300 ވޯޓުން މެންބަރު ކަމަށް ؛ ގާނޫނީ ފަރުވާ ހޯދަންޖެހޭ މައްސަލައެއް

ކޮމިޝަނުން މިހާރުވެސް ދާއިރާތައް ބަހާފައި އެވަނީ އެކަން ކުރެވޭނެ އެންމެ ރަނގަޅަށެވެ. ހަގީގީ މައްސަލައަކީ ގާނޫނުގައި ލިޔެފައި އޮތް ގޮތެވެ. ވިހިވަނަ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ޝީޓަށް ބަލާލުމުން ފެންނަނީ އެ ބަދަލު ގެންނަން ޖެހޭ މަންޒަރެވެ.

އެންމެ މަދު ވޯޓުން މަޖިލީހަށް އިންތިހާބު ހަތަރު މެންބަރުން (މަތީގައި) އަދި ހާހަކަށް ވުރެ ގިނަ ވޯޓް ލިބުނު ނަމަވެސް މަޖިލީހަށް އިންތިހާބު ނުވި ބައެއް މެންބަރުން (ތިރީގައި)

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ވޯޓް ނަގާ ފައެވެ. އެ ދުވަހު ރައްޔިތުން ވަނީ އާ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކޮށްފަ އެވެ. މަޖިލީހުގެ ނިމެމުން މިދާ ދައުރުގައި ހިމެނެނީ 87 މެންބަރުންނެވެ. އާ މަޖިލީހަށް އިތުރުވީ ހަ ދާއިރާ އެވެ.

ވިހިވަނަ މަޖިލީސް އިންތިހާބު ނިމިގެން ދިޔައިރު އިންތިހާބުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ދާއިރާތަކުގައި މީހުން ހިމެނޭ ނިސްބަތު ގައި ބޮޑު ތަފާތެއް ހުރުމެވެ. ބައެއް ދާއިރާތަކުގައި 6،000 ގިނަ މީހުން ހިމެނެ އެވެ. ވޯޓްލެވޭ އާބާދީ 4،000 ވުރެ މަތީ ގައިވެ އެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ހަމަ ވަނީ ދޮޅު ހާހެއްހާ މީހުންނެވެ. ވޯޓްލެވޭ އާބާދީ ހާހަކަހަށް ވުރެ ވެސް މަދެވެ.

އަތޮޅުތަކާއި މާލޭ ސިޓީގެ ދާއިރާތަކުގައި ވެސް މި ފަރަގު މި ގޮތަށް އެބަ އޮތެވެ. އެކަމުގެ ސަބަބުން ބައެއް ދާއިރާތަކުން މެންބަރުން އިންތިހާބު ވެފައި ވަނީ ތިންސަތޭކައެއްހާ ވޯޓުންނެވެ. ބައެއް ދާއިރާތަކުގެ ގޮނޑި ކަށަވަރު ކުރެއްވި މެންބަރުން ދެހާހުން މަތީގެ އަދަދުތަކުން ވޯޓް ހޯދާފައިވެ އެވެ. އެފަދަ ދާއިރާތަކުގައި އެންމެ ވާދަވެރި ކެންޑިޑޭޓު ވެސް 1400 ވުރެ ގިނަ ވޯޓް ހޯދި އެވެ.

އެއީ އިސްލާހުކޮށް ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ މީހުން ގިނަ އެވެ. ގާނޫނު މިހާރު އޮތް ގޮތުން ދާއިރާތައް ބެހުމުގައި އިންސާފުވެރިކޮށް ކަންކަން ކުރުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. ދާއިރާތައް ކަނޑައަޅާ ބެހުމުގައި ހަމަހަމަ ކުރެވޭނެ ގޮތެއް އިލެކްޝަންސް ކޮމިޝަނަކަށް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައި ވަނީ އަތޮޅުތަކުގެ އާބާދީއަށް ބަލައިގެންނެވެ. ގާނޫނުގައި ބުނަނީ އެ އަތޮޅުގެ އާބާދީ 10،000 ވުރެ ދަށް ނަމަ އެ އަތޮޅަކަށް ނިސްބަތް ވާނީ ދެ ގޮނޑި ކަމަށެވެ. އަދި ދެން އިތުރުވާ ކޮންމެ 5،000 މީހަކަށް އިތުުރު ދާއިރާއެއް އުފައްދަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި އެހެން އޮތުމުން ކިތަންމެ އާބާދީ ކުޑަ އަތޮޅެއް ނަމަވެސް އެ އަތޮޅަކަށް ދެ ދާއިރާ ކަނޑައަޅަން ޖެހެ އެވެ. ރާއްޖޭގެ އާބާދީ އެންމެ ކުޑަ ވާވު އަތޮޅާއި ފާފު އަތޮޅާއި މީމު އަތޮޅު ގައި ވޯޓްލެވޭ އާބާދީ ގައި ދެތިންހާހެއް މީހުން ވެސް ހަމަ ނުވެ އެވެ. ނަމަވެސް ގާނޫނު އޮތް ގޮތުން ކޮންމެ އަތޮޅެއްގައި ދެ ދާއިރާ އޮންނަން ޖެހެ އެވެ. ބައެއް އަތޮޅުތަކުގައި 10،000 ވުރެ ގިނަ މީހުން ގިނަ އެވެ. އަނެއް އަތޮޅުތަކު ގައި 15،000 މީހުން ހަމަނުވެ އެވެ. އެކަމަކު 10،000 ވުރެ އާބާދީ އިތުރުވެ 15،000 ހަމަނުވިޔަސް ތިން ގޮނޑި އުފައްދަން ޖެހެ އެވެ.

އެފަދަ އެއް އަތޮޅަކީ ޅ. އަތޮޅެވެ. އަތޮޅުގެ މައި ދެ ރަށް -- ނައިފަރާއި ހިންނަވަރު ގައިވެސް 5،000 ވުރެ އާބާދީ ބޮޑެވެ. އެކަމަކު ދެން ހުރި ހުރިހާ ރަށްތަކެއް އެއްކޮށްލުމުން 5،000 މީހުން ހަމަ އެއް ނުވެ އެވެ. އެކަމަކު ހިންނަަވަރާއި ނައިފަރު ގައި އާބާދީ ހަމަވުމުން އިތުރު ދާއިރާއެއް އުފައްދަން ޖެހުނީ އެވެ.

އައްޑޫ ސިޓީ އަކީ މާލޭގެ އިތުރުން އެންމެ އާބާދީ ބޮޑު އަތޮޅެވެ. އެ ސިޓީގެ ހިތަދޫގެ ކޮންމެ ދާއިރާއެއް ގައި 5،000 މީހުން ހަމަވެ އެވެ. ނަމަވެސް ހުޅުދޫ އާއި މީދޫ އާއި މަރަދޫ ގައި ހަމަވަނީ 3،000 މީހުންނެވެ. މާލެ ސިޓީގައި ވެސް އެ ފަރަގު ވަރަށް ބޮޑު ދެ ދާއިރާއެއް އެބަ އޮތެވެ. އެއީ ގަލޮޅުގެ ދެ ދާއިރާ ކަމަށްވާ ގަލޮޅު އުތުރާއި ގަލޮޅު ދެކުނެވެ. މިއިން ކޮންމެ ދާއިރާއެއް ގައި 6،000 ގެ އާބާދީއެއް އެބަ އޮތެވެ.

އެކަމަކު މާލެ ސިޓީގައި ދެން ހިމެނޭ 15 ދާއިރާގެ ތެރެއިން ހުރިހާ ދާއިރާއެއްގެ އާބާދީ ވެސް އުޅެނީ 5،000 އިން ދަށުގައެވެ.

އިންތިހާބުގައި މީހަކު ވޯޓް ލަނީ: މަޖިލިސް އިންތިހާބު ވަނީ ނިމިފައި -- މި

ދާއިރާތަކުގެ އާބާދީގައި މިހާ ބޮޑު ފަރަގެއް އޮތުމުން އެކި ދާއިރާތަކުން މެންބަރުން އިންތިހާބު ވަނީ އެކި އަދަދަކަށް ވޯޓް ހޯދައިގެންނެވެ. މެންބަރުން އިންތިހާބުވުމުގައި ވޯޓްގައި ފަރަގު ހުންނާނެ އެވެ. އެކަމަށް އެކި ސަބަބު މެދުވެރިވާތީ އެވެ. ބައެއް ދާއިރާތަކަށް ކުރިމަތިލަނީ ދެ ކެންޑިޑޭޓުންނެވެ. ނަމަވެސް ބައެއް ދާއިރާތަކަށް ހަތް ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ. އެހެންވީމަ ވޯޓް ބެހޭ ނިސްބަތް ބޮޑު ތަނުން އިތުރުވާނެ އެވެ. 

އެފަދަ ދާއިރާއަކުން އިންތިހާބުވާ މެންބަރަށް ލިބޭ ވޯޓާއި ކެންޑިޑޭޓުން މަދު ދާއިރާއަކުން އިންތިހާބުވާ މެންބަރަށް ލިބޭ ވޯޓްގައި ފަރަގު ހުންނާނެ އެވެ.

އަނެއްކޮޅުން ވޯޓްލާން ނުކުންނަ ނިސްބަތް ވެސް ދާއިރާާތަކުގައި ތަފާތު ވާނެ އެވެ. މިއީ ވެސް ވޯޓްގެ ފަރަގު ބޮޑުވާ ސަބަބެކެވެ. ބައެއް ދާއިރާތަކުން 80 ޕަސެންޓް މީހުން ވޯޓްލާފައިވެ އެވެ. ބައެއް ދާއިރާތަކުގައި ކިރިޔާ 60 ޕަސެންޓް ހަަމަވަނީ އެވެ.

މި ސަބަބުތައް މިހެން ހުއްޓަސް މިހާރު ގާނޫނު އޮތްގޮތުން ދާއިރާތަކުގައި އާބާދީގައި ބޮޑު ފަރަގެއް އޮތުމަކީ ގިނަ ބައެއްގެ ނަޒަރުގައި ވަަރަށް ބޮޑު މައްސަލަ އެކެވެ. ވިހިވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން ދެ މެންބަރަކު އިންތިހާބުވީ 500 ވުރެ މަދު ވޯޓުންނެވެ. މިފަހަރުގެ އިންތިހާބު ގައި އެންމެ މަދު ވޯޓާއެކު އިންތިހާބުވި ފަސް މެންބަރުންނަށް ބަލާއިރު އެއްވެސް ކެންޑިޑޭޓަކަށް 700 ވޯޓް ލިބިފައެއް ނުވެ އެވެ.

  •  ފެލިދޫ ދާއިރާ - އާދަމް ޒާހިރު | 339 ވޯޓް
  •  ކެޔޮދޫ ދާއިރާ - މުހައްމަދު ނައުޝާދު | 442 ވޯޓް
  •  ގަލޮޅު އުތުރު ދާއިރާ - މުހައްމަދު އިބްރާހިމް | 582 ވޯޓް
  •  ހިތާދޫ ދާއިރާ - މުހައްމަދު ސިރުހާން | 611 ވޯޓް
  •  މައްޗަންގޮޅީ އުތުރު ދާއިރާ - އިބްރާހިމް މުހައްމަދު | 615 ވޯޓް

މީގެތެރެއިން ބައެއް ދާއިރާތަކަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލި އެވެ. ބައެއް ދާއިރާތަކުގައި ވަރަށް ވާދަވެރި އެވެ. ހާއްސަކޮށް މާލެ ސިޓީގެ ދެ ދާއިރާގަ އެވެ. ގަލޮޅު އުތުރާއި މައްޗަންގޮޅީ އުތުރު ދާއިރާ އެވެ. އިންތިހާބުވި މެންބަރަށް އެ އަދަދުން ވޯޓް ލިބުމުގައި ވޯޓްތައް އެކި ކެންޑިޑޭޓުންނަށް ބެހިފައިވުން ބޮޑު ދައުރެއް އަދާ ކުރެ އެވެ.

މި ފަހަރުގެ އިންތިހާބު ގައި ފަސްހަ ކެންޑިޑޭޓަކު 700 ވުރެ މަދުން ވޯޓް ލިބި މެންބަރު ކަަމަށް އިންތިހާބުވިއިރު 1000 ވުރެ މާ އިތުރަށް ވޯޓް ހޯދި ފަސްހަ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އެވެ. ބައެއް ކެންޑިޑޭޓުން ވަނީ 1400 ވޯޓް ހޯދާފައެވެ. އެއީ؛

  •  ހޯރަފުށީ ދާއިރާ - އަހްމަދު ސަލީމް | 1469 ވޯޓް
  •  އަލިފުށީ ދާއިރާ - މުހައްމަދު ރަޝީދު ހުސައިން | 1318 ވޯޓް
  •  ގަމު ދާއިރާ - އަބްދުﷲ ޝަރީފް | 1273 ވޯޓް
  •  އިސްދޫ ދާއިރާ - އަހްމަދު ޝުހާދު | 1250 ވޯޓް
  •  ހިތަދޫ ދެކުނު ދާއިރާ - މުހައްމަދު ސިޔާމް | 1230 ވޯޓް

މީގެތެރެއިން ބައެއް ދާއިރާތަކަކީ ދެ ކެންޑިޑޭޓުން ކުރިމަތިލި ދާއިރާތަކެވެ. ބައެއް ދާއިރާތަކަށް އެއަށް ވުރެ އިތުރަށް ވެސް ކެންޑިޑޭޓުން ކުރިމަތިިލި އެވެ.

މި ފަހަރުގެ އިންތިހާބު ގައި ބައެއް ކެންޑިޑޭޓުން ވަނީ 2،000 ވުރެ ގިނަ ވޯޓް ހޯދާފަ އެވެ. އެންމެ ގިނަވޯޓާއެކު މަޖިލީހަށް އިންތިހާބުވީ ބާރަށު ދާއިރާ އިން އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު ވަނީ 2،400 ވޯޓް ހޯދާފައެވެ. ބައެއް ކެންޑިޑޭޓުން ވަނީ 1،700 އާ 1،500 އާ ދެމެދުގެ އަދަދުން ވޯޓް ހޯދާފައެވެ.

އިންތިހާބުގެ ނަތީޖާތަކުން ފެންނަ ގޮތުން ބައެއް ދާއިރާތަކަށް މެންބަރުން އިންތިހާބުވީ ވަރަށް މަދު އަދަދެއްގެ ވޯޓުންނެވެ. އަނެއް ބައި ދާއިރާތަކުން އެތައް ސަތޭކަ ވޯޓަކުންނެވެ. މި ފަރަގު މިހެން ހުރުމުގައި ދާއިރާތަކުގައި އާބާދީ ބެހިފައިވާ ގޮތް ބޮޑު ދައުރެއް އަދާ ކުރެ އެވެ. ވޯޓްގެ މި ފަރަގު މިހެން ހުރުމަކީ މުޅީން ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. ވޯޓްލާން ނުކުންނަ މީހުންގެ ނިސްބަތް މަދުވެ އިތުރުވުމާއި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން މަދުވެ ގިނަ ވުމަކީ ވޯޓްގެ ފަރަގު ހުންނާނެ ސަބަބުތަކެވެ.

އެއީ ގާނޫނަކުން ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ދާއިރާާތަކުގެ އާބާދީގައި ކޮންމެވެސް ވަރެއްގެ ހަމަހަމަ ކަމެއް ގެނައުމަށް ގާނޫނަށް ބަދަލު ގެނެވޭނެ އެވެ. މިހާރު އޮތް ގޮތުން އެއްވެސް ހަމަހަމަ ކަމެއް ނެތެވެ. އެއީ ކޮމިޝަނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ކޮމިޝަނުން މިހާރުވެސް ދާއިރާތައް ބަހާފައި އެވަނީ އެކަން ކުރެވޭނެ އެންމެ ރަނގަޅަށެވެ. ހަގީގީ މައްސަލައަކީ ގާނޫނުގައި ލިޔެފައި އޮތް ގޮތެވެ. ވިހިވަނަ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ޝީޓަށް ބަލާލުމުން ފެންނަނީ އެ ބަދަލު ގެންނަން ޖެހޭ މަންޒަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.