ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 13

ވަރަށް އުނދަގުލުން މޫސަ އަހައިލިއެވެ. ސަމާ އާނއެކޭ ބުނުމާ އެކުގައި ރޯންފެށިއެވެ. ސަމާ ބޭނުންވީ ހުރިހާ ކަމެއް އޭނާއަށް ހާސިލުވަމުން ދެއެވެ.

- އެޕިސޯޑް 13 -

"ބައްޕާ.." ސަމާ ވަރަށް އޯގާތެރިކަމާ އެކުގައި މޫސަގެ ގައިގައި ބައްދައިގަތެވެ. މޫސައަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މޫސަގެ ބުރަކަށީގައި ފިރުމަމުން ސަމާ އެދެމުން ދިޔައީ ހިތްވަރު ކުރުމަށެވެ. މި ނޫން ދުނިޔެއެއް އޮތްކަމާއި އަދި ނިއުޝާއަށް ވިސްނޭނެ ކަމުގައި ސަމާ ބުނަމުން ދިޔައެވެ.

"ނޫން.. އަހަރެން ދެން ނިއުޝާއެއް ބޭނުމެއް ނޫން.. ދުވަހަކު ވެސް.. ދުވަހަކުވެސް އަހަރެން ހިތް ނިއުޝާއަށް ހެވެއް ނުވާނެ.. އަހަރެންގެ ދަރިއެއް ނޫން ނިއުޝާއަކީ.. އަހަރެން އެ ދަރި ހަރާން ކޮށްފިން.." މޫސައަށް ލިބިފައިވަނީ ކޮޅުނެތްކޮޅަށް ހިތާމައެވެ. މޫސަ ގިސްލަމުން ދެއްކި ވާހަކަތައް ސަމާ އަޑު އަހަމުން ދިޔައީ އިންތިހާއަށް އުފަލުން ހުރެގެންނެވެ. 


ސަމާގެ ހިތް އުފަލުން ނަށަނީއެވެ. ސަމާގެ މޫނުމަތިން ފެންނަމުންދާ ހިތާމަތަކަށް މޫސަ ބަލައިލިއެވެ. އަދި ވަރަށް ލޯބިން މޫސަގެ ކަނާ އަތުން ސަމާގެ ކޮލުގައި ފިރުމަން ފެށިއެވެ.

"ތީ އަހަރެންގެ ލޭ.. އަހަރެންގެ ދަރިއެއް ތީ.. ނިއުޝާ އަހަންނާ ވަކިވިޔަސް، މިއަދު އަހަރެންގެ ހުރި ހަމަ އެކަނި އުއްމީދަކީ ސަމާ.. އަހަރެންގެ ހުރި ހަމަ އެކަނި ދަރިއަކީ ތީ.." މޫސަގެ ޖުމުލައާ އެކު ސަމާގެ ތުންފަތުން ދުވެލީ ހިނިތުންވުމެކެވެ. މޫސަގެ އަތުގައި ސަމާ ހިފައިލީ ވަރަށް ލޯބިންނެވެ.

"ބައްޕާ.. އަހަރެން އަބަދުވެސް ހުންނާނީ ބައްޕައާ އެކު.. ބައްޕަ ނޭދޭ މަގަކުން އަހަރެން ނުހިނގާނަން.. އަހަރެން އަބަދުވެސް ހުންނާނީ ބައްޕަގެ ޙައްޤުގައި.. ބައްޕަ ބުނާ ކޮންމެ ކަމެއް އަހަރެން ކުރާނަން.. ބައްޕަމެން ލަދު ގަންނަ ހަމަ އެންމެ ކަމެއް ވެސް އަހަރެންގެ ފަރާތުން ވިޔަކަ ނުދޭނަން.." ސަމާ ދެއްކި ވާހަކަތަކުން އުއްމީދު ގެއްލިފައިވާ މޫސަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. މޫސައަށް "އަލްޙަމްދުﷲ" އޭ ބުނެވުނެވެ.

ދުވަސްތައް ވޭތުވަމުން ދެއެވެ. ދުވަހަކަށްފަހު ދުވަހެކެވެ. އެގޮތުގައި ދުވަސްތައް މާޒީ ވަމުން ގޮސް 1 މަސް ވޭތުވެއްޖެއެވެ. ފަޔާޒް އާއި އެކުގައި ނިއުޝާ ވޭތު ކުރާ ކޮންމެ ދުވަހަކީ ނިއުޝާއަށް އުނދަގޫ އިޙްސާސްތަކެއް ކުރުވާ ދުވަހެކެވެ. ނިއުޝާ އުއްމީދު ކުރިވަރަށް ވުރެ ފަޔާޒް މާ ރަނގަޅެވެ. ނިއުޝާއަށް ދަތި ހަމަ އެންމެ ކަމެއް ވެސް ފަޔާޒް ވިޔަކަ ނުދެއެވެ. ހުރިހާ ކަމެއް ވެސް ނިއުޝާއަށް ކޮށްދެނީ ވަރަށް ލޯބިންނެވެ. އޮފީސް ނިންމާލާފައި ފަޔާޒްގެ ހުރިހާ ވަގުތެއް އޭނާ ހޭދަ ކުރަނީ އޭނާގެ އަނބިމީހާ ނިއުޝާ އާ އެކުގައެވެ. 

ފައިސާގެ ގޮތުން ބެލި ނަމަވެސް، ނިއުޝާއަށް ތަނަވަސް ދިރިއުޅުމެއް އުޅެވެން އެބައޮތެވެ. ރާއްޖެއިން ބޭރަށް ގޮސްލާ، ރިސޯޓުތަކުގައި ހޭދަކޮށްލަން ފަޔާޒް ވަރަށް ކިޔައެވެ. ނަމަވެސް އެކަމަށް އެއްބަސް ނުވަނީ ނިއުޝާއެވެ. ފަޔާޒް ކަހަލަ ރަނގަޅު މީހަކަށް ނިއުޝާއަށް މިދެވެނީ ކިހާ ބޮޑު ވޭނެއް ބާއޭ އަބަދުވެސް ނިއުޝާގެ ހިތަށް އަރައެވެ. ކުރެވިފައިވާ ކައިވެންޏަކީ ސައްޙަ ކައިވެންޏެއް ނޫންކަން އިޙްސާސްވާ ކޮންމެ ފަހަރަކު ނިއުޝާއަށް ހީވަނީ އޭނާގެ ބޮލަށް ބަރު އެއްޗެހި ތަކެއް ވެއްޓޭހެންނެވެ.

ބަނޑުގައި އެހެން މީހެއްގެ ޒިނޭގެ ދަރިއެއް އުފުލަމުން، އަމިއްލަ އެދުމަށްޓަކައި ފަޔާޒްގެ ދިރިއުޅުމަށް ފުންމާލައިގެން އުޅެނީ ނިއުޝާގެ ހާދަ ގޮތްކުޑަ ވީމާއޭ އަބަދުވެސް ނިއުޝާގެ ޟަމީރު އޭނާއަށް ހަނދާން ކޮށްދެއެވެ. އެކަނިވާ ކޮންމެ ވަގުތަކު ނިއުޝާގެ ހިތް އޭނާއަށް އެތައް ސުވާލެއް ކުރެއެވެ. ނިއުޝާގެ ބައްޕަގެ ޙައްޤުގައި، އަމިއްލަ އަގަށްޓަކައި ކުރެވުނު ކައިވެނިން ނިއުޝާއަށް އޭނާގެ ބައްޕަގެ ލޯބި ވެސް ގެއްލުނީއެވެ. ހުރިހާ ކަމެއް ތެދަށް ކިޔައި ދިން ނަމަވެސް ބޮޑުވަރަކަށް ވާނީ މިވަރު ނޫންހޭ ނިއުޝާގެ ހިތަށް އަރާ ފަހަރު ވެސް އާދެއެވެ. 

ކައިވެނީގެ ފުރަތަމަ 2 ހަފުތާގައި ނިއުޝާ އޭނާގެ ބައްޕައަށް ނުގުޅާ ހަމަ އެންމެ ދުވަހެއް ނުދެއެވެ. ނަމަވެސް މޫސަ ފޯނު ނުނަގާތީ ވާހަކަދެއްކޭ ގޮތް ވަނީ ނުވެފައެވެ. ރޫމާއަށް ގުޅުމުން ރޫމާ ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެއީ މޫސަ އެކަން އެގޮތަށް ކުރަން ރޫމާ ގާތު ބުނެފައި ވެސް އޮތުމާއެކުގައެވެ.

***

ސަމާ އާއި މާއިޒްގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ދެމީހުން އޮފީސް ތެރޭގައި އަދި ބޭރުގައި ވެސް އުޅެނީ ވަރަށް ލޯބިންނެވެ. ނަމަވެސް މާއިޒް ސަމާގެ ފަރާތުން އެންމެ ގަޔާވާ ސިފައަކީ ސަމާ "ހޭބަލި" ވެގެން ނޫޅޭ ކަމެވެ. ލޯތްބަށް ސީރިއަށް ނުވާތީއެވެ. މާއިޒަށް ސަމާ ކަހަލަ މާއިޒްގެ "ވައިބް"ގެ އަންހެން މީހެއް ލިބިމުން މާއިޒް ހުންނަނީ ވަރަށް ހަމަޖެހިގެންނެވެ. އަނބިމީހާއަށް ސިއްރުން ކަންކަން ކޮށްލާއިރު، ސަމާ އަކީ ގެންގުޅެން ވަރަށް ފަސޭހަ އަދި އަންޑަސްޓޭޑިން ބައިވެރިއެއްގެ ގޮތުގައި މާއިޒް ޤަބޫލު ކުރެއެވެ. 

މާއިޒްގެ އޮފީސް ސްޓެރެސް ފިލުވާލަން އޭނާ ބޭނުން ވިޔަސް، ސަމާ ކޮންމެ ވަގުތެއްގައި އެކަމަށް އުފަލާ އެކުގައި އާނ ބަސް ބުނާނެއެވެ. ޝަކުވާ ކުރުމަކީ ސަމާއަށް ނޭނގޭ ކަމެއްގެ ގޮތުގައި މާއިޒަށް ބެލެވޭ ވަރަށް އެކަން ސަމާގެ ކިބައިގައި ނެތެވެ. އެއީ ސަމާ ވެސް ބޭނުންވާ ގޮތެވެ. މާއިޒްއާ އެކުގައި ސަމާ ފަށާފައިވާ ދަތުރަކީ ދުރު ރާސްތާ ރޭވުމެކެވެ. ބޭނުންވަނީ ފައިސާއާއި މުއްސަނދި ކަމެވެ. ދެން އޮތީ އަޑި ނޭނގޭހާ ފުން ނުބައި ރޭވުންތަކެވެ. (ނުނިމޭ)

ކޮމެންޓް

1
450
ލިޔު
11 months ago

ސަމާ ހާދަގޯހޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.