ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ ދިވެހިންގެ ސިޔާދަތީ މިނިވަން: ރައީސް

ގައުމީ ދުވަހުގެ ހިތްތަކަށް ގެނެސްދޭ މަތިވެރި ޒިކުރާއަކީ ދިވެހި އުންމަތުގެ ހައްގުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، އަނގަމަތި މަސްދޯންޏެއްގައި، މާސިންގާ ކަނޑުތަކުގައި ކުރެއްވި ގައުމީ ޖިހާދު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމީ ދުވަސް ފާހަގަ ކުރަން ކޯއްޓޭއަށް ދިދަ ނެގި އިރު ދުއާ ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ ރާއްޖެ އާއި ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައި ރައީސް އޮފީހުން އާންމު ކުރެއްވި އެ މަނިކުފާނުގެ ހިތޯބެއްގަ އެވެ. ގައުމީ ދުވަހަކީ އުތީމު ބޮޑުތަކުރުފާނު، ޕޯޗްގީޒުންގެ އަޅުވެތި ކަމުން ރާއްޖެ ސަލާމްތް ކުރި ދުވަސް، ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހެވެ.

ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ: "އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރި ޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން،" 

ރައީސް ސޯލިހު ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ކަމަށެވެ. ދިވެހީންގެ ގައުމީ ވަހުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތް ކަން ކަމަށެވެ.

"ގައުމެއްގެ ނިސްބަތުގައި، އެ ގައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ގައުމީ ދުވަހެއް. މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން ގައުމެއްގެ ސިފަ ޖެހިގެން ދިޔުމާ ހަމައަށް، އަދި އޭގެ ފަހުން މިއަދާ ހަމައަށް ގައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވޭ. އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި އަޒުމެވެ. އަދި އެ އަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ގުރުބާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމަށާއި ދިވެހިން ތިބީ ހަމަ އެ އަޒުމާއި އެ ސާބިތު ކަމުގައި ކަމަށެވެ. އަދި ވިދާޅުވީ "ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް އަޅުގަނޑުމެންގެ ނެތް" ކަމަށެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދު ވެސް ލިޔެވިފައި ވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގަ، ސިޔާސީ އަދި އިގްތިސޯދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް،"

މީގެ އިތުރުން ގައުމީ ދުވަހުގެ ހަނދާންތައް ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ ދިވެހި އުންމަތުގެ ހައްގުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، އަނގަމަތި މަސްދޯންޏެއްގައި، މާސިންގާ ކަނޑުތަކުގައި ކުރެއްވި ހިތްވަރުގަދަ ގައުމީ ޖިހާދު ކަމަށް ރައީސް ވިދާޅުވީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.