"ހަމަ އެކަނި އެ ސަބަބަށްޓަކައި އަޅުގަނޑު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަ ކުރީ. އުސޫލެއްގެ ގޮތުން އެއް ގައުމެއްގެ ވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީ އަކީ އެހެން ހާމަ ކުރާ އެއްޗެއް ނޫން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު އާންމު ނުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އެ ސިޓީ ބަޔަކު ލީކުކޮށްލި މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް އެ ސިޓީ އެމަނިކުފާނު އާންމު ކުރެއްވި ކަމަށް ރައީސް ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިރޭ ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕެއިން ބިނާކޮށްފައި އޮތީ ބުހުތާނު ދޮގުތަކެއްގެ މައްޗަށް ކަމަށެވެ.
އެހެން ކަމުން މި ބުރުގައި އެ ކަންކަމުގެ ހަގީގަތްތައް ހާމަ ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ކަނޑު ވިއްކާލި ކަމަށް ބުނެ މޮރިޝަސްގެ ބޮޑުވަޒީރަށް އެމަނިކުފާނު ފޮނުއްވި ސިޓީއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ބުހުތާނު ދޮގު ވާހަކަތައް އިދިކޮޅު ޕާޓީތަކުން ފަތުރާފައިވާ ކަމަށެވެ. އެއް ގައުމެއްގެ ވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީ އަކީ ހާމަ ކުރާ އެއްޗެއް ނޫން ނަމަވެސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އާންމު ކުރީ ހަމައެކަނި އެ ސަބަބާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ އެކަނި އެ ސަބަބަށްޓަކައި އަޅުގަނޑު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަ ކުރީ. އުސޫލެއްގެ ގޮތުން އެއް ގައުމެއްގެ ވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީ އަކީ އެހެން ހާމަ ކުރާ އެއްޗެއް ނޫން،"
ރައީސް ވިދާޅުވީ ކުރީން އެ ވާހަކަތައް ތިލަ ނުކުރެއްވީ ވެރިކަން ކޮށްފައި ތިބި ބަޔަކު ނުވަތަ ކުރަން ބޭނުންވާ ބަޔަކުވެސް އެފަދަ ބުހުތާނު ދޮގު ހަދާ އޮޅުވާލައިގެން ވެރިކަން އަންނަން އުޅެފާނެ ކަމަށް ގަބޫލު ނުކުރެއްވީ ކަމަށެވެ. މިއަދު އެ ހަގީގަތް ހާމަ ކޮށްދޭން ޖެހުނީ އެކަން ކުރަމުން ގެންދާތީ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު އާންމު ނުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އެ ސިޓީ ބަޔަކު ލީކުކޮށްލާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ އެ ރޭ ކަށަވަރު ކޮށް ދީފައެވެ. އެ އޮފީހުން އެރޭ ބުނި ގޮތުގައި ދައުލަތުގެ އެފަދަ ލިޔެކިޔުމެއް އާންމުވި ގޮތް ބަލާނެ އެވެ. އެކަން މިހާރު ބަލަމުންދާ ކަމަށެވެ.