މި ބަދަލާ ގުޅިގެން މަޖިލީހުގެ ދަފްތަރަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރު އޮތް ގޮތުން ދެވަނައަށް އެންމެ ގިނަ މެމްބަރުން ތަމްސީލު ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ މެމްބަރުން ތަމްސީލު ކުރާ ޕާޓީއަކަށް ދަ ޑިމޮކްރެޓްސްވުމާއެކު މިހާރު މައިނޯރިޓީ ލީޑަރަކީ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމަށް އިއުލާނު ކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ހިމެނިވަޑައިނުގަންނަވާ 10 މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާކަމުގެ ލިޔުންތައް ފޮނުއްވާފައިވާ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި އެ 10 މެމްބަރުން ދަ ޑިމޮކްރެޓްސްގައި ހިމަނަފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން މަޖިލީހުގެ ދަފްތަރަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރު އޮތް ގޮތުން ދެވަނައަށް އެންމެ ގިނަ މެމްބަރުން ތަމްސީލު ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް އެވެ.
"މި ބަދަލާ ގުޅިގެން މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް. އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ މިހާރު ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމުގައި އިއުލާނުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ބަދަލާ ގުޅިގެން ބަހުސްގެ ވަގުތުތައް ބަދަލުވެފައިވާ ކަމަށެވެ. އަދި ދާއިމީ ކޮމެޓީތަކަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމް އެވެ. މައިނޯރިޓީ ލީޑަރަކީ އެދަފުށީ ދާއިރަގެ މެމްބަރު އަހުމަދު ސަލީމެވެ. އެކަމަކު މިހާރު ދަ ޑިމޮކްރެޓްސް އިން ވަނީ އެ ކޮންޓްރޯލް ނަގާފަ އެވެ.