ސިކް ލީޑަރުގެ މަރު އިންޑިއާއާ ގުޅުވުމުން ކެނެޑާ-އިންޑިއާގެ ގުޅުން ހަރާބު

ގާނޫނު ހަދާ މަޖިލީހުގައި ޓްރޫޑޯ ހޯމަ ދުވަހު ވިދާޅުވީ ނަޖާރު މަރާލި މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ދާދި ފަހުން ދިއްލީގައި ބޭއްވި ޖީ20 ސަމިޓްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ސިކް ލީޑަރު، ހަރުދީޕް ސިންގް ނިޖާރު

ކެނެޑާގެ ސިކުން ލީޑަރަކު މަރާލުމުގައި އިންޑިއާގެ ދައުރެއް އޮތް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުރައްވާ ތުހުމަތުތައް އިންޑިއާއިން ވަރަށް ބޮޑަށް ކުށްވެރިކޮށް އެކަން ދޮގުކޮށްފި އެވެ. އަދި އޭގެ ދެ ގައުމުގެ ގުޅުން ހަރާބު ވެއްޖެ އެވެ.  

ބްރިޓިޝް ކޮލަމްބިއާގެ ސިކުންގެ ފައްޅިއެއްގެ ބޭރުގައި ސިކް ލީޑަރު، ހަރުދީޕް ސިންގް ނިޖާރު ގަޔަށް ބަޑިޖަހައި މަރާލާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. 

އިންޑިއާގެ ޕަންޖާބު ސްޓޭޓަށް ފަހު ގައުމުން ބޭރުގައި ސިކުންގެ އާބާދީ އެންމެ ގިނައީ ކެނެޑާގަ އެވެ. ސިކުންގެ މިނިވަން ސްޓޭޓެއް އިންޑިއާގައި ގާއިމް ކުރަން ޑިމާންޑްކޮށް ކެނެޑާގައި އޮންނަ ސިކުންގެ އާބާދީ ވަރަށް ބޮޑަށް ބާރު އަޅައި ސިޔާސީ ހަރަކާތް ހިންގަ އެވެ. އަދި އިންޑިއާ ގުޅޭ އެހެންވެސް ވަރަށް ގިނަ ސިޔާސީ ހަރަކާތްތައް ވެސް ހިންގަ އެވެ. 

ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ ހަރުދީޕް ސިންގް ނިޖާރުގެ މަރާ އިންޑިއާގެ ދައުލަތާ ދެމެދު ގަބޫލު ކުރެވޭ ގުޅުމެއް އޮތް ކަމަށް ކެނެޑާގެ ޖާސޫސީ އިދާރާއިން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓަރީން ކެނެޑާގެ އެ ވާހަކަތައް ސިފަ ކޮށްފައި ވަނީ "ވަރަށް މުޑުދާރު" އަދި ސިޔާސީ ގޮތުން އުފައްދާފައިވާ ވާހަކަތަކެއްގެ ގޮތުގަ އެވެ.

މި ހާދިސާއަަށް ފަހު ކެނެޑާއި އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން މުޅީން ހަރާބުގެ މަގަށް ގޮސްފައި ވެއެވެ. 

އެމެރިކާގެ ވައިޓް ހައުސް އިން ވެސް ބުނެފައި ވަނީ ޓްރޫޑޯގެ ތުހުމަތުތަކާ މެދު "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށެވެ.

"އަޅުގަނޑުމެން ގަވާއިދުން ކެނެޑާގެ ބައިވެރިންނާ ގުޅުން ބަދަހި ކުރަމުން މިގެންދަނީ. ކެނެޑާގެ ތަހުގީގު ކުރިއަށް ގެންގޮސް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް،" ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ޓްރޫޑޯ ހޯމަ ދުވަހު ވިދާޅުވީ ނަޖާރު މަރާލި މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ދާދި ފަހުން ދިއްލީގައި ބޭއްވި ޖީ20 ސަމިޓްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. 

"ކެނެޑާގެ ބިމުގައި ކެނެޑާގެ ރައްޔިތެއް މަރާލުމުގައި ބޭރުގެ ސަރުކާރަކުން އެއްވެސް ބައިވެރިވުމެއް އޮތުމަކީ އަޅުގަނޑުމެންގެ އިސްތިގުލާލާ ހިލާފުވުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މުހާތަބު ކުރައްވާ އޭނާ ވިދާޅުވި އެވެ. "މިއީ މިނިވަން، ފާޅުކަން ބޮޑު އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުން އަމަލުކުރާ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް."

އިންޑިއާއިން މީގެ ކުރިން ވެސް ވަނީ ނިޖާރުގެ މަރުގެ މައްސަލައިގައި އެ ގައުމާ ގުޅުމެއް އޮތް ކަމަށް ބުނާ ބުނުންތައް ދޮގު ކޮށްފަ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން މިއަދު ބުނެފައި ވަނީ ޓްރޫޑޯގެ ވާހަކަތަކާ "މުޅިން ދެކޮޅު ހަދާ" ކަމަށެވެ.

"ކެނެޑާގައި އަނިޔާވެރި އެއްވެސް އަމަލެއްގައި އިންޑިއާ ސަރުކާރުން ބައިވެރިވާ ކަމަށް ބުނެ ކުރާ ތުހުމަތު ތަކަކީ މުޑުދާރު އަދި ސިޔާސީ ކޮށްފައިވާ ތުހުމަތުތަކެއް، މިފަދަ ތުހުމަތުތައް ކެނެޑާގެ ބޮޑުވަޒީރު އަޅުގަނޑުމެންގެ ބޮޑުވަޒީރަށް ކުރެއްވި،"

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުނަށް ކެނެޑާއިން ޒަމާނުއްސުރެ ހިޔާވަހިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.

"ކެނެޑާ ސަރުކާރަށް އިލްތިމާސް ކުރަން ކެނެޑާގެ ބިމުގައި ހަރަކާތްތެރިވާ އިންޑިއާއާ ދެކޮޅު ހުރިހާ ފަރާތްތަކާ މެދު އަވަސް އަދި ފައިދާހުރި ގާނޫނީ ފިޔަވަޅުތަކެއް އެޅުމަށް،" އެ މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައި ވެއެވެ.

އިއްޔެ ކެނެޑާގެ ފޮރިން މިނިސްޓަރު މެލާނީ ޖޯލީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓެއް ކަމަށްވާ ޕަވަން ކުމާރު ރާއީ ބޭރު ކޮށްލާފައިވާ ކަމަށެވެ. 

ނިޖާރު މަރާލީ ވެންކޫވަރުގެ އިރުމަތިން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ސަރީގެ ގުރޫ ނާނަކް ސިކް ގުރްދުވާރާގެ ބިޒީ ކާރު ޕާކުގައި މޫނު ނިވާކޮށް ތިބި ބަޔަކު ބަޑިޖަހައިގެނެވެ. ތަހުގީގު ކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ އުމުރުން 45 އަހަރުގެ ނިޖާރުގެ މަރުގެ މައްސަލައަކީ "ޓާގެޓް އިންސިޑެންޓެއް" ކަމަށް ކެޓަގަރީ ކޮށްފަ އެވެ. އޭނާ އާންމުކޮށް ކެމްޕޭން ކުރެއްވީ ޚަލިސްތާނަށް - އިންޑިއާގެ ޕަންޖާބު ސަރަހައްދުގައި މިނިވަން ސިކުން ވަޒަނެއް އުފެއްދުމަށެވެ. އޭނާގެ އެކްޓިވިޒަމްގެ ސަބަބުން މީގެ ކުރިން ވެސް އިންޒާރުތަކުގެ އަމާޒަކަށް ވެފައި ވެއެވެ.

އިންޑިއާއިން މީގެ ކުރިން އޭނާ ސިފަކޮށްފައި ވަނީ ހަނގުރާމަވެރި ވަކިވެގަތުމުގެ ޖަމާއަތެއް އިސްކޮށް އުޅުނު ޓެރަރިސްޓެއްގެ ގޮތުގަ އެވެ އެކަމަކު އޭނާގެ ސަޕޯޓަރުން ބުނާ ގޮތުގައި އެއީ އިންޑިއާއިން ކުރާ އަސާސެއް ނެތް ތުހުމަތުތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.