޑިއާތަކުން ރައީސް ޔާމީން ފަދައިން މުއިއްޒު ސިފަ ކުރަމުން ގެންދަނީ "ޗައިނާ ޕްރޯ" ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖެއިން މުއިއްޒު ސިފަ ކުރަނީ ރައީސް ޔާމީންގެ ދަރިވަރެއްގެ ގޮތުގަ އެވެ. 

ޗައިނާއިން މުއިއްޒަށް މަރުހަބާއެއް ދެންނެވި އިރުވ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި އަވަށްޓެރި އިންޑިއާއިން ވެސް ވަނީ މުއިއްޒަށް މަރުހަބާ ކިޔައިފަ އެވެ. އެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މުއިއްޒަށް މަރުހަބާ ވިދާޅުވުމާއެކު އިންޑިއާ އާއި ރާއްޖޭގެ ޒަމާވީ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެއްބާރުލުން އިތުރުކުރުމަށް އެ ގައުމުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.   

މުއިއްޒުގެ ސިޔާސަތު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރާއްޖޭގެ ރައްޔިތުންނަށް ބައްދަލު ކުރައްވާ މުހާތަބު ކުރެއްވުމަށް ރޭ މުއިއްޒު ވަނީ ބޮޑު އެއްވުމަށް ބާއްވަވާފަ އެވެ. އެ އެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ "މޯލްޑިވްސް ޕްރޯ" ސިޔާސަތު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށާ ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.  

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ ދިވެހީންގެ މިނިވަން ކަމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުން ކަމަށާއި ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފައްޓަވައި ގާނޫނީ ހަމަތަކުގެ މަތީން ބޭރުގެ ސިފައިންނަށް ބާލާނެ ކަމަށާ ދިވެހީންގެ އިހުސާސްތަކާއި ވިންދާ ދެކޮޅަށް މި ރާއްޖޭގައި އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ބޭނުން ނުވާ ކަމަށެވެ. 

ނޮވެންބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ އިންތިހާބީ ރައީސް ވިދާޅުވީ އިންތިހާބުގެ ކާމިޔާބާއެކު ބައެއް ގައުމުތަކުން ސަފީރުން އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ގައުމެއްގެ ސަފީރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށާއި ސިޔާސަތުތައް ސާފުކޮށް ބަޔާން ކޮށް ދެއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "މޯލްޑިވްސް ޕްރޯ" ސިޔާސަތު ކަމަށެވެ.  

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު. 'ޕްރޯ މޯލްޑިވްސް' ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާއި ގާތް ރަހްމަތްތެރި ގުޅުން އޮންނާނެ ގައުމުތައް ކަމުގައި އަޅުގަނޑު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 54 ޕަސެންޓުންނެވެ. އެއީ 127,000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. މިދިއަ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ.    

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.