ކަރަންޓު ފްލެޓް ރޭޓް: ބުރަ ބޮޑުވާނެ ހެޔޮ އުފުލުމެއް

މި ބަދަލާއެކު ހަތް ބޭންޑް އެއް ބޭންޑަށް ބަދަލުވެ ކަރަންޓު ބޭނުންކުރާ ވަރު މަތިވިޔަސް ބޭންޑް ތަކަށް ހިޖުރަ ކުރުން ހުއްޓޭނެ އެވެ. ކަރަންޓުގެ އަގު 30-50 ޕަސެންޓެއް ހެޔޮވެގެންދާނެ އެވެ. އެކަމަކު މިކަމުން ބަޖެޓަށް ކުރާ ބާރުވެސް ބޮޑުވާނެ އެވެ.

ސްޓެލްކޯ މުވައްޒަފުންތަކެއް މަސައްކަތުގައި: ކަރަންޓު ފްލެޓް ރޭޓަށް ބަދަލު ކުރަން ދަނީ މަސައްކަތް ކުރަމުން -- މި

ބަދަލުން ކަރަންޓު ބިލްތައް 30-50 ހެޔޮ ވާނެ

ކަރަންޓުގެ އަގު ބޮޑުވުން މިއީ ތާއަބަދުގެ ޝަކުވާ އެކެވެ. މި ޝަކުވާއާއެކު ކަރަންޓު ކުންފުނިން ބުނަނީ ހަމަ ކަރަންޓު ބޭނުން ކުރާލެއް ގިނައީ އެވެ. އެކަމަކު ކަރަންޓު ބޭނުންކުރާ އާއްމު ރައްޔިތުން ބުނަނީ އަބަދުވެސް ބޭނުންކުރަނީ ހަމައެއް މިންވަރަށަށެވެ. އެހެންވީއިރު ކަރަންޓު ބިލް ބޮޑުވާންވީ ސަބަބެއް ނޯންނާނެ އެވެ. މި ޝަކުވާއަކީ ހޫނު މޫސުމުގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑެތި ބަހުސްތަކެއް ކުރެވޭ އެއް ކަމެވެ. އެކަމަކު މި ޝަކުވާ ނުކުރާނެ ގޮތެއް ވެސް އޮންނާނެ އެވެ. އެކަމަށް ވިސްނައި ސަރުކާރުން މިވަނީ ކަރަންޓު ފްލެޓް ރޭޓަކަށް ބަދަލު ކުރަން ނިންމާފަ އެވެ. މި ބަދަލުގެ ސަބަބުން އަންނާނެ ލުޔެއްވެސް އޮންނާނެ އެވެ. މި ކަމުގެ ސަބަބުން އަންނާނެ ބަދަލެއްވެސް ހުންނާނެ އެވެ. މި ބަދަލާއެކު ކަރަންޓު އުފައްދާ ކުންފުންޏަށް ކުރިމަތިވާނެ ގޮން ޖެހުން ތަކެއް ވެސް އޮންނާނެ އެވެ. 

ފްލެޓް ރޭޓަށް ބަދަލު ކުރުމަކީ ކޮބައި ހެއްޔެވެ؟ މީގެން ލިބޭނެ ލުޔަކީ ކޮބައި ހެއްޔެވެ؟ މިކަމުން ސްޓެލްކޯ އަށް ކުރިމަތިވާނެ ގޮންޖެހުންތަކަކީ ކޮބައި ހެއްޔެވެ؟ 

ރާއްޖޭގައި އާއްމު ގޭބިސީތަކުގެ ކަރަންޓުގެ އަގަށް ބަދަލެއް ނާންނަތާ ހަތް އަހަރު ވެއްޖެ އެވެ. މީގެ ތިން އަހަރު ކުރީގައި 2019 ވަނަ އަހަރު ވެސް ބަދަލެއް އައިސްފައި ވަނީ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް އަށެވެ. ރާއްޖޭގައި ކަރަންޓު ޓެރިފް ނުވަތަ ކަރަންޓު ދިނުމަށް ދެ ބަޔަކަށް ޓެރިފު ނަގަ އެވެ. މީގެ ތެރޭގައި ހިމެނެނީ ވިޔަފާރި ތަކަށް ހާއްސަކޮށްފައިވާ އަގުތަކަކާއި އާއްމު ގޭބިސީ ތަކަށް ހާއްސަ އަގު ތަކެކެވެ. މި ދެބަ އިން ވެސް އާއްމުންގެ ވިންދާ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އާއްމު ގޭބިސީތަކުގެ ކަރަންޓުގެ އަގެވެ. 

ގޭބިސީތަކަށް މިހާރު ހަތް ބޭންޑެއް

  •  ޔުނިޓަކަށް 0-100 - 1.5ރ.
  •  ޔުނިޓަކަށް 101-200 - 1.7 ރ.
  •  ޔުނިޓަކަށް 201- 300 - 3.65ރ.
  •  ޔުނިޓަކަށް 301 400 - 2.15ރ.
  •  ޔުނިޓަކަށް 401- 500 - 02.5ރ.
  •  ޔުނިޓަކަށް 501 - 600 - 3.55ރ.
  •  ޔުނިޓަކަށް 600 އިން މަތި - 4.25ރ

މިއީ މިހާތަނަށް މިކަން ކަރަންޓު ދޭން ބޭނުން ކުރާ ޓެރިފް ތަނެވެ. ނުވަތަ ނަގަމުންދާ އަގުތަކެވެ. ދެން އޮތީ މިހާރު މި ވާން އުޅޭ ގޮތާއި ކަރަންޓު ފްލެޓް ރޭޓަކަށް ބަދަލުވުމުން ދެން ވާނެ ގޮތުގެ ވާހަކަ އެވެ. 

ސްޓެލްކޯ އެމްޑީ އަދި ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި އެވެ. ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން ކަރަންޓު ބިލް އަބަދުވެސް ކުރަނީ ބޭނުންކުރާ މިންވަރަކަށް ކަމަށާ ވަރިވަރަކަށްވުރެ މައްޗަށް ބޭނުން ކުރުމުން އެއް ބޭންޑުން އަނެއް ބޭންޑަށް އިޖުރަ ކުރަމުންދާނެ ކަމަށެވެ. 

ސްޓެލްކޯގެ އެމްޑީ ޝަރީފު

"މިސާލަކަށް 1000 ޔުނިޓުގެ ބިލެއްނަމަ މީގެ ހަތް ބޭންޑަށްވެސް ބިލް ކުރެވެމުންދާނެ. މިސާލަކަށް ބަލަމާ މީގެ ހަތް ބޭންޑުގެ 1،000 ޔުނިޓް އަރާނަމަ މަހަކު 3135ރ. އަރާނެ. އަދި 600 އަށްވުރެ ބޮޑުވާ ކޮންމެ 100 ޔުނިޓެއް 4.25ރ. އަށް ޗާޖު ކުރަމުންދާނެ. މިއީ ބިލް ބޮޑުވާ ސަބަބަކީ. މިއީ ބިލް ބޮޑުވާ ސަބަބަކީ،" ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝަރީފު ވިދާޅުވި އެވެ. 

ހަތް ބޭންޑުވާނީ އެއް ބޭންޑަށް

މިއީ މިހާރު ބިލް ބޮޑުވާ ސަބަބެކެވެ. މިހާރު ގެންނަ ފްލެޓް ރޭޓާއެކު ސްޓެލްކޯއިން ގޭބިސީ ކަރަންޓަށް މިހާރު ދޫކުރަމުންދާ ހަތް ބޭންޑް އެއް ބޭންޑަކަށް ވެގެންދާނެ އެވެ. މި ފްލެޓް ރޭޓުގެ ސަބަބުން 1000 ޔުނިޓް ނުވަތަ 500 ޔުނިޓުގެ ކަރަންޓު ބޭނުން ކުރިނަމަވެސް ބިލް ކުރާނީ މަތިވެގެންނުދާނެ ފްލެޓް ރޭޓަކުންނެވެ. މާނައަކީ ކުރިން ކަރަންޓު ބޭނުން ކުރާ ވަރަކަށް އެއް ބޭންޑުން އަނެއް ބޭންޑަށް ހިޖުރަ ކުރަމުން ދިޔަ ނަމަވެސް އެކަން ހުއްޓިގެން ދާނެ އެވެ. 

ސްޓެލްކޯ އިން 77،275 އަށްވުރެ ގިނަ ވިޔަފާރި/ އާއްމުންނަށް ކަރަންޓު ފޯރުކޮށްދެ އެވެ. މީގެތެރޭގައި މީހުން ދިރިއުޅޭ ތަންތަނުގެ އަދަދަކީ 60،509 ފަރާތެކެވެ. މާލެ ސަރަހައްދުގައި 53،000 އަށްވުރެ ގިނަ ގޭބިސީ އަދި ރާއްޖޭގެ ހަތް އަތޮޅުގައި 7،000 އަށްވުރެ ގިނަ ގޭބިސީ އަށް ކަރަންޓު ދެ އެވެ. ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ މާލެ ސަރަހައްދުގެ 28 ޕަސެންޓް މީހުން 600 ޔުނިޓަށް ވުރެ އިތުރަށް ބޭނުން ކުރެ އެވެ. މިއީ 4.25ރ. ގެ ރޭޓަށް އިޖުރަކޮށްފައިވާ މަތީ ރޭޓެކެވެ. އާއްމުކޮށް 500 ޔުނިޓަށްވުރެ ދަށުގައި ކަރަންޓު މަދުން ބޭނުންކުރަނީ 40 ޕަސެންޓް މީހުންނެވެ. 

ސްޓެލްކޯ ކަސްޓަމަރުން / ކަރަންޓު ބޭނުން ކުރާވަރު

  •  ޖުމްލަ ކަސްޓަމަރުން - 77،275
  •  އާއްމު ގޭބިސީ - 60،509
  •  މާލެ ސަރަހައްދުގެ ގޭބިސީ - 53،000 އަށްވުރެ ގިނަ
  •  28 ޕަސެންޓް މީހުން 600 ޔުނިޓަށް ވުރެ އިތުރަށް ބޭނުން ކުރޭ
  •  500 ޔުނިޓަށްވުރެ މަދުން ބޭނުން ކުރަނީ 40 ޕަސެންޓް މީހުން

ސްޓެލްކޯގެ އެމްޑީ ޝަރީފު ވިދާޅުވި ގޮތުގައި ފްލެޓް ރޭޓް ކަނޑައަޅާއިރު މިހާރު ކަރަންޓަށް އަގު ނަގާ ޔުނިޓަކަށް 1.50ރ. ގެ ރޭޓަށް ފްލެޓް ކުރެއްވިއްޖެނަމަ ކަރަންޓު ބިލްތައް 31-50 ޕަސެންޓުގެ ހެޔޮކަމެއް ފާހަގަވާނެ އެވެ. 

"މި ޓެރިފް ރޭޓް ކަނޑައެޅޭނެ މިންވަރަކީ ކޮބައިތޯ ބަލަން އަދި ހަމަ މި ސަރުކާރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން މިދަނީ. މި ބަލަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަނޑައެޅޭނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ. 

ގޮންޖެހުން ސްޓެލްކޯއާއި ބަޖެޓަށް

ޔަގީންވާ އެއް ކަމަކީ މިކަމުގެ ސަބަބުން ސްޓެލްކޯގެ މާލީ ހިސާބު ތަކަށް ކުރާ ބާރު ވެސް ބޮޑު ވެގެންދާނެ އެވެ. އެކަމަކު މިއީ ހަމައެކަނި މި ބަދަލުގެ ސަބަބުން އަންނާނެ ބަދަލެއް ނޫންނެވެ. އެ ގޮންޖެހުން ސްޓެލްކޯ އުފެދުނު ދުވަހުން ފެށިގެންވެސް އެބައޮތެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގައި ކަރަންޓު ދޭ ގޮތެވެ. ސަރުކާރުތަކުގެ ލާހޫރޭ ސިޔާސަތުތަކެވެ. މިފަދަ ނިންމުންތަކާއެކު ކަރަންޓު ބޭނުން ކުރެވޭ ވަރު ސްޓެލްކޯ އަށް އަންދާޒާކޮށް ހިސާބު ޖަހަން ވެސް ދަތިވެ އެވެ. މީގެ މިސާލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭނުގައި ނެތްތަނެއް ހިއްކައި އެތަން އާބާދު ކުރުމުގެ ނިންމުމެވެ. އޭގެ ސަބަބުން އެ ސަރަހައްދަށް އަންނަ އާބާދީ އެތައް ގުނައެއް އިތުރުވެ ކަރަންޓުގެ ޑިމާންޑް އުފުލިގެންދާނެ އެވެ.

ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭގައި ކަރަންޓު ބޭނުން ކުރާ މިންވަރު އެއްރެޖުކޮށް އަހަރަކު ނުވަ ޕަސެންޓް އިތުރުވުމެއްގައި ހުރިއިރު ހުޅުމާލެ ހުރީ 25 ޕަސެންޓް އިތުރުވުމެއްގަ އެވެ. އެހެންވެ މިއީ މާލެ ސަރަހައްދުގައި މިހާރު ދީފައިވާ 120 މެގަވޯޓުގެ ކަރަންޓުގެ ކެޕޭސިޓީ ހުސް ވެގެން ގޮސް ރަތް އެލާޓަށް އަރާނެ ކަމެކެވެ. މިއާއެކު ތިލަފުށި ގުޅިފަޅު އަދި ވިލިމާލެ/ ތިލަމާލެ ބްރިޖުން ގުޅިގެން ދިއުމާއެކު ގްރޭޓާ މާލެ ސަރަހައްދަށް ބޭނުންވާ ކެޕޭސިޓީ ބޮޑު ތަނުން އުފުލޭނެ އެވެ.

މިހާރުގެ ކުޑަ އަންދާޒާއަކީ 500 މެގަވޮޓް މި ސަރަހައްދަށް އެކަނި ބޭނުންވުމެވެ. މި ކެޕޭސިޓީ އިތުރު ކުރާނަމަ އަނެއްކާވެސް އިތުރު އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭނެ އެވެ. މީގެ ކޮންމެ އިންވެސްޓްމަންޓަކުން ޓެރިފަށް ބަދަލެއް އަންނާނެ އެވެ.


މިކަން މިހެން ހުއްޓަސް ސަރުކާރުން ބުނުމުން ބުނި ގޮތަކަށް ކަންތައް ކުރުން ނޫން "ޗޮއިހެއް" ކަރަންޓު ކުންފުންޏަކަށް މިކަމުގައި ނޯވެ އެވެ. ޓެރިފުގެ ބޮޑުބައި މިހާރު ވެސް ދައްކަނީ ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒް ކޮށްގެނެވެ. ހަގީގި ޓެރިފަކަށް ދާނަމަ ކަރަންޓަށް ކުރާ އިންވެސްޓްމަންޓުތަކުގެ އަގު ވެސް ޓެރިފަށް އެޑް ކުރަން ޖެހެ އެވެ. އާއްމުކޮށް ބާޒާރުގައި ތެޔޮ ލީޓަރެއް 15ރ. އަށް ހުރި ނަމަވެސް ސަބްސިޑީ ތެޔޮ ދޭނީ އަށް ރުފިޔާ އަށެވެ. އެސްޓީއޯ އިން އަށް ރުފިޔާ އަށް ވިއްކާ ތެލުގެ ބާކީބައި ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑައިޒް ކުރެ އެވެ. މި ސަބްސިޑީ އަށް އެކަނި މިދިޔަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ. އެހެންވެ މިއީ ބަޖެޓުން ކަރަންޓު ދޭން ކުރަން ޖެހޭ ހަރަދު އެތަށް ގުނައެއް އުފުލިގެންދާނެ ކަމެކެވެ. މި ކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ތަނުން ބާރު ބޮޑު ވެގެންދާނެ އެވެ. 

މިކަމުގެ ސަބަބުން ސްޓެލްކޯގެ އާމްދަނީއަށް ކިހާ ވަރެއްގެ އަސަރެއް ކޮށްފާނެ ހެއްޔެވެ؟ މިކަމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހިސާބުތަކަށް ގޮންޖެހުމެއް ކުރިމަތިވެދާނެ ހެއްޔެވެ ؟ 

އެމްޑީ ޝަރީފު ވިދާޅުވި ގޮތުގައި މި ޕޮލިސީ ޑިސިޝަންގެ ސަބަބުން ސްޓެލްކޯއަށް އާމްދަނީ އަށް އަންނާނެ ބަދަލުތައް ދިރާސާ ކުރަމުންދާ ކަމަށާ ނަމަވެސް ބޮޑު ގެއްލުމެއް ވާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. 

"އަޅުގަނޑުމެންގެ ޖެހޭނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަކޮށް މި ހިދުމަތް ދޭން. މިހާރު ވެސް ސަބްސިޑީސް ކޮންމެ ވެސް ލެވަލްއެއްގައި ސަބްސިޑީސް ދެމުން ދޭ. މިހާރު ވެސް ތެލުގެ ސަބްސިޑީދޭ. ސަރުކާރުން ތެލުގެ ސަބްސިޑީ ފްލެޓް ރޭޓެއް ދޭތީ ތެޔޮ އަގު ބޮޑު ވިޔަސް ނާންނަނީ. މިހާތަނަށް އަންދާޒާއެއް ނުކުރެވޭ ފްލެޓް ރޭޓުގެ ސަބަބުން ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭނެ ކަމަށް. އެންމެ ކުޑަ އަގުގައި ރޭޓް ކަނޑައެޅިޔަސް ގެއްލުމެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ. 

މިހާތަނަށް އަންދާޒާއެއް ނުކުރެވޭ ފްލެޓް ރޭޓުގެ ސަބަބުން ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭނެ ކަމަށް. އެންމެ ކުޑަ އަގުގައި ރޭޓް ކަނޑައެޅިޔަސް ގެއްލުމެއް ނުވާނެ

އަހުމަދު ޝަރީފު | ސްޓެލްކޯ އެމްޑީ

އޭނާ އިތުރަށް ވިދާޅުވީ މި ޑިސިޝަންއާއެކު ކުންފުނީގެ މާލީ ހާލަތު ސްޓެބްލައިޒް ކުރަން ސަރުކާރުގައި ވެސް ވިސްނުން ތަކެއް ހުންނާނެ ކަމަށެވެ. 

"އަޅުގަނޑުމެން ކުންފުންޏަކީ ވެސް އިތުރު ގޮތްގޮތުން އާމްދަނީ ހޯދިދާނެ ކުންފުންޏެއް. އެހެންވެއްޖެނަމަ މި ކުންފުނި ހެލްތީ ސިއްހަތު ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ކުރިއަށްދާނެ،" ޝަރީފު ވިދާޅުވި އެވެ. 

މިހާރުގެ މަސައްކަތްތަކާއެކު މި ސިޔާސަތު ތަންފީޒުކޮށް ކަރަންޓު ބިލްތަކަށް ވަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. މި ބަދަލުވާނީ އަންނާނެ ހެޔޮ ބަދަލަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ބަޖެޓަށް ކުރާނެ އަސަރެއްވެސް އޮންނާނެ އެވެ. އެކަން ކުރިއަށް އޮތްތަނުގައި ފެންނަމުން އަންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.