ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިގައެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ޓޫރިޒަމް ނަމްބަރު މަތިވާ ކަމަށް ދެއްކި ނަމަވެސް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އެއްޗެއް މި އަހަރު ބޮޑުތަނުން މަތިވެގެން ނުދާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުން ބަލައިގަންނަ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް ލިބުނީ 44,7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ވެސް ލިބިފައިވަނީ 44,4 މިލިއަން ޑޮލަރެވެ. މި އަދަދުން ޖުމްލަކޮށް ބަލާނަމަ އިތުރުވެފައި ވަނީ ގާތްގަނޑަކަށް ތިން ލައްކައެއްހާ ޑޮލަރެވެ.
މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި 4.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ލިބިފައި ވަނީ 4.7 މިލިއަން ޑޮލަރެވެ. އެހެންވެ ދެ މަސް އަޅާކިޔާނަމަ މިދިޔަ އަހަރު މަދުން ޓޫރިސްޓުން އައި ނަމަވެސް ލިބުނު ގްރީން ޓެކްސް ވަނީ އިތުރުވެފަ އެވެ.
ގްރީން ޓެކްސް ދިވެހި ރުފިޔާއިން ބަލާނަމަ މި އަހަރު ލިބިފައި ވަނީ ޖުމްލަ 686 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 681 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަދަދުން ބަލާނަމަ ގާތްގަނޑަކަށް އިތުރުވެފައި ވަނީ ފަސް މިލިއަން ރުފިޔާ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,270,574 މިލިއަން މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ ޖުމްލަ 1,115,202 މީހުންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ގާތްގަނޑަކަށް 14 ޕަސެންޓުގެ އިތުރު ވުމެކެވެ.