އެ ބިލް ހުށަހަޅާފައި ވަނީ ޑިމޮކްރެޓްސްގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ އެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އިމްތޔާޒު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް އިސްލާހު ގެންނާށެވެ.
ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފި އެވެ.
އެ ބިލް ހުށަހަޅާފައި ވަނީ ޑިމޮކްރެޓްސްގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ އެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އިމްތޔާޒު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް އިސްލާހު ގެންނާށެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނި ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިނެވެ. އަދި އެ ބާރުތައް ދެމި އޮންނަންވާނީ ރައްޔިތުންގެ ކިބައިގަ އެވެ. ނަމަވެސް އިމްތިޔާޒް ހުށަހަޅާފައިވާ އިސްލާހުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ކަމެއްގައި ގާނޫނު އަސާސީގައި އެކަމަކާ ގުޅިގެން އިސްލާހެއް ގެންނަ ނަމަ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާއްދާތަކާ ގުޅޭ ކަމެއް ކަމުގައިވީ ނަމަވެސް އެ އިސްލާހު ތަސްދީގު ކުުރުމުގެ ކުރިން އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ އެވެ.
"... ހުށަހަޅާފައިވާ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ އެވެ. ގާނޫނު އަސާސީއަށް ރައްޔިތުން ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިހާބު ވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި ރައްޔިތުންނަށް މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި ބަދަލު ދިނުމުގެ ފުރުސަތު ނުދިނުމެވެ. ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ." ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވެއެވެ.