ކައިވެނީގެ ވަލީ ދޭން ވެސް މޫސަ އިންކާރު ކޮށްފައި ވުމާ އެކުގައެވެ. ފަޔާޒް އާއި ނިއުޝާގެ ކައިވެންޏަށް ވަލީ ދޭން ހަމަޖެހިފައި އޮތީ ކޯޓުންނެވެ.
-- އެޕިސޯޑް 12--
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ނިއުޝާ ވަރަށް ރީތިވެލައިގެން އިނީ ކައިވެނީގެ މަޖިލީހަށް ދިޔުމަށެވެ. ނިއުޝާގެ މޫނުމަތީގައި ކިތަންމެ ގިނަ މޭކަޕްތަކެއް ހާކަފައި ހުއްޓެއް ކަމަކު، އެ މޫނުމަތިން ފެންނަނީ މާޔުސީ ކަމެވެ. ނުތަނަވަސް ކަމެވެ. ކައިވެންޏެއް ކުރެވޭތީ އެ ލިބޭ އުފާ ނިއުޝާގެ މޫނުމަތިން އެއްގޮތަކަށް ވެސް ނުފެނެއެވެ. ނިއުޝާގެ ބޮލުގެ ތެރޭގައި ފުނި ޖެހިފައިވާ އެކި އެކި ފިކުރުތަކުން ނިއުޝާގެ ހަށިގަނޑަށް ލިބެނީ ތުރާތަކެކެވެ. ނަމަވެސް ނިއުޝާއާ ޚިލާފަށް ފަޔާޒްގެ މޫނުމަތިން ފެންނަނީ ކޮޅުނެތް ކޮޅަށް އުފާވެރި ކަމެވެ. ފަޔާޒް ހީވަނީ އުފަލުން މަރުވެދާނެހެންނެވެ. އެތައް ދުވަހަކު ފަޔާޒު ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް މިއަދު ވާނެތީއެވެ.
ހެނދުނު 11 ޖެހުމާއި އެކުގައި ނިއުޝާ އާއި ފަޔާޒްގެ ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. ގަދަކަމުން ހިނިތުންވުމެއް ދީގެން ނިއުޝާ އިނީ ހިތް ހަލާކުވާން ގާތްވެފައެވެ.
"އަނބި ޤަބޫލު ކޮށްފިން.."
ފަޔާޒްގެ މުޅި ދަތްޕިލަ ފެންނާހެން ހީނލައިގެން އިނދެ އޭނާ ބުނެލިއެވެ. ނިއުޝާ ލުއިކޮށް ހީނލަމުން ބަލައިލީ ފަޔާޒްގެ މޫނަށެވެ.
***
މޫސަގެ މިހާރު ކަމަކީ ކޮޓަރި ތެރޭގައި އަބަދު އޮތުމެވެ. އެއްވެސް ވަރަކަށް ބޭރަށް ދާކަށް ބޭނުމެއް ނުވެއެވެ. ލިބުނު ހިތާމައެއްގެ ބޮޑު ކަމުން މޫސަ ވަނީ ވަރަށް ބޮޑަށް ދިރިއުޅުން މަތިން ފޫހިވެފައެވެ. އެހާ ލޯބިން، ބުނިހާ ކަމެއް ކޮށްދީގެން ބަލާ ބޮޑު ކުރި ދަރިފުޅު އަތުން ބީވެގެން ދިޔުމަކީ މޫސަ އަށް އެއްވެސް ވަރަކަށް ޤަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ދަރިއަކު އެފަދަ ގޮތަކަށް ކަންތައް ކުރުމުން ބަފައެއްގެ ހިތަށް އަޅާނެ ވޭން އިޙްސާސް ކުރެވޭނެ ބަފައަކަށެވެ. ނަމަވެސް މޫސަގެ ގާތުގައި މޫސައަށް ހިތްވަރުދީ، މޫސަގެ އެކަނިވެރިކަން ފިލުވުމުގައި ރޫމާ ގެންދިޔައީ ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ.
"ބައްޕާ.!"
މޫސަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު، ސަމާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި އިނީ މޫސަ އެކަންޏެވެ. ސަމާ ގޮސް އިށީންނީ މޫސަ އޮތް އެނދުމަތީގައެވެ.
"ބައްޕާ! ހިތްވަރު ކުރަން ވާނެ. ދިރިއުޅުމަކީ އެއްވެސް ވަރަކަށް ފަސޭހަ އިމްތިހާނެއް ނޫން. އެނގޭ ބައްޕަ ދެރަވާނެ ވަރު.. ބައްޕައަށް ކުރާނެ އަސަރު ވެސް.. އެކަމު ބައްޕާ.." ސަމާ ބަލައިލީ މޫސައާ ދިމާއަށެވެ. ބާލިހުގައި ބައްދާލައިގެން އެއް އަރިއަކަށް މޫސަ އޮތީ ދިރުމެއް ނެތް ފުރާނައެއް ފަދައިންނެވެ.
"އަހަރެން ވެސް މީ ހަމަ ބައްޕަގެ ދަރިއެއް.. އެގޮތަށް އަހަރެން އަބަދުވެސް ދެކެނީ.. އަހަރެން ބައްޕަ އެކަނިވިޔަކަ ނުދޭނަން. ބައްޕަ ދޫކޮށްފަ ނިއުޝާ ގޮތަކަށް އަހަރެން ހަމަ ހިލާ ނުދާނަން." ސަމާ މަޑުމަޑުން މޫސަގެ އަތުގައި ހިފައިލިއެވެ.
"އަބަދުވެސް މިހެން ހުންނާނަން. ނިއުޝާ ކަހަލަ ބައްޕައެއްގެ ލޯބި އަގުވަޒަން ކުރަން ނޭނގޭ ދަރިއަކަށްޓަކާ އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާނެ ކަމެއް ނެތް.. އެއީ ބޭކާރު ކަމެއް ބައްޕާ.. މިއަދު ނިއުޝާ ސާބިތު ކޮށްދީފި ބައްޕަ އަކީ އެއްވެސް މީހެއް ނޫންކަން. މިއަދު ނިއުޝާއާ ދިމާވެއްޖެ މަގުމަތިން." ސަމާ އިނީ މޫސަ އަށް ބަލާށެވެ. ސަމާ އެހެން ބުނުމާ އެކުގައި މޫސަ ވެސް އޭނާގެ ކަޅި އަމާޒު ކޮށްލީ ސަމާ އަށެވެ.
"އެމީހުން މިއަދު ކައިވެނި ކޮށްފި.. އަހަރެންނާ ދިމާވީމަ ނިއުޝާ ބުނީ ވަރަށް ދެރަ ބަހެއް ބައްޕައަށް. އަހަރެންނަށް ރޮވުނު އެހެން އޭނަ ބުނީމަ.." ސަމާގެ މުޅި މޫނު މައްޗަށް ހިތާމަވެރިކަން ފާޅު ކޮށްލިއެވެ.
މޫސަގެ ދޫ ހަރަކާތްކޮށްލީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.
"ކީކޭ ބުނީ؟" މޫސާ އަހައިލިއެވެ.
"ބައްޕާ.. ހިތްވަރުކުރާތި މި ވާހަކަ އަހާފަ.." މޫސަގެ އަތުގައި މަޑުމަޑުން ފިއްތާލަމުން ސަމާ ބުނެލިއެވެ.
"ނިއުޝާ ބުނީ.. ބައްޕަ ވަލީ ނުދިނަސް މިއޮތީ ކައިވެނި ކޮށްފައޭ.. ތިމަންނަގެ ބައްޕައެއް ނުހުންނާނޭ. ދުވަހަކުވެސް ބައްޕަގެ އެހީތެރިކަމެއް ބޭނުމެއް ނެތޭ.. ނުވެސް ހޯދާނަމޯ އެއްވެސް އެހީއެއް. ދެން ބުނީ.. ބައްޕަ ނަމުން ކިޔާފަ، ރަނގަޅީ ދުނިޔޭގަ ހުރުމަށް ވުރެ މިހާރު ނެތިއްޔާ އޯ.. މިގެއާ ބައްޕަގެ އަތުގަ ހުރި ފައިސާކޮޅު އޭރުން ލިބޭނީ ހަމަ ނިއުޝާއަށް ށޯ. ސަމާއަކަށް ނުލިބޭނޯ.. އަހަރެން ހުރީ ބަސްހުއްޓިފަ ބައްޕާ.." ސަމާ އޭނާގެ ދެލޮލުން ވެއްޓެން ތައްޔާރު ވެފައިވާ ކަރުނަތައް ފޮހެލިއެވެ.
ސަމާ ދެއްކި ވާހަކަތަކުން މޫސަގެ ހިތުގައި ހަމަ ރަނގަޅަށް ވެސް ޖެހިއްޖެއެވެ. ވަރަށް ބޮޑަށް މޫސަ ދެރަވެއްޖެއެވެ.
"ތީ ހަމަ ރަނގަޅު ވާހަކައެއްތަ؟"
ވަރަށް އުނދަގުލުން މޫސަ އަހައިލިއެވެ. ސަމާ އާނއެކޭ ބުނުމާ އެކުގައި ރޯންފެށިއެވެ. ސަމާ ބޭނުންވީ ހުރިހާ ކަމެއް އޭނާއަށް ހާސިލުވަމުން ދެއެވެ. (ނުނިމޭ)