"ކުރިއަށް އޮތް ހަ މަަސް ދުވަހުގެ ތެރޭގައި އާބަންކޯ އިން އެތަން ނިންމާ އެތަނުގެ ފްލެޓް ދޭން ލިޔުން ދީފައި އޮތް ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން،"
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތް ކުރަން ފަށައި ނުނިމި ހުރި ފްލެޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިގެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިރޭ ސޯސަން މަގުގައި ހުންނަ އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަަގައި އޮތް ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުުރުން ބޯހިޔާވަހިކަމެއް ހޯދުމަށް ބޮޑު އަގު ދައްކާ ފްލެޓް ނުލިބި ތިބި އެތައް ބަޔަކު ބައެއްގެ މައްސަލަތައް ހައްލު ނުލިބި ހުރި ކަމަށެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ގުޅިފަޅުން ގޯތި ގަތް މީހުންނަށް ދިމާވި މައްސަލަ އެވެ.
މީގެ އިތުރުން ސީލައިފް ކިޔާ ކުންފުންޏަކުން އެތައް ބައެއް އަތުން ފައިސާ ނަގާ ފްލެޓް ނުދީ އޮތް މައްސަލަ ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ގުޅިފަޅުން ގޯތި ގަތް މީހުންނަށް ވެސް އަދި ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ވެސް ފައިސާ ދީ އެ މައްސަލަ ހަމަޖެއްސީ މި ސަރުކާރުން ކަމަށެވެ. އަދި ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ލިބޭނެ ގޮތްތަކެއް ހަމަޖައްސަމުން ގެންދާ ކަަމަށެވެ.
ދެން ފާހަގަ ކުރެއްވީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތް ކުރަން ފަށައި ނުނިމި ހުރި ފްލެޓްތަކުގެ މައްސަލަ އެވެ. ރައީސް ވިދާޅުވީ އެ ފްލެޓްތައް ނިންމަން މިހާރު އާބަންކޯ އިން ހަވާލުވެފައިވާ ކަމަށާ އެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށް ހައްގު ވެރީންނަށް ފްލެޓް ދޭނެ ކަމަށެވެ.
"ކުރިއަށް އޮތް ހަ މަަސް ދުވަހުގެ ތެރޭގައި އާބަންކޯ އިން އެތަން ނިންމާ އެތަނުގެ ފްލެޓް ދޭން ލިޔުން ދީފައި އޮތް ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން،"
މީގެ އިތުުރުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ކޭ ޕާކު" ފްލެޓުތަކުގެ މައްސަލަ އަށް ވެސް ހައްލު ހޯދަން ސަރުކާރުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ފްލެޓްތައް ނިންމުމާ ވެސް އާބަންކޯ އިން ހަވާލުވެ އެ މަސައްކަތް ނިންމާ ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ހައްގުތައް ހިމާޔަތް ކުރާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއް ފްލެޓްތައް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށް ކުރެވޭ ތުހުމަތާއެކު އެ މައްސަލަތައް ޝަރީއަތަށް ގެންގޮސް ގެއްލުން ލިބުނު މީހުންނަށް ފައިސާ އިން ބަދަލު ދެއްވާނެ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ކާގޮށީގައި އިމާރާތް ކުރަން ފެށި ފްލެޓްތަކުގެ ކުލި ބޮޑު ކަމުގެ ޝަކުވާއަށް ވެސް ހައްލެއް ހޯދާ ދެއްވާނެ ކަމަށެވެ. އަގާމެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.