"ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށައަޅާފައިވާ އަސްކަރީ ބޮޑު މަޝްރޫއުގެ ސްކޯޕް ހަނިކޮށް މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދުފަހަރު މަރާމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖައްސާފައެވެ،"
ކ. އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ ބަނދަރާ" ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެކަތަ ބަނދަރަކީ އިންޑިއާގެ މިލިޓަރީ ބޭސް އެއް ކަމަށް ބުނެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީ ކުރާ އެ ބަނދަރަކީ ސިފައިންގެ ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އެ އުޅަނދުތައް މަރާމާތު ކުރުމަށް ތަރައްގީ ކުރާ ބަނދަރެއް ކަަމަށް ޑިފެންސް އިން ބުންޏެވެ.
އުތުރުތިލަފަޅާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައި ވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަަމަށާ އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫއުއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެނޑް އިންޑިއާ" ގައިވެސް އިންޑިއާ ސަރުކާރާއި ގުޅިގެން އުތުރުތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫއުއެއް ހިންގުމަށް އެއްބަސްވެފައިވާ ކަމަށެވެ.
"ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށައަޅާފައިވާ އަސްކަރީ ބޮޑު މަޝްރޫއުގެ ސްކޯޕް ހަނިކޮށް މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދުފަހަރު މަރާމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖައްސާފައެވެ،"
ޑިފެންސް މިނިސްޓްރީން ބުނީ ބައެއް ފަރާތްތަކުން ގަސްތުގައި ފަތުރަމުންދާ ދޮގު ހަބަރުތަކާއި ހިލާފަށް އެކަތަ ބަނދަރާއި އެ ބަނދަރުގައިވާ އެންމެހާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހީންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށެވެ. މި ބަނދަރުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބޭނެ ކަމަށާ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް ޑިފެންސްގެ ބަޔާނުގައި ދީފައިވެއެވެ.
ދިވެހި ސިފައިންގެ މުއައްސަސާއަކީ ގައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާއުކުރުމުގައި އެންމެ ފަހު އައްޑަނައަށް ވީ ހިނދު މިފަދަ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ސިފައިންގެ ތަރައްގީއަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސް އަޅާ ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަޔް ހުއްޓާލުމަށް ވެސް ޑިފެންސް އިން ވަނީ އިލްތިމާސް ކޮށްދައެވެ. އަދި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އަގު ވައްޓާލުމަށާއި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕެގެންޑާ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.