ހިޔާ އަވަށުން ދިމާވި ކަންތަކާއި ގުޅޭގޮތުން ފަޒްނާ ވާހަކަ ދައްކަވައިފި

"އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީ އޭ ގޮވާނީ' ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިޑިކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެއެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،"

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިނަށް މެޑަމް ފަޒްނާ އަހްމަދު މިއަދު ހަވީރު ހިޔާ އަވަށަށް ވަޑައިގަތުމުން އެ އަވަށުގައި އެކަމަނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާ ހިނގާދިޔަ ކަންކަމާއި ގުޅޭގޮތުން އެކަމަނާ ވާހަކަ ދައްކަވައިފި އެވެ.

މިއަދު ހިނގާދިޔަ ކަންކަމާއި ގުޅިގެން ފަޒްނާ ވަނީ އެކަމަނާގެ ފޭސްބުކްގައި ދިގު ޕޯސްޓެއް ކުރައްވާފައެވެ. ފަޒްނާ އަކީ އެކި ކަންކަމާއި ގުޅޭގޮތުން އެކަމަނާ ދެކެވަޑައިގަންނަވާ ގޮތް ފޭސްބުކުގައި ވަރަށް ގިނައިން ހިއްސާ ކުރައްވާ ބޭފުޅެކެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ހިޔާ އަވަށަށް ދޮރުން ދޮރަށް ހިގަން ވަޑައިގަތުމުން އެތާ ތިބި ބޮޑު ދެ ފިރިހެނުން އެކަމަނާ ފަހަތުން ފުރައްސާރަ ކުރަމުން ހިނގި އެވެ. އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކު ހުރި އެމްޕީ ނިޔާޒް، ހުޅުމާލެ ކައުންސިލް މެންބަރު [އިބްރާހިމް ޝުޖާއު އަށް] ގުޅުމުން  'އެހެން ހޭ! ތަންކޮޅެއް ދެން ހޔތކޑ ދޯއޭ، ތިމަންނަ މިހިރީ ރާއްޖޭން ބޭރުގައޭ، މި ބަލަނީ އޭ' ބުނެފަވާތީ އެވެ،"

ފަޒްނާ ވިދާޅުވީ މެންބަރު ނިޔާޒު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ވެސް ގުޅުއްވި ކަމަށާ ނަމަވެސް މުއިއްޒު ފޯނެއް ނުނަގަވާ ކަމަށެވެ. މެސެޖު ވެސް ކުރެއްވި ކަމަށް ވިދާޅުވެ އަދިވެސް ޖަވާބު ނުދެއްވާ ކަަމަށެވެ.

"އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީ އޭ ގޮވާނީ' ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިޑިކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެއެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" ހިޔާ އަވަށުގައި ހިނގި ކަންކަމާއި އިދިކޮޅު ކެންޑިޑޭޓާއި ގުޅުވާ ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ މިހެން ވިދާޅުވިއިރު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި އުުތުރުގައެވެ. މިއަދުވެސް ގިނަ ރަށްތަކަކަށް މުއިއްޒު ވަޑަައިގެންފައިވެއެވެ. މުއިއްޒު މީގެ ދެ ދުވަސް ކުރީން ވަނީ ހިޔާ އަވަށުގައި ވަރަށް ބޮޑު ރެލީއެއް ބާއްވާފައެވެ. މިއަދު ހިނގާދިޔަ ކަންކަން އެއީ ސީދާ އިދިކޮޅު ކެންޑިޑޭޓު ރާވައިގެން ހިންގި ކަމެއް ކަމަށް ސިފަކޮށް ޕޯސްޓެއް ކުރެއްވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ފުރައްސާރަކޮށް ހިނގި  ފިރިހެނުންނާ ދިމާއަށް ގާތު ތިބި މީހުން ހަޅޭއްލަވަން ފެށުމުން އެމީހުން ގާތު "ހަޅޭއްނުލަވާށޭ! އަޅުގަނޑަށް ކެތްވަންޏާ އެމީހުނަށްވެސް ކެއްވާންވާނެ” ކަމަށް ވިދާޅުވި ކަމަށެވެ.

އަދި ވިދާޅުވީ އެ ދެ ފިރިހެނުން ފުރައްސާރަ ކުރަމުން ނުހިނގި ނަމަ އެކަމަނާ އެތަނަށް ދިޔަކަންވެސް ގިނަ މީހުނަށް ނޭންގޭނެ ކަމަށާ އެމީހުންގެ ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ ކަމަށެވެ.

"މީހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ އެވެ. ނުވިތާ ކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީއެވެ. މަޣްރިބް ނަމާދައް ގޮވުމާއި އެހެން މީޓިންނެއް 6:30 ގައި އޮތުމާއި އެކު އަޅުގަނޑު މިއަދަށް ނިންމާލީއެވެ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަމެވެ،"

ފަޒްނާ އަދި ވިދާޅުވީ މިއަދު ހިނގާދިޔަ ކަންކަމާ އެކަމަނާ ޖެހިލުން ނުވިޔަސް ހިނގާ ދިޔައީ ސީރިއަސް މައްސަލައެކެވެ.  އަދި ހާލުބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރުދަންނާ ވިދާޅުވީ ކެންޕޭނު ކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ހިޔާ އަވަހަށް ފަޒްނާ ވަޑައިގަތުމުން އެކަމަނާ އަށް ނިސްބަތް ކޮށް "ބާޣީ ފަޒްނާ" ގޮވި މީހާ ބުނީ އޭނާ އަކީ ނޮވެންބަރު ތިނެއްގެ އުދުވާން ގައި ވަކިވެ ދިޔަ ޝަހީދު އަބްދުއްސައްތާރުގެ ދަރިއެއް ކަމަށް ބުނެ އެ މީހާ ވަނީ ވާހަކަ ވެސް ދައްކާފައެވެ. އެ މީހާ ބުނީ ފަޒްނާ ފެނުމުން އެހެން ގޮވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އޭނާގެ ބައްޕަ ޕްރޮގްރެސް ލައިޓްގައި ޝަހީދުކޮށްލި މަންޒަރު ފެނުނު ކަމަށާ އެއީ ހިތުން ފިލައިގެން ދާނެ ހާދިސާއެއް ނޫން ކަމަށެވެ. މީހަކު ކުރި ކަމެއްގެ ޒިންމާ އޭނާގެ ދަރީން ނަގަން ނުޖެހޭނެ ކަން ގަބޫލު ކުރާ ކަަމަށާ ނަަމަވެސް އެގޮތަށް ކަންތައް ކުރެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ.

މެޑަމް ފަޒްނާގެ ބައްޕައަކީ ނޮވެންބަރު ތިނެއްގެ އުދުވާންގައި އިސްކޮށް ހުރި އެކަކެވެ. 

ކޮމެންޓް

1
450
އާބިދު
11 months ago

ޕާރޓީ ދުރުގަ ބާއްވާފަ މެޑަމް ފަޒުނާ އަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަށްވީތީ ވެސް އިހްތިރާމް ކުރަން ޖެހޭނެ،އަސްލު ވ ހުތުރު ކަންތައްތައް އެވީ ގޮތް. މެޑަމް އަށް ގިނަ ވޯޓާއި ހަމްދަރުދީ ލިބުން ނޫން ގޮތެއް ނުވާނެ. ދެން ވެސް އިބޫ އިންޝާ ﷲ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.