ލަންދޫ ބޯޓްގެ ވެރިފަރާތުން ބުނި ގޮތުގައި އޭނާގެ ބޯޓް ގަދައިގައި ދުއްވަނިކޮށް ދިޔަވެ އަޑިއަށް ދިޔައީ އެކި ފަރާތްތަކުން އެ ބޯޓަށް އަރުވާފައިވާ ތިން މިލިއަން ރުފިޔާގެ މުދަލާއެކު އެވެ. އޭގެ ތެރެއިން ވަރަށް މަދު މިންވަރެއް ނޫނީ ސަލާމަތް ކުރެވިފައެއް ނުވެއެވެ. މިއީ އިންޝުއަރެންސް ކޮށްފައި އޮތް ބޯޓެއް ކަމަށް ސާފެއް ނުވެއެވެ.
ނ. އަތޮޅުގެ ތިން ރަށެއްގެ މުދާ ހިފައިގެން ދަތުރުކުރާ "ލަންދޫ ބޯޓް" ދިޔަވެ މުދަލާއެކު އަޑިއަށް ދިޔައިރު ބޯޓްގައި ތިން މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް ބޯޓުގެ ވެރިފަރާތުން ބުނެފި އެވެ.
"މި" ނޫހަށް މައުލޫމާތު ދެމުން ބޯޓްގެ ވެރިޔާ، ޝުއައިބު ބުނި ގޮތުގައި އޭނާގެ ބޯޓް ދިޔަވެ އަޑިއަށް ދިޔައީ އެކި ފަރާތްތަކުން އަރުވާފައިވާ ތިން މިލިއަން ރުފިޔާގެ މުދަލާއެކު އެވެ. ބޯޓުގައި ހުރި މުދަލުގެ ތެރެއިން ވަރަށް މަދު މިންވަރެއް ނޫނީ ސަލާމަތް ކުރެވިފައެއް ނުވެ އެވެ. ސަލާމަތް ކުރެވުނީ ގޭސް ފުޅި ފަދަ ލޮނުގައި ޖެހުނަސް ހަލާކު ނުވާނެ ފަދަ މަދު އެއްޗެކެވެ. މި ބޯޓު އިންޝުއަރެންސް ކޮށްފައިވާ ކަމެއް މިހާތަނަށް ސާފު ކުރެވިފައެއް ނެތެވެ.
"ހަގީގަތަށް ބުނާނަމަ އެއްވެސް މުދަލެއް ސަލާމަތް ނުކުރެވި ބޯޓް އަޑިއަށް ދިޔައީ. ބޯޓަށް ވެސް ވަނީ އެހާ ބޮޑު ގެއްލުން ވެފައި،" ލަންދޫ ބޯޓްގެ ވެރިޔާ ބުންޏެވެ.
"ލަންދޫ ބޯޓް" ދިޔަވެ މުދަލާއެކު އަޑިއަށް ދިޔައީ މާލެއިން ނ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށެވެ. އޭގެ ކުރީން ބޯޓްގެ އިންޖީނަށް މައްސަލައެއް ދިމާވެ މިއަދު ހެނދުނު ގާފަރު ފަޅަށް ވައްދަން ޖެހުނެވެ. ގާފަރުން ބޯޓް ނައްޓާލީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު ހެނދުނު 10:00 ޖެހިއިރު އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ބޯޓަށް ދިޔަވާކަން ފާހަގަ ވާން ފެށި އެވެ. ދިޔަވުން ހުއްޓުވަން ޕަންޕް ޖަހައިގެން ދިޔަ ހިއްކި ނަމަވެސް އެކަމެއް ނުވި އެވެ.
ދިޔަވުން ހުއްޓުވޭނެ އިތުރު ގޮތެއް ނެތުމުން އަނބުރާ ގާފަރަށް ދެވޭތޯ މަސައްކަތް ކުރަނިކޮށް ބޯޓް އަޑިއަށް ދިޔައީ ގާފަރު ފުއްޓަރު ފަރާތު ތޮށި މައްޗަށެވެ. އޭރު ވަރަށް ގިނަ މުދާ ވަނީ ކަނޑަށް ބޭރުވެފަ އެވެ.
ލަންދޫ ކައުންސިލް އިދާރާއިން ބުނި ގޮތުގައި ބޯޓް އަޑިއަށް ދިއުމާއި ގުޅިގެން އެހީތެރިވެ ދިނުމަށް އާއިލާއިން އެދުމުން 60 މީހުންގެ ޓީމެއް މިހާރު ވަނީ ރަށުން ގާފަރަށް ފުރުވާލާފަ އެވެ. ބޯޓް ނެގުމުގެ މަސައްކަތާއި މުދާ ސަލާމަތް ކުރުުމުގެ މަސައްކަތުގައި އެ މީހުން އެހީތެރި ވެދޭނެ އެވެ. ލަނދޫގައި 1123 މީހުން އުޅެ އެވެ. މިއަދު ބޯޓު އަޑިއަށް ދިޔައިރު އޭގައި 12 ދިވެހިންނާއި 36 ބިދޭސީން ތިއްބެވެ. އެ މީހުން ސަލާމްތް ކުރީ ކޯސްޓްގާޑުންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
ފުލުހުންނާއި ސިފައިންވެސް ވަނީ ލަންދޫ ބޯޓުން ގިނަ އަދަދެއްގެ މުދާ ކަނޑަށް ބޭރުވެފައި ވާތީ ކަނޑުދަތުރުކުރާ އުޅަނދުތަކުން ސަމާލު ވުމަށް އެދިފައެވެ. ސިފައިން ބުނާ ގޮތުން ބޯޓް ފެންމައްޗަށް އަލުން ނެގޭނެ ކަމަށް ލަފާ ކުރެވެނީ މާދަމާގެ ވަގުތެއްގަ އެވެ.
ލަންދޫ ބޯޓް ދަތުރުގައި ފުރާފައި ވަނީ ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތީ އަދި ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓުގެ ފޯކާސްޓެއް އޮތުމުން، ފިޔަވަޅުތައް އަޅާށާއި ކަނޑުމައްޗަށް އަރާނަމަ ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މޫސުމާބެހޭ އިދާރާ އާއި ކޯސްޓް ގާޑާއި މެރިން ފުލުން އިލްތިމާސްތައް ނެރެފައި އޮއްވަ އެވެ.
މެޓްގެ ފޯކާސްޓްތައް ބުނާ ގޮތުން މިރޭ، އަދި މާދަމާ ވެސް ކަނޑު ގަދަ ވާނެ އެވެ. ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންޥެ އެވެ. ވާރޭ ވެހޭނެ އެވެ. މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން މިހާރު ލަފާ ކުރަނީ ހުކުރުގެ ފަހުންނެވެ.