"އިހްލާސްތެރި ތެދުވެރި މަސައްކަތެއް ކުރުމަށް މެނުވީ އެއްވެސް މީހަކަށް އަޅުގަނޑުގެ ޓީމަކަށް ނާދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭނީ ތައުލީމީ ގާބިލް ބޭފުޅުން ކަމަށާއި، ސަރުކާރުގެ އެއްވެސް އޮފީހެއްގައި ރައްޔިތުންނަށް ފޮރުވައިގެން އެއްވެސް ކަމެއް ނުގެންގުޅުއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ "ބަހާ އަމަލާ" ދިމާވާނެ ކަމަށެވެ. މުޅި ރާއްޖޭގެ ތަސައްވަރު ހާމަކޮށް ދައްކަމުންދާ ވާހަކަތަކުގެ އަމަލީ ނަތީޖާ ދައްކަވާނެ ކަމަށެވެ. ބޭނުންވަނީ އަމާނާތްތެރިކަމާއި އެކު ސީރިއަސް މަސައްކަތެއްކޮށް، ރައްޔިތުންނަށް ނަތީޖާ ނެރެދިނުން ކަމަށެވެ.
"ކެބިނެޓަށް ނަގާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ބޭފުޅުން. ފަސްބައި ސާފު، ތައުލީމީ، ގާބިލް، އަޅުގަނޑު އެދޭ ސްޕީޑުގައި އެކަންކަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެވޭ ފަދަ ބޭފުޅުން. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް އެކަން އޮންނާނީ އެގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިސް މަގާމުތައް ފުރުއްވާނީ އިހުލާސްތެރި، ތެދުވެރި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށެވެ. ބޭނުންވަނީ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ނެރެ، ގައުމަށް ހަމަޖެހުމުގެ ނޭވައެއް ލެވުން ކަމަށެވެ.
އޭނާގެ ސަރުކާރެއްގައި ޖަވާބު ދާރީ ނުވެވޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގައި ތިއްބަވާނީ ވެސް ޖަވާބުދާރީވާނެ ބޭފުޅުން ކަމަށާއި، ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައް ހަގީގީ މާނައިގައި ނުފޫޒުން އެއްކިބާކޮށް މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
"އަޅުގަނޑުމެން މި އަންނަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމްކުރަން. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނަން. ރައްޔިތުންނާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. މިހާރު ސަރުކާރުގެ ކަމެއް ހާމަކުރަންވެއްޖެ ނަމަ އިގްތިސޯދީ ދަތިތައް އެބަ ކުރިމަތިވޭ. އެއީ ހަގީގީ މިނިވަންކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން އުފައްދާ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެ ފަރާތްތަކަށް އިސްވެ ހުންނަވައިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އިހްލާސްތެރި ތެދުވެރި މަސައްކަތެއް ކުރުމަށް މެނުވީ އެއްވެސް މީހަކަށް އަޅުގަނޑުގެ ޓީމަކަށް ނާދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ވެރިކަން ލިބެންދެންކިޔާޅެ އެހެން. ބަލައްޔޭ! ރައީސް ކަން ލިބެނޫމާ ނުހުންނާ ހަނދާނެއް