އެންމެންގެ ތައުރީފު ފުއާދަށް، ތިޔައީ "މޭން އޮފް ދަ މެޗް"

މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގައި ހަގީގަތުގައި ވެސް ފުއާދުގެ ދައުރު ބޮޑެވެ. ކޮމިޝަން އެކުވެރި ކުރައްވާ ބައިބައިވުމަށް ފުރުސަތު ނުދީ / ނުފޫޒަކަށް ޖާގަ ނުދެއްވާ އިންތިހާބު ބޭއްވުމުގެ މޭސްތިރި އަކީ ފުއާދެވެ. ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ ޓީމެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

މިއަދު އޮތް ރިޔާސީ އިންތިހާބު، މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ނިމިގެން ދިޔައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ހިތްވަރާއި އިހުލާސްތެރި މަސައްކަތުގެ ސަބަބުން ކަމަށް ދެކޭ މީހުން ގިނަ އެވެ. އެކަން ސޯޝަލް މީޑިއާ ބަލާލުމުން ސާފެވެ. އެންމެންގެ ތައުރީފު ހާއްސަ ކޮށްފައިވަނީ ފުއާދަށެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް ދިޔައީ ކޮމިޝަންގައި އެދެމުންނެވެ. ކޮމިޝަންގެ މެންބަރުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމާއި މެންބަރުންގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު އިންސާފުވެރި އިންތިހާބެއް ލިބޭނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު ވެސް ކުރަމުންނެވެ.

ނަމަވެސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ފުއާދު ގެންދެވީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ކޮމިޝަންގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވިހާ ދުވަހަކު އެއްވެސް ނުފޫޒަކަށް ޖާގަ ނުދެއްވާނެ ކަމަށް ތަކުރާރު ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރުންގެ މެދުގައި އޮތް ނުތަނަވަސް ކަމަށް މަޝްވަރާއާ ދޫދެއްވުމުން ހައްލު ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މެންބަރުންގެ ދެކޮޅު ހެއްދެވުންތަކާ އެކު ކިތަންމެ ބޭނުންފުޅުވީ ނަމަވެސް ފުއާދު ވަނީ ބައްދަލްވުން ޗެއާ ކުރެއްވުން ހުއްޓަވާ ލައްވާ އެ ފުރުސަތު ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބަށް ދެއްވާފައެވެ. ބޭނުންފުޅުވީ ކޮމިޝަންގެ މަސައްކަތަށް ބުރޫއެރިޔަ ނުދެއްވުމަށެވެ. އަދި އިންތިހާބަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ފުރުސަތު ފަހި ކުރެއްވުމަށެވެ.

ބައްދަލްވުންތަކުގައި ޗެއާ ނުކުރެއްވި ނަަމަވެސް އިންތިހާބުގެ މަސައްކަތްތައް ތާވަލަށް ހިންގެވުމާއި މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރިހާ ގޮތަކުން ފުއާދު ގެންދެވީ ފުރުސަތު ފަހި ކުރައްވަމުންނެވެ. ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާ ހުރިހާ ކެންޑިޑޭޓުންގެ ޝަކުވާތައް އަޑުއެއްސެވި އެވެ. އެ ޝަކުވާތަކަށް އެންމެ ފުރިހަމަ ހައްލު ގެނެސް ދެވޭތޯ މަސައްކަތް ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިންތިހާބުގެ އެންމެ މުހިންމު ދަނޑިވަޅު / ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ނެގުން ކުޑަތަންވެފައި ވަނިކޮށް ފުއާދުގެ ހަޔާތަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތަކާއި ކުރިމަތިވެވަޑައިގެންނެވި އެވެ. އަނބިކަނބަލުން ޒީދާ ހުސައިންގެ ބައްޕަ ނިޔާވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރިކަލުން އަހްމަދު ފުއާދު ނިޔާވީ އެވެ.

ނަމަވެސް އެ ދުވަހު ވެސް އޮފީހަށް ވަޑައިގެން ރަސްމީ މަަސައްކަތުގައި އެންމެ ފަހު ވަގުތާއި ހަމައަށް އުޅުއްވި އެވެ. އެއީ ކެންޑިޑެސީ ހުށައެެޅުމުގެ ފަހު ދުވަހެވެ. ވަރަށް ގިނަ ކެންޑިޑޭޓުން އެ ދުވަހު ފޯމް ހުށައެޅުއްވި އެވެ. ގަދަ ހިތްވަރާ އެކު އެ ހުރިހާ ރަސްމިއްޔާތުތަކެއްގައި ފުއާދު ބައިވެރިވެވަޑައިގެންނެވި އެވެ.

ހުސްވަގުތުކޮޅެއް ލިބިވަޑައިގަތުމުން ދަރިކަލުންގެ ޖަނާޒާއަށް އިންޑިއާއަށް ވަޑައިގަތުމުގެ އިންތިޒާމު ކުރެއްވި އެވެ. އަދި ރަސްމީ މަސައްކަތް ނިންމަވާލައްވާ ވަގުތުން ގެކޮޅަށް ވަޑައިގެން އަނބިކަނބަލުންނާއެކު އެއާޕޯޓަށް ވަޑައިގަތެވެ. އިންޑިއާގައި ދެތީން ހަތަރު ދުވަހަކު މަޑުކުރެއްވުމަށް ފަހު އަލުން އެނބުރިވަޑައިގެން ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތު އުފުއްލަވަން ފެއްޓެވި އެވެ.

އެ ހުރިހާ ހިތާމަތަކާ އެކު ވެސް މިއަދަކީ ފުއާދުގެ ހަޔާތުގައި އުފާވެރި ދުވަހެކެވެ. ރައްޔިތުން އެދޭ ފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާ ނިމުނީ އެވެ. ހުރިހާ ޕާޓީތަކާއި ކެންޑިޑޭޓުން އަދި ސިޔާސީ ލީޑަރުންނާއި ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. މުޅި ސޯޝަލް މީޑިއާގައި އޮތީ އެއް ޝުއޫރެކެވެ. ފުއާދުގެ ހިތްވަރަށް ސާބަސް ދިނުމެވެ. ފުއާދުގެ ގައުމީ / އިހްލާސްތެރި ހިދުމަތް ފާހަގަ ކުރުމެވެ.

ވަރަށް ގިނަ ސިޔާސީ ބޭފުޅުންނާއި އާންމުން ދަނީ އެކަން ފާހަގަކޮށް ފުއާދަށް ޝުކުރު އަދާ ކުރަމުންނެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގައި ހަގީގަތުގައި ވެސް ފުއާދުގެ ދައުރު ބޮޑެވެ. ކޮމިޝަން އެކުވެރި ކުރައްވާ ބައިބައިވުމަށް ފުރުސަތު ނުދީ / ނުފޫޒަކަށް ޖާގަ ނުދެއްވާ އިންތިހާބު ބޭއްވުމުގެ މޭސްތިރި އަކީ ފުއާދެވެ. އަދިނކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ ޓީމެވެ.

ގިނަ މީހުން ދެކޭ ގޮތުގައި މިއަދުގެ އިންތިހާބަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަ ކުރާނަމަ "މޭން އޮފް ދަ މެޗަ"ކީ ފުއާދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.