ސިޔާސީ އެކުވެރިޔާއަށް ޅެން ބަހުރުވައިން އަބްދުއްރަހީމް ނަސޭހަތް އަރުވައިފި

ވަރަށް މަދު ތަނެއް، އަދި މަދު އިންޓަވިއުއެއްގައި ނޫނީ ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ އަބްދުއްރަހީމް ވާހަކަފުޅު ނުަދައްކަވަ އެވެ. ރައްދު ދެއްވި ތަނެއްގައި ރައްދު ދެއްވާފައި ވަނީ ވެސް އިހުތުރާމާއެކުގަ އެވެ.

ރައީސް ޔާމީން އާއި އަބްދުއްރަހީމާ ދެބޭފުޅުން: ސިޔާސީ ގޮތުން މިވަގުތު ތިއްބެވީ ދެ ޕްލެޓްފޯމެއްގައި

ކުރީގެ ރައިސް އަބްދުﷲ ޔާމީނާއެކު އޮތް ގާތް ގުޅުން ކެނޑިފައިވާ އެ މަނިކުފާނުގެ ކުރީގެ ސިޔާސީ ވަފާތެރިޔާ، އަދި މަޝްހޫރު ޅެންވެރިޔާ އަބްދުއްރަހީމް އަބްދުﷲ ގެ ފަރާތްޕުޅުން ރައީސް ޔާމީނަށް އަމާޒުވާ ގޮތަށް މިއަދު ނަސޭހަތުގެ ޅެމެއް ހައްދަވާ ޝާއިއު ކުރައްވައިފި އެވެ. 

އަދި މި ޅެން ސިޔާސީ އިންޒާރަކަށް ވެސް ފުދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސީނިއާ މިނިސްޓަރު އަދި އެ މަނިކުފާނުގެ މުޝްތަޝާރުލް އައުޒަމްގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް "އަރަފާގެ ނަސޭހަތް" އެ ނަމުގައި ޅެމެއް ހައްދަވާފައި ވަނީ މިއަދުގެ ތާރީހުގަ އެވެ. "އަރަފާ" އަކީ އަބްދުއްރަހީމްގެ ގަލަމީ ނަންތަކުގެ ގޮތުގައި ބޭނުންފުޅު ކުރައްވާ "ބަނަފުސާ" އާއި "އަރަފާ" މި ދެ ނަމުގެ ތެރޭގައި ހިމެނުމުގެ އިތުރުން އެ މަނިކުފާނުގެ އާއިލީ ވިޔަފާރީގެ ވެސް ނަމެވެ. 

މި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ހޮވި ވަޑައިގެންފައިވާ އަބްދުއްރަހީމް އެ މަނިކުފާނުގެ ޅެމުގެ ފުރަތަމަ ތިން ބައިތުގައި މިހެން ލިޔުއްވާފައި ވެއެވެ: 

އޭ އަހާ ފިތުނައިގެ ހޫނުން ހިތް އެކީ ފިއްސާ ނުލާ،
އޭގެ ދިލައިން ތިޔަ މެއާ ފިތް، ގަސްދުގައި ވިރުވައި ނުލާ!

ބާރުވެރިކަން ފުރޮޅެމުންދާ ދިއުމުގައި ހިތް ދަތިވިޔަސް،
ޔާރުނާ މިތުރުންގެ ޝަރަފާ ގަދަރު ވެއްޔާ މޮޑެ ނުލާ!

މީހަކަށް ލިބުނަސް މޮޅެއް އެކަމާމެދު ކަންބޮޑުވެގެން 
ނީހައިން އުފެދޭ ގިނީގައި މުޅި ހަޔާތް އަންދާ ނުލާ!


އަދި އަބްދުއްރަހީމް އޭނާގެ އެ ޅެން ނިންމާލަވާ ލައްވަމުން ފަހު ބައިތުގެ ގޮތުގައި މި ބައިތު ލިޔުއްވާފައި ވެއެވެ:

މީ ނަސޭހަތެކޭ ދެވޭ "އަރަފާ" ގެ އިހުލާސްތެރި ހިތުން
ފީނަމުން މާޒީގެ ތެރެއަށް ދާއިރު ހަނދާން ނައްތާ ނުލާ!

އަށް ބައިތު ހިމެނޭ ޅެމުން ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ނަސޭހާތް ދޫކޮށްލެވި ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަބްދުއްރަހީމް ވިދާޅުވެފައެއް ނުވެއެވެ. 

އަދި އެ ޅެމާ ގުޅިގެން އެމަނިކުފާނަށް "މިރާ" އިން ގުޅައި ސުވާލު ކުރުމުން ވެސް ވިދާޅުވީ "މާ ރަނގަޅަށާއި މާ ގިނައިން ޅެން ހައްދަވާ" ނޫޅުއްވާ ކަމަށެވެ. އެކަމަކު "ޅެންތަކުގެ މާނަ ޅެންވެރިންގެ ބަނޑުގައި އޮންނަ ކަމަށް ބުނާ އަޑެއް" އައްސަވާ ކަމަށެވެ. ދެން އެހެން ވާހަކަފުޅެއް ވިދާޅެއް ނުވި އެވެ.

އަބްދުއްރަހީމް ދޫކޮށްލެއްވި ނަސޭހަތުގެ އެ ޅެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ މިއަދު ޝެއާ ކުރުމާއެކު އެއަށް ކޮމެންޓްތައް ވެސް ކުރަމުންނެވެ. އެ ޅެން ވަރަށް ބޮޑަށް ވައިރަލްވެފައި ވެއެވެ. 

ރައީސް ޔާމީންގެ އެންމެ ވަފާތެރި ސިޔާސީ އެކުވެރިޔާ ކަމުގައި މިދިއަ 12 ވަރަކަށް އަރު ދުވަހު ހުންނެވި އަބްދުއްރަހީމާއި ރައީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުމުގައި ކުނި ޖެހި ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ކެނޑުނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭ ގޮތް ނުވުމުން އެ އިންތިހާބު ބޮއި ކޮޓް ކުރަން ރައީސް ޔާމީން ޖަލުގައި ހުންނަވައި އެންގެވުމުން އެކަން އަބްދުއްރަހީމް ގަބޫލުފުޅު ނުކުރައްވާ ދޫކޮށްލެވުމާއެކު، ގެންނެވި ބަދަލުގައި ވެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމާ ހަމައިން އުފެދުނު މައްސަލަތަކާއެކު އަރައިރުން އުފެދި ބައިބައި ވެގެން ގޮސް ޕީޕީއެމުން ރައީސް ޔާމީން ވަކިވެވަޑައގަތް ހިސާބުންނެވެ.

އަބްދުއްރަހީމަކީ "ސިޔާސީ އެންމެ ބޮޑު ވަފާތެރިޔާ" ކަމަށް ސިފަ ކުރެއްވި ރައީސް ޔާމީން އޭގެ ފަހުން ގެންދަވަނީ އެ މަނިކުފާނު ވާހަފުޅު ދައްކަވާ ކޮންމެ ތަނެއްގައި އަބްދުއްރަހީމަށް ބަހުގެ ހަމަލާ ދެއްވާ ދިމާ ކުރައްވަމުންނެވެ. އަދި ބައެއް ފަހަރަށް ފުރައްސާރައަށް ގޮތަށް ވެސް ވާހާކަފުޅު ދައްކަވާފައި ވެއެވެ. 

ނަމަވެސް ވަރަށް މަދު ތަނެއް، އަދި މަދު އިންޓަވިއުއެއްގައި ނޫނީ ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ އަބްދުއްރަހީމް ވާހަކަފުޅު ނުަދައްކަވަ އެވެ. ރައްދު ދެއްވި ތަނެއްގައި ރައްދު ދެއްވާފައި ވަނީ ވެސް އިހުތުރާމާއެކުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.