އައްޑު އަތޮޅުގައި ވައްކަން ކުރުން ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ގިނަބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑު އަތޮޅުގެ ހިތަދޫ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ވަޅުލާފައި ހުއްޓާ ފުލުހުން ހޯދައިފި އެވެ.
ފުލުސް އިދާރާއިން ބުނީ ހިތަދޫ ގެއެއްގައި ހުރި ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ރިޕޯޓް ކުރި ކަމަށާއި މިހާރު އެ ތިޖޫރީ ހޯދާފައިވާ ކަމަށެވެ. އަދި ބުނީ އެ ތިޖޫރީ ފެނުނީ އެ ރަށު ފަޅު ހިސާބެއްގައިު ވަޅުލާފައި ހުއްޓާ ކަމަށާއި ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި އެމެރިކާ ޑޮރަލު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ސާމާނު ހުރި ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހިތަދޫގައި ސައިކަލެއް ވެސް ވަގަށް ނެގި ކަމަށާއި ފުލުހުންނަށް ފެނުނީ އެ ރަށު ފަޅު ގެއެއްގެ ތެރޭގައި ސައިކަލު ރޫޅާލާފައި ހުއްޓާ ކަމަށެވެ. އަދި 29 ވަނަ ދުވަހު ހިތަދޫ ގެއެއްގެ އޭސީ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ ކަމަށާއި ފަހުން ފެނުނީ ދެ މީހަކު ވެގެން އެ އަންދާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.