"ދެވަނަ ބުރަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު. ގައުމުގެ ހާލަތު ރަނގަޅު ކުރުމާމެދު ގޮތް ނިންމާ ބުރު،"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު ކަމަށާ ގައުމީ ވިސްނުން އިސްކޮށް ގޮތް ނިންމަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްބީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވަނީ ދެވަނަ ބުރަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމާމެދު ގޮތް ނިންމުމުގެ ބުރުކަން ފާހަގަ ކުރައްވާ އެމަނިކުފާނަށް ވޯޓް ދެއްވި ކޮންމެ ރައްޔިތަކު އިތުރު އެއްވޯޓް ހޯއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.
"ދެވަނަ ބުރަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު. ގައުމުގެ ހާލަތު ރަނގަޅު ކުރުމާމެދު ގޮތް ނިންމާ ބުރު،"
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވެސް ބައިވެރިވެވަޑައިގެން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖެ އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށެވެ. އެ ހާލަތު ބަދަލު ކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
އެހެން ކަމުން ގައުމީ ވިސްނުމުގައި ގައުމު އިސްކޮށް ގޮތް ނިންމަން މުއިއްޒު އެދިވަޑައިގަތެވެ.
"މިނިވަކަން އޮތީ އެ ހިސާބަށް ގޮސްފައި. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން މި ގައުމުގައި ގެއްލޭ ހިސާބަށް ގޮސްފައި. ތަރައްގީގެ ކަންކަން މި ވަނީ ސޮއްސާލައިގެން ގޮސްފައި. އިގްތިސާދު މި ވަނީ އަނދަޅަކަށް ވެއްޓިފައި. މި ހުރިހާ ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ކޮންމެ މީހެއްގެ އަތްމައްޗަށް މި ލިބެނީ މި މަހުގެ 30 ވަނަ ދުވަހު،"
މުއިއްޒު ވަނީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.