މަޓާޓޯއިން ވަނީ ރާއްޖޭގެ އިންވެސްޓާ ކޮންފިޑެންސް ދަށްވިނަމަވެސް ވާދަވެރި ގައުމުތަކުގައި ރަނގަޅުވެފައިވާ ކަން ފާހަގަކޮށްފަ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދު ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލި އިންވެސްޓަރުންގެ އިތުބާރު ކުޑަވެފައިވާ ކަމަށް ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މަޓާޓޯގެ ދިރާސާއިން ދައްކައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޖަމިއްޔާ ޕާޓާގެ މެންބަރު ޖަމިއްޔާއެއް ކަމަށްވާ މަޓާޓޯއިިން ހެދި ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ގާބިލްކަންހުރި ފަރާތްތައް މަދުވަމުން ދިއުމާއި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ގެއްލެމުންދާކަން ފާހަގަ ކޮށްފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ މިއާ އިދިކޮޅަށް ފެންމުން ދަނީ ހައްތާވެސް ހީނަރުވަމުންދާތަނާއި އާ ބަޔަކު މާކެޓާ ގުޅިފައި ނުވާ ތަނެވެ.
"...ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު މިސާލަކަށް ފިޖީ އާއި ޒެންބިއަ ކަހަލަ ގައުމުތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވަމުންދާ މި ދުވަސްވަރު ރާއްޖެއަށް އަންނަމުންދާ މި ބޮޑު ބަދަލާމެދު ފުންކޮށް ވިސްނާ ކަންބޮޑުވާން ޖެހިފައިވާ މައްސަލަ އެކެވެ،" މަޓާޓޯއިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އެމްއެމްއޭއިން ޑޮލަރަށް ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަ ކޮށްފަ އެވެ. އަދި ރާއްޖޭގެ ދަަރަނި ބޮޑުވުމުގެ މައްސަލައަށް ބަލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަނީ ގޮވާލާފަ އެވެ.
"... ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރަން ޖެހެ އެވެ. އަދި ސަރުކާރުގެ އިސްރާފު ކުޑަކުރުމާއި ބޭކާރު ހަރަދުތައް ހުއްޓުވަން ޖެހެ އެވެ. ސަރުކާރުންދޭ ސަބްސިޑީތަކާއި ކުންފުނިތަކަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ،" މަޓާޓޯއިން ބުނެފައިވެ އެވެ.
މަޓާޓޯއިން ވަނީ އެ ޖަމިއްޔާ އިން ފާހަގަ ކުރި މި ކަންތައްތަކަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ.
ރާއްޖޭގެ 100 އަށްވުރެ ގިނަ ޓްރެވަލް ކުންފުނި ތަމްސީލް ކުރާ ޖަމިއްޔާއިން މީގެ ކުރިންވެސް އިގްތިސޯދުގައި ހުރި ގިނަ މައްސަލަތަކެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކޮށްފައިވެ އެވެ. މިގޮތުން ދަރަނީގެ މައްސަލަ އާއި އިޝްރާފުގެ މައްސަލަ ހިމެނެ އެވެ. އަދި ސަރުކާރުން މިދިޔަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރާނެ ނޭދެވޭ އަސަރުތައް ހާމަކޮށްފައިވެ އެވެ. މީގެ ސަބަބުން ރާއްޖޭގެ ރިސޯޓްތައް ވިއްކާ އަގު މަތި ކުރަން ޖެހި ވާދަވެރިންނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރަން ދަތިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ސަރުކާރުން ދަނީ ރާއްޖެ އަށް އިންވެސްޓްމަންޓް ގެންނަން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ކުރި އިންވެސްޓްމަންޓްތަކުގެ އަދަދު ހޯދަން އެދުމުން އިކޮނޮމިކް މިނިސްޓްރީން އެ މައުލޫމާތު މިހާތަނަށް ދީފައެއް ނުވެ އެވެ. ރާއްޖޭގައި ކުރާ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަށް އަންނަނީ ޓޫރިޒަމް ދާއިރާ އަށެވެ. މި ދާއިރާއިން ސަރުކާރުން މިހާތަނަށް ރިސޯޓް ހަދަން ގިނަ ރަށްތަކެއް ނެރުނު ނަމަވެސް ސަރުކާރުން ނެރޭ ރަށްތަކަށް އިންވެސްޓަރުންނެއް ނުލިބެ އެވެ. ނަމަވެސް އަމިއްލަ ވިޔަފާރިވެރިން ބޭރުގެ ގައުމުތަކުގެ ބޭންކްތަކުން ފައިނޭންސް ގެނެސްގެން ކުރާ އިންވެސްޓްމަންޓްތަކަށް ހުއްޓުމެއް ނާދެ އެވެ. މިގޮތުން މި ފަސް އަހަރު އެންމެ ވިޔަފާރިވެރިއަކު ޓޫރިޒަމްގެ ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖޭގައިކޮށްފައިވެ އެވެ.