ތާރީހު

ދިވެހިން ކުރާ ނޫސްވެރިކަން ގަރުނަކާ ކައިރިއަށް

ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރުނު ނޫސްމަޖައްލާ އަލްއިޞްލާޙުގެ ލަފުޒީ މާނައަކީ "ރިފޯމް" އެވެ. ވީމާ، އެއީ ރިފޯމް ކުރުމެއް ނުވަތަ އިސްލާހީ ހަރަކާތެއްގެ ފެށުމެވެ.

ރާއްޖޭގައި ފުރަތަމަ ނެރުނު ނޫސްމަޖައްލާ، "އަލްއިސްލާހު": ރާއްޖޭގެ ނޫސްވެރިކަން ގަރުނަކާ ކައިރިއަށް ވަނީ ޖެހިފައި
ރާއްޖޭގައި އަމިއްލަ ފަރާތަކުން އެންމެ ގިނަ ދުވަހު ނެރުނު "ހަވީރު" ނޫސް
  •  ރާއްޖޭގެ ނޫސްވެރިކަން ފެށުނީ 1933 ގައި

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަސް ދުނިޔޭގައި ފާހަގަ ކުރަން ފެށުނީ 1994 ގައެވެ. ވީމާ، 30 އަހަރުވީ އެވެ.

ކުރިއާއި ޚިލާފަށް ޒަމާން މިވަނީ ވަރަށްބޮޑަށް ބަދަލުވެފަ އެވެ. ކުރިއަރާފައިވާ އިލްމާއި މައުލޫމާތާއި އުފެއްދުންތެރިކަމާއި އީޖާދު ކުރުމާއި ވިޔަފާރިއާއި ދަތުރުފަތުރާއި މުއާސަލާތުގެ ވަސީލަތްތަކުގެ ސަބަބުންނެވެ. -- ބަވަނަވެ ގުޅިލާމެހިފައިވާ މި ދުނިޔޭގައެވެ.
މި ޒަމާނުގައި ކުރީ ޒަމާނާ ޚިލާފަށް، ނޫސްވެރިކަމާއި ލިޔުންތެރިކަން ބޮޑަށް ބިނާވެފައި މިވަނީ، ޓީވީ، އަދި އޮންލައިން ނޫސްމަޖައްލާތަކާއި، މީސްމީޑިއާގެ މުއާސަލާތުގެ ވިއުގައިގެ ތެރެއިންނެވެ. ވެބުސައިޓުތަކާޢި ފޭސްބުކް، ޓުވިޓަރު، އަދި ވައިބަރު ފަދަ ވަސީލަތްތަކުން ލިޔާ ލިޔުންތަކުގެ މައްޗަށެވެ. ވީމާ، މި ޒަމާނުގައި އާންމުކޮށް އެންމެންނަކީ ވެސް ލިޔުންތެރިންނެވެ. މިހާރު ލިޔުންތެރިކަމާއި ދުރުގައި ހުންނަ މީހަކީ އިޖުތިމާއީ ގޮތުން "އެކަހެރި" މީހެއް ކަމަށް ބެލެވިދާނެ އެވެ.

ޤާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފެށުނުތާ މިއީ 91 އަހަރު ފުރޭ އަހަރެވެ. އެހެން ކަމުން 100 އަހަރު ވާން ކައިރިވީއެވެ. ޖުލައި 8، 1933 ގައި ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރެނު ނޫސް މަޖައްލާ  "އަލްއިޞްލާޙު" އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ ފެށުމެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެވުނު ނޫސްމަޖައްލާއެއްކަން ފާހަގަ ކުރަންޖެހެއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތަކުން އެންމެ ގިނަ ދުވަހު ނެރުނު "ހަވީރު" ނޫސް

އަލްއިޞްލާޙު މަޖައްލާ

  • 1.ރައީސުއްތަހުރީރު (އެޑިޓާ އިން ޗީފް)އަކީ، ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯވ، ޖަސްޓިސް އެންޑް ރިލިޖަސް އެފެއާޒް) ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު
  • 2.މުޙައްރިރު، މުދީރު، (އެޑިޓާ، ޑިރެކްޓަރ) އަކީ، ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުއްދާޚިލިއްޔާ މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްމަޢާރިފް (މިނިސްޓާ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ

ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރުނު ނޫސްމަޖައްލާ އަލްއިޞްލާޙުގެ ލަފުޒީ މާނައަކީ "ރިފޯމް" އެވެ. ވީމާ، އެއީ ރިފޯމް ކުރުމެއް ނުވަތަ އިސްލާހީ ހަރަކާތެއްގެ ފެށުމެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއާއި އެކުގައެވެ. މަގުސަދަކީ ހޭލުންތެރި ކުރުވުމެވެ. ދީނާއި ދުނިޔޭގެ ކަންކަމަށެވެ.

މި މަޖައްލާގެ ލިޔުންތެރިންގެ ތެރޭގައި ރާއްޖޭގައި އޭރު ތިއްބެވި އެންމެ މޮޅު ޢިލްމުވެރި ލިޔުންތެރިން ހިމެނިވަޑައިގެންނެވިއެވެ.
އަދި މި މަޖައްލާގެ ލިޔުންތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ޚަބަރުތައް، ދީނީ، އިލްމީ، ތައުލީމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ، ސިއްހީ، އިޖުތިމާއީ، އިގުތިސާދީ، މާހައުލު އަދި އީޖާދުތަކާއި ޓެކުނޮލޮޖީއާބެހޭ ލިޔުންތައް ވެސް ހިމެނުނެވެ. ވީމާ، މިއީ އޭރަށް ބަލާއިރު ހުރިހާ ދާއިރާއެއް "ހުރިހާ ރަހައެއް އެކުލެވޭ ލޮނުހެޔޮވަރު" ފުރިހަމަ ނޫސްމަޖައްލާ އެކެވެ.

ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ޤާނޫނީގޮތުން އާންމުކޮށް ލިބުނީ މީގެ 92 އަހަރު ކުރިން، 22 ޑިސެމްބަރު 1932 ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ.

މާއްދާ 12 ގައި ބުނަނީ - "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، އެމީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ލަފާތައް، ދުލުން ނުވަަތަ ގަލަމުން ފައުޅުކުޅައުމަށް މިނިވަންކަން ލިބގެން ވެއެވެ"
މާއްދާ 13 ގައި ބުނަނީ - "ޤާނޫނުގައި ކަނޑައެޅިބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، ފޮތް ގެނުވުމާއި، ނޫސް ގެނުވުމާއި، މިފަދަ ތަކެތި ލިޔެ ޗާޕުކޮށް ފައުޅުކުރުމާއި، މިކަންކަމަށް މިނިވަންކަން ލިބގެން ވެއެވެ"

މިރާއްޖޭގައި އޭގެ ކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއް ވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަން ފެށުނީ ޖުލައި 8 ، 1993 ގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނު 8 ޖުލައި 1933 އަށް ނިސްބަތްކޮށެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭ، ޖޫން 5، 1943 ގައި ސަރުކާރުން ނެރުއްވަން ފެއްޓެވި "ސަރުކާރުގެ ޚަބަރު" ނޫސް އެއީ
ނޫހެއްގެ ފެށުމެކެވެ. ރާއްޖޭގެ ނޫސްވެރިކަން އެއިގެ 10 އަހަރުކުރިން "އަލްއިޞްލާޙު" މަޖައްލާއިން ވަނީ ފެށިފައެވެ.

އަމިއްލަ ފަރާތަކުން އެންމެ ފުރަތަމަ ނެރުނު ނޫސް “ޒަމާން" ނެރެން ފެށުނީ 1958 ގައެވެ. ރާއްޖޭގައި އެންމެ ގިނަދުވަހު ނެރުނު ނޫސް "ހަވީރު" ނެރެން ފެށުނީ 1979 ގައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އޮންލައިން ނޫހަކީވެސް ހަވީރު އޮންލައިންއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.