ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 20

އަޔާޒް އެހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. "އަޔާ.." ޝަރާ ދުވެފައި ގޮސް އަޔާޒްގެ ފަހަތުން އަޔާޒްގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ.

- އެޕިސޯޑް 20 –

އަޔާޒްގެ ގައިގައި ޝަރާ ބައްދާލީ ދުވަހަކުވެސް ދޫކޮށް ނުދާށޭ ބުނާ ފަދަ ބީދައަކުންނެވެ. އަޔާޒް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލޮލޮން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޔާޒް މަޑުމަޑުން ޝަރާއާ މޫނު ދިމާވާ ގޮތަށް އެނބުރުނެވެ.

"ޝަރާ.." 

އަޔާޒްގެ އަޑު ނުކުތީ ތުރުތުރު އަޅަމުންނެވެ.

ޝަރާގެ ބަޑި ފަޅައިގެން ދިޔައެވެ. ބާރަށް ރޯން ފަށަމުން ޝަރާ އޭނާގެ ބޯ ކޮއްޕާލީ އަޔާޒްގެ މޭގެ ތެރެއަށެވެ. އަދި ޝަރާގެ ދެއަތުން އަޔާޒްގެ ހަށިގަނޑު ވަރަށް ލޯތްބާއި އެކުގައި ވަށާލިއެވެ.

"އަހަރެން ކިހިނެއް އަޔާ ދޫކޮށްލާނީ؟ އަހަރެންނަށް އަޅެ ފަސޭހަ ވާނެތަ؟ އެކަމު އަޔާ... އަހަރެންނަށް މަޖުބޫރުވީ.. އަހަރެންނަށް އިނގޭ އަޔާގެ މަންމަ މި ކައިވެންޏަށް ޤަބޫލު ނޫންކަން ވެސް.. އަހަރެންނަށް ގޮތް ހުސްވީ އަޔާ.." ޝަރާ ރޮމުން އޭނާގެ ހިތުގައި އޮތް އިޙްސާސްތައް ބަންޑުން ކޮށްލިއެވެ.

"އަހަރެންނަށް އިނގޭ ޝަރާ.. އަހަންނަށް މާފު ކުރޭ! އަހަރެން ހީނުކުރަން އަހަރެންގެ މަންމަ އަހަރެންގެ އުފަލަކަށް ހުރަސް އަޅާފާނެ ކަމަކަށް.. އަހަރެން ދުވަހަކުވެސް.. ދުވަހަކުވެސް އުއްމީދު ކުރިކަމެއް ނޫން އެއީ.. އެހެންވެ އެވާހަކަ ޝަރާއަށް ހިއްސާ ކުރަން ބޭނުންވި ނަމަވެސް އެ ހިތްވަރު ނުލިބުނީ.. އެކަމާ ލަދުގަތީ.." އަޔާޒްގެ އިނގިލިތަކުން ޝަރާގެ އިސްތަށިގަނޑުގައި އިނގިލި ދުއްވަމުން އޭނާ ވާހަކަދެއްކިއެވެ.

ޝަރާގެ ދުލުން އަޔާޒްގެ މަންމަގެ ވާހަކަ ކިޔާ ދިނުމުން ޙަޤީޤަތުގައި އަޔުާޒް ވަރަށް އުފާވިއެވެ. އެއީ ޝަރާ ދުވަހަކުވެސް އަޔާޒް ދޫކޮށް ނުލާނެކަން ޔަޤީން ވުމުންނެވެ. އަޔާޒް ދެކެ ޝަރާ ވަނީ ވަރަށް މާތް މަތިވެރި ލޯތްބެއްކަން އެނގުމުންނެވެ. މައިދައިތަ އަކަށްޓަކާ ލޯބިވާ މީހާއާ ދުރަށް ދާން ނިންމާނީ ވަރަށް ހިތްވަރުގަދަ މީހެއްކަން ކަށަވަރެވެ. އަޔާޒްގެ މަންމަގެ ފަރާތުން ފެނިގެން ދިޔައީ އަޔާޒް ވަރަށް ހިތްހަމަނުޖެހޭ ސިފަތަކެކެވެ. އެންމެ ދެރަވީ ޝަރާގެ ގާތަށް އައިސް ޝަރާގެ އިޙްސާސްތަކާ ކުޅެގެން ވިޔަސް އަޔާޒް އާއި ޝަރާ ދުރުކުރަން ޒީމާ މަސައްކަތް ކުރީމައެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ސުހާ އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާއާ އެކުގައި އަބަދުވެސް އެންމެ ގާތުގައިވާ ބާލީހުގައި ބައްދާލައިގެންނެވެ. ސުހާގެ ހިތާއި ސިކުނޑީގައި ވަނީ އޭނާގެ މާޒީއެވެ. އެ ޚިޔާލުތަކާއި ފިކުރުތަކުން ދުވަހަކުވެސް ސުހާގެ ސިކުނޑިއަށް ތަސައްލީއެއް ނުލިބެއެވެ. އެހާ ލޯބިން އުޅެފައި، ވީނުވީއެއް ނޭނގި އޭނާގެ ލޯބިވެރިޔާ ގެއްލިގެން ދިޔުމުން އެ ލިބުން ހިތްދަތިކަމުން ސުހާއަށް އަދިވެސް އަރައިގަނެވޭ ގޮތެއް ނުވިއެވެ.

އެކަމަށް އެހީވާން ނަޒީރާ އަޔާޒްގެ ވާހަކަދެއްކީ ސުހާ ގާތުގައި މޫސުމީ ގޮތަކަށެވެ. މިހާރު އޭގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޔާޒްއޭ ކިޔާ މީހެއް ދުނިޔޭގަ ހުރިކަން ވެސް ސުހާއަކަށް ނޭނގެއެވެ. އެހެންނޫނަސް އެއީ ސުހާ އެއްވެސް ވަރަކަށް ވިސްނާ ކަމެއް ނޫނެވެ. ސުހާއަށް ޔަޤީންވާ ކަމަކީ އޭނާއަށް އިތުރު އެހެން މީހެއް ދެކެ ލޯބި ނުވެވޭނެ ކަމެވެ. ސުހާގެ ހިތުގައި ރަން އަކުރުން ފަވާލެވިފައިވާ ލޯތްބަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ވިޔަސް އެކަން އޭނާއަށް ނުވާނެ ކަމެވެ.

ނަޒީރާ ހުންނަނީ ލަދުންނެވެ. އެއްވެސް މަޔަކަށް ނަޒީރާ ހުރި ޙާލަތުގައި ހުންނަން ފަސޭހައެއް ނުވާނެއެވެ. ނަޒީރާގެ ދަރިފުޅު ސުހާގެ ޙަޔާތަށް އާރޯކަމާއި ތާޒާކަން ގެންނަން ނާޒީރާ ވަރަށް އެދެއެވެ. ވަރަށް ބޭނުން ވެއެވެ. އަބަދު އޭނާގެ ދަރިފުޅު އެހެން ކޮޓަރީގައި ހިތާމަ ކުރަން ވެއްޖިއްޔާ އެފަކީރު ނަފްސާނީ ވެދާނެ ކަމުގެ ބިރު އަބަދުވެސް ނަޒީރާގެ އޮވެއެވެ. އެއީ ޒީމާއާ ގުޅިގެން އަޔާޒްގެ ކަންތައް ވެސް ކުރަން ނަޒީރާ އުޅުން މައިގަނޑު ސަބަބެވެ. ނަމަވެސް އެކަމުން ވެސް ސުހާއަށް ދިރުމެއްގެ ހުވަފެން ދެއްކުމަށްފަހު ޖެހުނީ ފަހަތަށް ޖެހިލާށެވެ.

އަޔާޒްއާ މެދު ދުށް ހުވަފެން ބިލާހަކަށް ވުމުން، އެއީ ނަޒީރާއަށް ލިބުން ބޮޑު ހިތްދަތިކަމެކެވެ. އެންމެ ބޮޑު ހިތާމައަކޯ ދަރިފުޅާ ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ. އެވާހަކަ ދައްކާނެ ގޮތެއް، ހިތްވަރެއް މައެއްގެ ހައިސިއްޔަތުން ނަޒީރާގެ ނެތެވެ. ކޮންމެ ދުވަހަކު އިރު އަރާ އޮއްސޭއިރު ސުހާގެ ހާލަތާ މެދުގައި ދެރަވެ ހިތާމަ ކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނަޒީރާއަކަށް ނެތެވެ.

***

"ދަރިފުޅާ އާދޭ ސައިބޯން.." 

އަޔާޒް ކޮޓަރިން ނުކުތް އިރަށް ޒީމާ ހިނިތުން ވުމަކާ އެކުގައި ބަލައިލީ އަޔާޒަށެވެ. އެވަގުތު ކާގޭ މޭޒު ކައިރީގައި އިށީންދެގެން ޔޫސުފް އިނެވެ.

"ތެދެއް ދަރިފުޅާ! އާދޭ ސައިބޯން.. ބައްޕަ ވެސް މި ފަށަނީ.." 

ޔޫސުފް މޭޒާ އިތުރަށް ގާތް ވެލަމުން ކެއުމާއިގެން ޝާމިލް ވެލަން ތައްޔާރު ވެލިއެވެ.

"އަހަރެން ނުބޯނަން! ތީ އަހަރެން ދެކެ ލޯބިވާ މަންމައެއް ނޫން.." 

އަޔާޒްގެ އަޑުގައި ވަނީ ނުރުހުމުގެ ރާގެކެވެ. ޒީމާގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. ޔޫސުފަށް ލިބުން ހައިރާން ކަމުން އޭނާ ކުއްލިއަކަށް ގޮޑިން ތެދުވިއެވެ.

"ކީކޭ ދަރިފުޅާ؟" 

ޔޫސުފް އަހައިލީ ހައިރާން ކަމާއެކުގައެވެ. މިއިން ދުވަހެއްގައި ވެސް އަޔާޒް އަކީ އެފަދަ ގޮތަކަށް ވާހަކަދައްކާފައިވާ ދަރިއަކަށް ނުވާތީއެވެ. ޒީމާ އިންތިހާއަށް ބިރުގަންނަން ފެށިއެވެ. އަޔާޒް ހުރީ ކަޅި ޖަހާ ނުލާ ޒީމާއަށް ބަލާށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.